ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާން ޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 11

އަބްދުﷲ ފާރޫގް ހަސަން

3. ޖިހާދާއި އީމާންކަމާވަނީ ގުޅިލައިމެހިފައެވެ.

އީމާންކަމަށް އިތުރު ކަށަވަރުކަމެއް ލިބެނީ ޖިހާދުކުރުމުންނެވެ. ޖިހާދަކީ މުއުމިނުންގެ އެންމެ މުހިންމު ވާޖިބުތަކުގެ ތެރެއިން އެއްވާޖިބެވެ. ޖިހާދުގައި ބައިވެރިވުމުގެ ޖަޒާއަކީ ދުނިޔޭގައި ގިނަގުނަވެގެންވާ ފައިދާއާއި މަންފާއެވެ. ލާބައެވެ. އާޚިރަތުގައި މަރެއްގެފިކުރުވެސް ނެތް އަދި ޚިޔާލަށްވެސް ނުގެނެވޭހައި ނިޢުމަތްހުރި ސުވަރުގޭގައި އާބާދު ކުރެއްވުމެވެ. ޖިހާދުގައި ބައިވެރި ނުވުމުގެ ސަޒާއަކީ ދުނިޔޭގައި ވެސް އާޚިރަތުގައިވެސް ގެއްލުމާއި ހަލާކެވެ. ދެރަކަމެވެ. ދުނިޔޭގައި ނިކަމެތިކަމާއި މިސްކީނުކަމެވެ. ތިމާމެންގެ އާރެއް ބާރެއް ނެތުމެވެ. އިއްޒަތެއް ކަރާމަތެއް ނެތުމެވެ. އާޚިރަތުގައި ނަރަކައިގެ ވޭންދެނިވި އަޒާބެވެ.

ދުނިޔެފެށުނީއްސުރެ ހައްގާއި ބާޠިލުގެ ހަނގުރާމަ ދަނީ ހިނގަމުންނެވެ. އިންސާނީ ޝުޢޫރުގައި ހައްޤާއި ބާޠިލުގެ ފަރަގު ދެނެގަތުމުގެ ބާރުލެއްވީއްސުރެން ހެޔޮކަމުގެ އަހްލުވެރީންގެ މަސައްކަތަކީ ބާޠިލުގެ ކިބައިން ޙައްޤު ރައްކާތެރިކުރުމެވެ. ޙައްޤުގެ އަހްލުވެރީން ބާޠިލުގެ އަހްލުވެރީންގެ ކިބައިން ޙިމާޔަތް ކުރުމެވެ. އެކަމަށްޓަކައި ޖިހާދުކުރުމަކީ ހައްޤުގެ އަހުލުވެރީންނަށް ނުކޮށްދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

4. މަރުވާނެ ވަގުތު ވަނީ ކަނޑައަޅުއްވައިފައެވެ.

އިންސާނާ ހަނގުރާމައިގެ މައިދާނުގައި ހުރިކަމުގައިވިޔަސް ކިއްލާއެއްގެ ޙިމާޔަތުގައި އުފާފާގަތިކަމުގެ މަހެފިލެއްގައި ހުއްޓަސް ކަނޑައަޅުއްވައި ލިޔުއްވައިފައިވާ ވަގުތުގައި މަރު އައިސް ބައްދަލުކުރާނެއެވެ. ކަނޑައެޅިފައިވާ ވަގުތުގެ ކުރިޔަކުވެސް އެޔަށްވުރެ ފަހަކުންވެސް މަރެއް ނާންނާނެއެވެ. އިސްލާމްދީނުގެ މިޢަޤީދާވަނީ މުޖާހިދުންގެ ހިތްތަކުން ބިރުފިލުވައިފައެވެ. މުޖާހިދުންނަކީ ސިހިގެންފަހަތަށް ނުޖެހޭ، ޖެހިލުންނުވާ ބަޔަކަށް ހަދައިފައެވެ. ފިނޑިކޮށް ދެރަކޮށް ނުލެވޭނެ ބަޔަކަށް ހަދައިފައެވެ. ނުހަނު ކެތްތެރި ބަޔަކަށް ހަދައިފައެވެ. ލޯލިތައް ކޮޅަށްޖެހޭފަދަ ނިރުބައިގެ ތެރޭގައި ވެސް ފިސާރި މަތިހަށި ނަގައި އިސްއުފުލައި ލައިގެން ތިބެ ކުރިއަރަމުން ދެވޭ ފަދަ ބަޔަކަށް ހަދައިފައެވެ.

