ޚަބަރު

ގައުމިއްޔަތަށް އިހްތިރާމް ލިބޭނީ އިސްލާމްދީނަށް ނަސްރު ދީގެން: އަޒްލީން

ގައުމިއްޔަތަށް އިހްތިރާމާއި ގަދަރު ލިބޭނީ ގައުމިއްޔަތު އޭގެ މައްޗަށް ބިނަވެގެންވާ އިސްލާމްދީނަށް ނަސްރު ދިންވަރަކުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ''ގައުމީ ވިންދު، ޖޭޕީގެ ވިންދު'' މި ނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަޒްލީން ވިދާޅުވީ، ގައުމިއްޔަތެއް ފާހަގަކުރަން ޖެހޭނީ ވަކި ޕާޓީއަކުން ވަކި މީހަކު ރައީސްކަމުގައި ހުންނާތީ ނޫން ކަމަށާއި އަދި ވަކި ޕާޓީއަކުން ރާއްޖޭގައި ވެރިކަން ކުރާތީ ނޫން ކަމަށާއި އެއީ އެންމެންގެ މިލްކެއް ކަމަށެވެ.

އަދި ރާއްޖޭގެ ގާނޫނުއަސާސީ ބިނާވެގެން އޮންނަނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ މަސްދަރަށް ކަމަށްވާއިރު، އެ މަސްދަރުތަކާ ހިލާފުވާ އެއްވެސް ކަމެއްގައި ބުރަދަނެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކުން ވެސް އިސްލާމްދީނަށް ނަސްރު ދީފައިވާއިރު، ބައެއްގެ ހިތުގައި އުފެދޭ ނޭނގާނީ ޝުއޫރަކުން އިސްލާމްދީނުގެ އަލިކަމަކަށް ފަނޑުކަމެއް ނުގެނެވޭނެ ކަމަށެވެ.

އަޒްލީން އިތުރަށް ވިދާޅުވީ، ގައުމިއްޔަތުގެ ދުވަހެއްގައި ސިޔާސަތާއި އިސްލާމީ ދިރިއުޅުމުގެ ނިޒާމް ތަފާތުކޮށް ދެކަމެއްގެ ގޮތުގައި ދައްކަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި އެކަން ކޮށްގެން ގައުމިއްޔަތެއް އާލާ ނުކުރެވޭނެ ކަމަށެވެ.

"ގައުމިއްޔަތުގެ ދުވަހެއްގައި އެންމެ މުހިންމު އަސާސްކަމުގައިވާ އިސްލާމްދީނުގެ މަތިން ހަނދާންކޮށް، ރިވެތި އަދަބާއި އަހްލާގިއްޔާތު އާލާކުރަން އެބަޖެހޭ. އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް އަދާކުރަން އެބަޖެހޭ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެމީހަކު އެދޭ ޕާޓީ ނޫން ޕާޓީއެއްގެ މީހަކު ފެނުނީމާ ފެނުނީމާ މަގުމަތިން އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ އެއީ މުޖުތަމައުގެ ތެރޭގައި ގައުމިއްޔަތު ބިނާކުރުމެއް ނޫނޭ،" އަޒްލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމިއްޔަތު ހަލާކުކޮށް ލޯތްބާއި އަހުވަންތަކަމާއި އެކުވެރިކަން ގެއްލުވާލައިނަމަ، ގައުމިއްޔަތޭ ކިޔައިގެން ވާހަކަދެއްކުމުގެ ޖާގައެއް ނެތް ކަމަށެވެ. އަދި ގައުމިއްޔަތަށް އިހްތިރާމާއި ގަދަރު ލިބޭނީ ގައުމިއްޔަތު އޭގެ މައްޗަށް ބިނަވެގެންވާ އިސްލާމްދީނަށް ނަސްރު ދިންވަރަކުން ކަމަށް ވިދާޅުވިއެވެ.

އަދި ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށްފައި ގައުމު އިސްކުރަންޖެހޭކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، މިގައުމުގައި ދިރިއުޅޭނަމަ ގައުމުގެ ރީތިނަން ހިފެހެއްޓުމަށްޓަކައި ސިޔާސީ ތަފާތުވުންތައް އެއްކިބާކޮށް، ސިޔާސީ ބޭނުންތަކަށް އަމަލުކުރަންވާނީ އިހްތިރާމާއެކު ކަމަށެވެ.