އުރީދޫ މޯލްޑިވްސް

އުރީދޫއަށް އާ ސީއެފްއޯއެއް ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްއަށް އާ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމަށް މިސްޓާ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ 17 ސެޕްޓެމްބަރު 2019 އިން ފެށިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށެވެ.

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިން ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސާވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައިވެސް މަސައްކަތްކޮށްފައެވެ. ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ބާލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައެވެ.

އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަށް އެކުންފުނިން ވަނީ މަރުހަބާ ދަންނަވާފައެވެ. ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްގެ އެހީތެރިކަމާއި ލީޑާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ކުންފުނިން ބުނެއެވެ.