5. މުސްލިމެއްގެ ހަޔާތުގެ މަޤްސަދަކީ ޝަހީދުވުމެވެ.

މުޖާހިދެއްގެ ހަޔާތުގެ ކުރިގަނެވި ބޮންތި އަތުވުމަކީ މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރަމުންގޮސް ޝަހީދުވުމެވެ. ޑޮކްޓަރ ޢައްލާމާ މުޙައްމަދު އިޤްބާލު ރަޙިމަހު ﷲ ގެ ޅެންބައިތެއްގައިވެއެވެ.

މުއުމިނެއްގެ ހަޔާތުގެ މަޤްޞަދަކީ އަދި ލަނޑުދަނޑިޔަކީ ޝަހީދުވުމެވެ.

ޣަނީމާ މުދާ ހޯދުމެއްނޫނެވެ. ރަށްތައް ހިފައި ވެރިކަން ފުޅާކުރުމެއްނޫނެވެ.

ޝަހީދުވުމުގެ އުޖޫރަޔަކީ ސުވަރުގޭގެ އަބަދީ ދިރިއުޅުމެވެ. އުފާފާގަތިކަމާއި، ހިތްގައިމުކަމެވެ. އަރާމާއި ލައްޒަތެވެ.

6.އުނގެނުމާއި މެދުކެނޑުމެއްނެތި ތަމްރީނު ހޯދުން

ޢިލްމާއި ހުނަރުގެ ކޮންމެ ދާއިރާ އެއްގައިވެސް މަތީދަރަޖަ ހާސިލުވުމުގެ ޝަރުތަކީ އެފަންނެއް އުނގެނުމާއި މެދުކެނޑުމެއްނެތި ތަމްރީނު ހޯދުމެވެ. އަސްކަރީ ހުނަރުތަކަށް ބަލާއިރު އެހުނަރުތައް ދަސްކުރުމާއި ހުއްޓައިނުލައި ތަމްރީނުކުރުމުގެ އެތަކެއް ފައިދާ ތަކެއް ހިމެނެއެވެ. އެއްފައިދާއަކީ ހަށިގަނޑުގެ ގުނަވަންތަކުގެ ވާޅުކަން ފިލައި ހީވާގިވުމެވެ. ހޭލުންތެރިކަމާއި ހުސިޔާރުކަން އައުމެވެ. ކަމާގުޅޭ ހިއްސުތަކާއި ހިތަށް އެއްގައިކަންލިބުމެވެ. އެހުރިހައި ހިއްސުތަކަކާއި ގުނަވަންތަކެއް އެކައްޗަކަށްވެގެން އަމިއްލަޔަށް ހިނގާ މެޝިނެއް ފަދައިން އެއްފުރޮޅެއް އަނެއް ފުރޮޅަކާގުޅިގެން އެކުގައި މަސައްކަތް ކުރާން ފެށުމެވެ. ނުހަނު ހޭލުންތެރިކަމާއެކުގައެވެ. ނުހަނު ހައްސާސުކަމާއެކުގައެވެ.

