ޓެކްނޮލޮޖީ

ހަތަރުފަށްކޮށްލެވޭ ފޯނެއް ސެމްސަންގް އިން ދައްކާލައިފި

މަރިޔަމް ޝަހުދާ

ސެމްސަންގްގެ ގެލެކްސީ ފޯލްޑް މޮޑެލްގެ ހަތަރުފަށް ކޮށްލެވޭ ފޯނެއް ސެމްސަންގް ކުންފުނިން ދައްކާލައިފި އެވެ.

ސެމްސަންގް ކުންފުނީގެ މި އާ އުފެއްދުން ދައްކާލާފައިވަނީ އެމެރިކާގައި ބޭއްވި ސެމްސަންގް ޑިވަލޮޕާ ކޮންފަރެންސް 2019 ގައެވެ. ސެމްސަންގް ކުންފުނިން އެންމެ ފުރަތަމަ ''ފޯލްޑް'' ކޮށްލެވޭ މޮޑެލެއްގެ ފޯނެއް މާކެޓަށް ނެރެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ ފޯނަކީ އެއްފަހަރު ފަތްޖެހޭ ފޯނެކެވެ.

ނަމަވެސް ސެމްސަންގް އިން އިއްޔެ ދައްކާލި ފޯނަކީ ދެފަހަރު ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. އެ ކުންފުނިން ވަނީ މި ފޯނުގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި އާ ޑިޒައިނާއެކު މިހާރު މަސައްކަތް ކުރަނީ ފަސޭހައިން ޖީބަށް ލެވޭވަރުގެ ފޯނު ތައްޔާރު ކުރުމަށެވެ. އަދި ފޯނު ހަތަރު ފަށްކޮށްލުމުން ފަސޭހަކަމާއެކު ޖީބަށް ލައިގެން އުޅެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސެމްސަންގް އިން ތައްޔާރު ކުރަމުން އަންނަ މި ފޯނު އާންމުންނަށް ދައްކާލި ނަމަވެސް މާކެޓަށް ނެރޭނެ ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.