ގެރެތު ބޭލް

ބޭލްއަށް އިނގިރޭސި ބޮޑުވަޒީރުގެ ނަމެއް ނޭނގޭ

އިނގިރޭސިވިލާތުގެ މާގިނަ ކަންތައްތަކެއް ނޭނގޭ ކަމަށާއި ގައުމުގެ މިހާރުގެ ބޮޑުވަޒީރުގެ ނަމެއް ވެސް ނޭނގޭ ކަމަށް ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް ބުނެފިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާގެ ކުރިމަގާ މެދު މީޑިއާގައި ސުވާލު އުފައްދާފައިވެއެވެ. އެކަމާ ގުޅިގެން އޭނާ ފެނިގެންދިޔައީ ނޫސްވެރިންނާ ވަރަށް ދުރުގައި އުޅުނު މަންޒަރެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޓެލެގްރާފް"އަށް ބޭލް ދިން އިންޓަވިއުއެއްގައި ބުނީ މިހާރުގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ގޮލްފް ކުޅެވޭ ނަމަ އޭނާ ހުންނާނީ އުފަލުގައި ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ހިނގާ ކަންތައްތައް ނޭނގޭކަން ފާހަގަކޮށް ބޭލް ބުނީ އިނގިރޭސި ބޮޑުވަޒީރުގެ ނަން ވެސް ނޭނގޭ ކަމަށެވެ.

ބޭލް އެހެން ބުނެފައިވާ އިރު، ތެރޭސާ މޭ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވީ ބޮރިސް ޖޯންސަންއެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

"އަހަރެންނަކަށް ފޯނުގައި ހުންނަ މައުލޫމާތުތަކެއް ނޭނގޭ. އާންމުކޮށް އަހަރެންގެ އެކުވެރިން އެއްޗެއް ފޮނުވުމުން ނުވަތަ އަހަރެންގެ އެޖެންޓް އެއްޗެކޭ ބުނުމުން މައުލޫމާތުތައް އެނގެނީ. ކަންކަމަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެން. އަހަރެންނަށް އިނގިރޭސިވިލާތުގެ މާގިނަ މައުލޫމާތުތަކެއް ވެސް ނޭނގޭ. އަހަރެންނަކަށް ނޭނގޭ މިހާރުގެ ބޮޑުވަޒީރުގެ ނަމެއް ވެސް،" ބޭލް ބުންޏެވެ.

ބޭލް ބުނީ ގޮލްފުގެ މައުލޫމާތުތައް ބަލާ ކަމަށާއި ގޮލްފުގެ ދުނިޔޭގެ ޗެމްޕިއަންގެ ނަން ވެސް އެނގޭ ކަމަށެވެ. އަދި ފުޓުބޯޅައަށް ފަހު، ދެން އެންމެ ޝައުގުވެރިވަނީ ގޮލްފަށް ކަމަށް ވެސް އޭނާ ބުންޏެވެ.