އަސްކަރީ ފަންނުތައް އުނގެނުމާއި ހުއްޓައިނުލައި ތަމްރީނު ހޯދުމުން އެކަމުގެ އަމާޒަކީ ސާލިހު އަމާޒެއް ކަމުގައިވާނަމަ އެދެވޭ ނަތީޖާ ފެންނާންފަށައެވެ. އެހެންކަމުން އަސްކަރީ ތަރުބިޔަތުގައި އެކަމުގެ އަހަންމިއްޔަތުގެ ވާހަކަޔަކީ މިނަށްވުރެ ކަންބޮޑުކޮށްގެން ދެއްކޭ ވާހަކައެއް ނޫނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެ މަސައްކަތްޕުޅު ހިންގައިލެއްވީ އަސްކަރީ މާހިރެއް ފަދައިންނެވެ. ނަމޫނާ ކޮމާންޑަރ އިންޗީފަކު ފަދައިންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ މުޖާހިދުންނަށްޓަކައި އެކަށައެޅުއްވި އަސްކަރީ ތަމްރީނުގެ އުސޫލުތަކާއި ގަވައިދުތަކަކީ ފުރިހަމަ ކަމުގައި ނަމޫނާ އުސޫލުތަކެކެވެ. ގަވާއިދު ތަކެކެވެ. ނަމަވެސް އެކަންކަން ވަނީ މިޒަމާނުގެ ގޮތަށް ކަރުދާހުގައި ލިޔެވިފައެއްނޫނެވެ. ގެޒެޓުކުރެވިފައެއްނޫނެވެ. އެކަންކަން ބަޔާންވެފައި ވަނީ އިތުރުސާހިބާގެ ބަސްފުޅުތަކުގައެވެ. ދެއްވާ އިރުޝާދުފުޅުތަކުގައެވެ. އެމާތްސާހިބާ ދެއްވާ ކޮންމެ އިރްޝާދަކީ މުއުމިނުންގެ މައްޗަށް އަމުރުފުޅެއްގެ ދަރަޖަ ލިބިފައިވާ ކަމެކެވެ. އިތުރުސާހިބާ ގެންދެވީ މުޖާހިދުންނަށް މެދުކެނޑުމެއްނެތި އިރްޝާދާއި ނަސޭހަތް ދެއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މުޖާހިދުންގެ ހިތްޕުޅުތަކުގައި އުފެދިގެންދިޔައީ ވަރަށް ވަރުގަދަ އިންގިލާބީ ރޫހެކެވެ. އެބޭކަލުން ތަމްރީނު ވެވަޑައިގަންނަވަމުން ގެންދެވީ މުޅިންވެސް އެބޭކަލުން ކުރައްވާ ހިތްޕުޅުން ކުރައްވާ ހިލޭ ސާބަހުގެ އަމިއްލަފުޅު މަސައްކަތްޕުޅެއްގެ ގޮތުގައެވެ. ސަހާބީން އަމިއްލަފުޅަށް އެކި ކޯޅިކޯޅިޔަށް ބެހިވަޑައިގެން ހަތިޔާރުގެ ބޭނުން ކުރައްވަން ފަރިތަކުރައްވަމުންގެންދެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އިރްޝާދާ އެއްގޮތަށް އެޒަމާނުގެ ހުރިހާ ހަތިޔާރުތަކެއް ބޭނުން ކުރައްވާން ދަސްކުރެއްވުމާއި ފަރިތަކުރެއްވުމަކީ ސަޙާބީންގެ އާދަފުޅަކަށްވަނީ ހައްދަވައިފައެވެ. އެހެންކަމުން މުޖާހިދުން ތަމްރީނުކުރަން އިސްލާމީ ދައުލަތުން ހިނގީ ވަރަށްވެސް ކުޑަކުޑަ ޚަރަދެކެވެ.

