ސްޕެނިޝް ލަލީގާ

އިބްރަހިމޮވިޗް އެނބުރި ލަލީގާއަށް!

ސްވިޑަން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް، ސްޕެނިޝް ލަލީގާއަށް އެނބުރި ދާން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ވެސްޓަން ކޮންފަރެސް ސެމީ ފައިނަލުގައި 5-3ގެ ނަތީޖާއަކުން ލޮސް އެލްއޭ އެފްސީ އަތުން ބަލިވެ، އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އެލްއޭ ގެލެކްސީއާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިބްރަހިމޮވިޗް އެނބުރި ޔޫރަޕުގެ ކްލަބަކާ ގުޅޭނެއެވެ. އިބްރަހިމޮވިޗްގެ މަންޒިލަކަށް ވާނީ އިޓަލީގެ ކްލަބެއް ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނަމުންދެއެވެ.

އިބްރަހިމޮވިޗްގެ އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯ ޕޯސްޓެއްގައި ބުނީ އޭނާ އެނބުރި ސްޕެއިނަށް ދާ ވާހަކައެވެ. ނަމަވެސް އެއީ ސްޕެއިންގެ ކްލަބަކާ ގުޅޭ ވާހަކަ ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އިބްރަހިމޮވިޗްގެ 20 އަހަރުގެ ކެރިއަރުގައި އޭނާ ލަލީގާގައި ހޭދަކޮށްފައިވަނީ އެންމެ އަހަރެކެވެ. އިބްރަހިމޮވިޗްގެ އިންޑިވިޖުއަލް ކުޅުމުގެ ސްޓައިލުގެ ސަބަބުން ޓިކި-ޓަކާ ސިސްޓަމަށް އޭނާ ބޭނުން ނުކުރެވޭނެ ކަމަށް ބުނެ، ބާސެލޯނާގެ އޭރުގެ ކޯޗު ޕެޕް ގާޑިއޯލާ، އިބްރަހިމޮވިޗްއަށް ގިނަ ފުރުސަތުތަކެއް ދީފައެއް ނުވެއެވެ.

އިބްރަހިމޮވިޗްގެ ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ސްވިޑަންގެ މަލްމޯ އިން ކެރިޔަރު ފެށި އިބްރަހިމޮވިޗް ވަނީ ނެދަލެންޑްސްގެ އަޔެކްސް އާއި އިޓަލީގެ ޔުވެންޓަސް އަދި އިންޓަ މިލާނާއެކު ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ ފަހުން ބާސާއަށް ކުޅުމަށްފަހު އޭނާ ދެން ވިދާލީ އިޓަލީގެ އޭސީ މިލާނުގައެވެ. އޭގެ ކުރިން ބާސާގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ ލޯނުގެ ދަށުން ވެސް މިލާނަށް ކުޅެފައެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ 2012ގައި ގުޅުމަށްފަހު އޭނާ ވެގެންދިޔައީ އެ ކްލަބުގެ މުހިންމު ކުޅުންތެރިތަކަށެވެ. ކްލަބެއްގައި އެންމެ ގިނަ ދުވަސް އޭނާ ހޭދަކޮށްފައިވަނީ ވެސް ޕީއެސްޖީގައެވެ.

ޕީއެސްޖީން ވިދާލުމަށްފަހު 2016ގައި އިބްރަހިމޮވިޗް ގުޅުނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކްލަބު، މެންޗެސްޓާ ޔުނައިޓެޑާއެވެ. ނަމަވެސް ޔޫއެފާ ޔޫރޮޕާ ލީގުގައި އަންޑަލެކްޓްއާ ދެކޮޅަށް ކުޅުނު މެޗެއްގައި އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ވިދާލުމަށް އޭނާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އެލްއޭ ގެލެކްސީއާ އިބްރަހިމޮވިޗް ގުޅުނީ މިދިޔަ އަހަރުއެވެ. އޭނާ ވަނީ އެލްއޭ ގެލެކްސީއަށް ކުޅުނު 56 އެމްއެލްއެސްގެ މެޗުން 52 ލަނޑު ކާމިޔާބުކޮށްފައެވެ.