ޚަބަރު

ޑރ. ފަރަހަނާޒް، އިނގިރޭސި ރާނީ އެލިޒަބަތަށް "ލެޓާ އޮފް ކްރީޑެންސް" އަރުވައިފި

ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، އިނގިރޭސި ރާނީ އެލިޒަބަތްގެ އަތްޕުޅަށް "ލެޓާ އޮފް ކްރީޑެންސް" އަރުވައިފިއެވެ.

ލެޓާ އޮފް ކްރީޑެންސް އަކީ ގައުމަކުން ކަނޑައަޅުއްވާ ސަފީރަކީ އެގައުމެއްގެ ވެރިންގެ ހައިސިއްޔަތުން ބަސްބުނުމުގެ ހުއްދަ ލިބިފައިވާ ބޭފުޅެއްކަން އިނގިރޭސި ސަރުކާރަށް ޔަގީން އެރުވުމުގެ ގޮތުން ގައުމުތަކުގެ ވެރިން ރާނީ އެލިޒަބަތަށް ފޮނުއްވަވާ ސިޓީފުޅެކެވެ.

އެގޮތުން ޑރ. ފަރަހަނާޒްގެ ފަރާތްޕުޅުން ރާނީ އެލިޒަބަތަށް މި ފަތްކޮޅު އަރުވާފައިވަނީ ހަޔަޓް ރެޖެންސީ ލަންޑަން – ޗާޗިލް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޑރ. ފަރަހަނާޒްގެ ފިރިކަނލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާނީ އެލިޒަބަތަށް ފަތްކޮޅު އެރުވުމަށްފަހު ޑރ. ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ލެޓާ އޮފް ކްރީޑެންސް" ރާނީ އެލިޒަބަތަށް އެރުވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި އެކަމަނާއަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. ފަރަހަނާޒްގެ ސަފީރުކަމުގައި އިނގިރޭސި ވިލާތާއި ރާއްޖޭގެ ގުޅުންތައް އިތުރަށް ކުރިއަރައިގެން ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. ފަރަހަނާޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. ނަމަވެސް ސަފީރުކަމުގެ ފަތްކޮޅު އޭނާއަށް އެރުވީ އޭގެ ފަސް މަސް ފަހުން އޭޕްރީލް މަހުގައެވެ.

ޕޮލިޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ފަރަހަނާޒް އަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.