އެދުވަސްވަރުގެ އަރަބީންގެ ހެވިކަމުގެ ހުނަރުތަކުގެ ތެރޭގައި ހިމެނެނީ އަމާޒުފަތްގަނޑަށް ދުނިއުކުމާއި، ލޮންސީގެ އުކުޅުތަކާއި، ކަނޑިހެވިކަމާއި އަސްދުއްވުން ފަދަކަންކަމެވެ. އެދުވަސްވަރު އާއްމުވެފައިވާ ހަތިޔާރުތަކުގެ ތެރެއިން ދުނިއުކުމަކީ އިތުރު ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޚާއްޞަ ބާރެއްލައްވައިފައި އެކަން އުނގެނި ދަސްކޮށް ފަރިތަކުރުމަށް އިރްޝާދު ދެއްވި ކަމެކެވެ. އެކަމާބެހޭގޮތުން ވިދާޅުވެފައިވާ ދެބަސްފުޅެއް މިތާނގައި ނަކަލުކޮށްލަމެވެ.

"އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ތީރެއްގެ ޒަރީޢާއިން ތިންމީހަކު ސުވަރުގެ ވައްދަވާނެއެވެ. އެކަކީ އެތީރު ހެދި މީހާއެވެ. އެކަމުގައި އޭނާގެ ހިތުގައި ހެޔޮކަމުގެ އުންމީދެއް އޮތްކަމުގައިވާނަމައެވެ. ދެވަނަ މީހަކީ އެތީރުއެއްލި މީހާއެވެ. ތިންވަނައީ އެކަމަށް އެހީތެރިވި މީހާއެވެ. އެހެންކަމުން ތިޔަބައިމީހުން ދުނިއުކުމަށާއި އަސްދުއްވަން ފަރިތަކުރާށެވެ. އާނއެކެވެ. ތިޔަބައިމީހުންގެ އަސްދުއްވުމަށްވުރެ ބޮޑަށް އަހުރެން ލޯބިކުރަނީ ތިޔަބައިމީހުންގެ ދުނިހެވިކަމަށެވެ." (އިބްނުމާޖާ، ކިތާބުލްޖިހާދި)

"ދުނިއުކުމުގެ ހުނަރު ދަސްކުރުމަށްފަހު އެކަންދޫކޮށްލައިފިމީހާ ނިއުމަތެއް ލިބުމަށްފަހު އެނިއުމަތް ދޫކޮށްލައިފިއެވެ." (ޠަބަރާނީ – ޝަރަހަ ޖާމިއުއްޟަޣީރު)

ކައުސާހިބާގެ މި ޙިކުމަތްތެރި ނަސޭހަތްޕުޅުގެ ވާހަކަ ދައްކައި ލިޔެހަދާއިރު އާއްމުކޮށް އަޅުގަނޑުމެން އެނަސޭހަތްޕުޅުގައި ފޮރުވިފައިވާ ބުއްދިވެރި އެއްނުކުތާއެއް ފާހަގަނުކޮށް ދޫކޮށްލަމުއެވެ. އާދެ، އެނުކުތާއަކީ އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދުރަށް ހަމަލަދެވޭ ހަތިޔާރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވިކަމެވެ. ދުރަށް ހަމަލަދެވޭ ހަތިޔާރަކަށް އެޒަމާނުގައި އީޖާދުވެފައިވަނީ ދުންޏެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަވަނީ އެ ހަތިޔާރު މޮޅަށް އުފެއްދުމަށާއި، އެހަތިޔާރު ބޭނުން ކުރުމުގެ ހުނަރު ތަރައްޤީކުރުމަށާއި، އެކަމަށް އެހީވުމަށް އިރްޝާދުދެއްވައިފައެވެ. އެކަންވަނީ އެމާތް ސާހިބާގެ ރިވެތި ސުންނަތެއްކަމުގައި ހައްދަވައިފައެވެ.

