ވޮލީ ބޯލް

އޮލިމްޕިކް ޗާޓަރާ ހިލާފަށް ސްޕޯޓްސް ކޮމިޝަނަރު ކުރައްވާ ކަންތައްތަކުން ކުޅިވަރަށް އިންތިހާއަށް ގެއްލުންވޭ: ލަތީފް

10

ގާނޫނާއި އޮލިމްޕިކް ޗާޓަރާ ހިލާފަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ކަންތައްތަކުން ދިވެހި ކުޅިވަރަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް އެހެން ވިދާޅުވެފައިވަނީ އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރަޖިސްޓަރީ ކުރުމަށް ރާއްޖޭގެ 40 ކުޅުންތެރިންގެ ލިސްޓެއް ފޮނުވާފައިވާކަން ސްޕޯޓްސް ކޮމިޝަނަރަށް ފޮނުއްވި ސިޓީއެއްގައެވެ.

"ގާނޫނުތަކާއި އޮލިމްޕިކް ޗާޓަރާ ހިލާފަށް މަނިކުފާނު ތަކުރާރުކޮށް ކުރައްވަމުން ތިޔަ ގެންދަވާ ކަންތައްތަކުން ދިވެހި ކުޅިވަރަށް މި އަންނަނީ އިންތިހާއަށް ގެއްލުންވަމުންނެވެ..،" ލަތީފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ލަތީފް ވިދާޅުވީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެންގުމަށް އެއްވެސް ސަމާލުކަމެއް ނުދީ، ސްޕޯޓްސް ކޮމިޝަނަރު ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކުރިމަތީގައި ރާއްޖެ ބަދުނާމުވެ ފަޟީހަތްވަމުންދާ ކަމަށެވެ.

އެފްއައިވީބީގެ އިތުރުން އޭވީސީން ވެސް ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް، ވީއޭއެމްގެ ހިންގުން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށް އަންގައިފައެވެ. އަދި އަންނަ މަހު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތާ ގުޅޭ މުއާމަލާތުތައް ވީއޭއެމްގެ އިންތިހާބީ ކޮމިޓީއާ ކުރުމަށް އޭވީސީން ވަނީ ބަންގުލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް އަންގައިފައެވެ. އެހެންކަމުން ރާއްޖެއިން އެ މުބާރާތުގައި ބައިވެރިވުމަށް އިންތިހާބީ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތީން ލަތީފް ވަނީ ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ލިސްޓު ބަންގުލަދޭޝް ވޮލީ އެސޯސިއޭޝަނަށް ފޮނުއްވައިފައެވެ.

ލަތީފް ވިދާޅުވީ ގާނޫނާ ހިލާފަށް ސްޕޯޓްސް ކޮމިޝަނަރު ހިންގަވާ އަމަލަކުން ދިވެހި ކުޅިވަރަށް، ވަކިން ހާއްސަކޮށް ވޮލީބޯޅައަށް އަދި ވޮލީބޯޅަ ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ދެރައެއް، ގެއްލުމެއް، ނިކަމެތިކަމެއް ލިބުމަކީ ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ހައިސިއްޔަތުން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ހަމަވެފައިވީ ނަމަވެސް، ރާއްޖޭގެ ވޮލީބޯޅައިގެ މިހާރުގެ ހާލަތަށް ބަލައި، މުބާރާތުގައި ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ބަންގުލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނުގެ ފަރާތުން ދީފައިވާ ކަމަށާއި އެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ބަލާ އިރު، މުބާރާތުން ރާއްޖެއަށް ފަހުރުވެރި މެޑެލްއެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ލަތީފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި، ސްޕޯޓްސް ކޮމިޝަނަރު ވަނީ ވީއޭއެމްގެ ހިންގުމުގެ އިތުރުން އާ އިންތިހާބެއް ބޭއްވުމުގެ މަސްއޫލިއްޔަތު ވެސް އެ ކޮމިޓީއާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން ވަނީ ސަރުކާރުން އެކުލަވާލި ކޮމިޓީ ބަލައި ނުގަންނަ ކަމަށް އަންގައިފިއެވެ. އަދި ވީއޭއެމްގެ ހިންގުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ. އޭގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އަންގާފައިވެއެވެ.

ސްޕޯޓްސް ކޮމިޝަނަރު އެކުލަވާލި ކޮމިޓީން މި މަހު 24ގައި ބާއްވަން އުޅުނު އިންތިހާބު ވަނީ އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ. އަދި ފަހުން އެ ކޮމެޓީގެ މުއްދަތުވެސް ހަމަވެފައިވާ އިރު، ވީއޭއެމްގެ ހިންގުންވެސް ވަނީ ފާޑެއްގެ ހުސްކަމެއްގެ ތެރޭގައެވެ.