ޚަބަރު

ނޫމަޑި އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި އާބިޓްރޭޝަނަށް މުއިއްޒު ދިން ބަޔާން މަޖިލީހުން ދިރާސާކުރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމާ ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނެދަލޭންޑްސްގެ އާބިޓްރޭޝަނަކަށް ދެއްވާފައިވާ ބަޔާން ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

އޭގެ އިތުރުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނާ ގުޅިގެން މައުލޫމާތު ސާފުކުރަން އަންނަ ހޯމަ ދުވަހު އޭނާ ކޮމެޓީއަށް ހާޒިރުކުރަން އެކޮމެޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ސަރުކާރުގެ އިސް ބޭފުޅުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނޫމަޑި އެއްބަސްވުންތައް ބާތިލުކުރީ ރަނގަޅަށް ނޫން ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިޔުމެއްގައި މުއިއްޒު އިއުތިރާފްވެވަޑައިގެންނެވި ކަމަށެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެކުންފުނިން ހުށަހެޅިއެވެ.

ނަމަވެސް ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (849،750،000ރ.) ދައުލަތުން ވަނީ ދީފައެވެ.

ސަރުކާރުން އެގޮތަށް ނިންމީ، އެ މައްސަލަ އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް، ސެޓެލްމަންޓް ކޮމިޓީ މަޝްވަރާކޮށް ރައީސްއަށް ލަފާ އެރުވުމުން، އެމަނިކުފާނުގެ ހުއްދައާއެކު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.