7. ބުރަކޮށް މަސައްކަތް ކުރުމާއި ކެތްތެރިވުމުގެ ތަރުބިޔަތު

މިއީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޢަސްކަރީ ތަރުބިޔަތުގައި ވަރަށް އިސްކަންދެއްވި ލާޒިމީ ބައެކެވެ. އެ ތަރްބިޔަތުގެ ސަބަބުން ސިފައިންގެ ބަރުދާސްތުކުރުމުގެ ބާރު އިތުރުވެއެވެ. އިންތިހާދަރަޖައިގެ ނުރައްކާތެރި އަދި ބިރުވެރި ދަނޑިވަޅުތަކުގައި ވެސް ކެތްތެރި ވެވެއެވެ. ހިއްސުތައް ފުރިހަމަޔަށް ހަމައިގައި ހިފެހެއްޓެއެވެ. ދިމާވާ އެންމެ ނުސިޔާނު ހާލަތްތަކާވެސް ކުރިމަތިލައި އެ ހާލަތެއް ފަހަނަޅައި ކުރިޔަށްދިޔުމުގެ ގާބިލުކަން އުފެދެއެވެ.

މުހާޖިދުންނަށް އާދަކޮށްދެއްވީ ޚުދު އެމާތްސާހިބާ ފަދައިން ނުހަނު ބުރަކޮށް އަދި އެހައިމެ ސާދާކޮށް ދިރިއުޅުއްވުމަށެވެ. މުޖާހިދުންގެ ކިބައިގައި ކެތްތެރި ވެވަޑައިގަތުމާއި ބަރުދާސް ކުރެއްވުމުގެ ގާބިލިއްޔަތު އުފެއްދެވުމަށްޓަކައެވެ. އެގޮތުން ރަމަޟާން ނޫން އެހެން މަސްމަހުގައި ސުންނަތްރޯދަ ހިއްޕަވަން ފަރިތަކޮށްދެއްވައި އާދަކުރެއްވިއެވެ. ރޭގަނޑު ތަހައްޖުދު ނަމާދު ކުރައްވަން އާދަކޮށްދެއްވިއެވެ. ފަޤީރުކަމާއި ހައިހޫނު ކަމުގައި އުޅުއްވުމަށް ލޯބި ޖެއްސެވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކައުސާހިބާގެ އާދަފުޅަކީ ހަނގުރާމައިގެ މައިދާނުގައިވެސް އަމިއްލަފުޅު ގެކޮޅުގައިވެސް އަރާމާއި ރާހަތުގެ އެއްޗެއްސާ ދުރުވެ ވަޑައިގެން ވަރަށް އާދައިގެ ކުރަކި ޙަޔާތްޕުޅެއްގައި ދިރިއުޅުއްވުމެވެ. އަމިއްލަފުޅު ކޮންމެ މަސައްކަތްޕުޅެއް އަމިއްލަފުޅަށް ކުރެއްވުމަކީ އެމާތް ސާހިބާގެ ޝިއާރެކެވެ. އެހެންކަމުން ހުރިހާ މުއުމިނުންވެސް އެ ގޮތް ނަކަލު ކުރެއްވުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން އަތްފައިން މަސައްކަތްކޮށްގެން ދިރިއުޅުމަކީ އެންމެހައި މުސްލިމުންގެ ޝަރަފެއްއްކަމުގައި ވިއެވެ. މިއީ، މުޖުތަމައަށް ވަރަށް ބޮޑު އިންގިލާބެއް ގެނުވި ކަމެކެވެ. ހުއްދަނޫން މުއްސަނދިކަމާއި، މަޖަލާއި އަރާމުގައި އުޅޭމީހުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވީކަމެކެވެ. މުސްލިމު މުޖާހިދުންގެ ބަލިބުރަކަން ފިލައި މުސްލިމުން މުޖާހިދުންނަކީ ނުހަނު މުރާލިފުޅު ހީވާގިފުޅު ބަޔަކަށްވިއެވެ. ވަރުބަލިފުޅުކަމެއް ނެތި މަސައްކަތް ކުރެއްވުންއާދަވެފައިވާ ބަރުދާސްތު ކުރެއްވުމާއި ކެތްތެރި ވެވަޑައިގެންނެވުމުގެ ނަމޫނާ ބައެއްކަމުގައިވިއެވެ.

(ނުނިމޭ)