އިބްރާހީމް އަމީރު

އާބިޓްރޭޝަނުން ނިމެންދެން މަޑު ކުރިނަމަ ނޫމަޑިއަށް 200 މިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެ: އަމީރު

މަރިޔަމް ޝަހުދާ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލު ކުރުމުން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިމެންދެން މަޑު ކުރިނަމަ 200 މިލިއަނަށްވުރެ ބޮޑު އަދަދެއް ދައްކަން ދައުލަތަށް ޖެހުނީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ސަރަހައްދުތަކެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓްސްއާއެކު ވި އެއްބަސްވުން ކުރީ ސަރުކާރުން އުވާލާފައިވަނީ ގާނޫނާ ހިލާފު ކަމަށް ބުނެއެވެ. އަދި މިއަހަރު އޮގަސްޓްމަހު ފަހު ކޮޅު އާބިޓްރޭޝަނުން ބޭރުން މި މައްސަލަ ހައްލުކޮށް، ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.

މި މައްސަލައަށް އިޝާރާތްކޮށް މިނިސްޓަރު އަމީރު ވިދާޅުވީ މި މައްސަލަ އާބިޓްރޭޝަންގައި ނިމުނު ނަމަ ދިވެހި ދައުލަތުން 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ނޫމަޑިއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމަކީ ރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތްކޮށްދިން ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މައްސަލައިގައި ބޭރުގެ ކުންފުނިތަކުން ގާނޫނީ ލަފާ ހޯދާފައިވާނެ ކަމަށެވެ. އެގޮތުން ކްއީންސް ކައުންސިލާއި ޑިލާ އެކްސްޕާޓްސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ލޯ ފާމް ތަކުގެ އެހީ ހޯދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޭރުގެ ގާނޫނީ ވަކީލުންގެ އެހީ ހޯދުމަށް ދައުލަތުން 800،000 ވަރަކަށް ޑޮލަރު ހޭދަކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ބޭފުޅުންވެސް ވަނީ މި މައްސަލަ އާބިޓްރޭޝަންގައި ނިމިއްޖެ ނަމަ 200 މިލިއަނަށް ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދިވެހި ދައުލަތުން ނޫމަޑިއަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި މައްސަލަ ރާއްޖޭގެ ކޯޓަކަށް ރިވިއުކުރަން ލައިފިނަމަ ނޫމަޑިއަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ އަކީ ދައުލަތުން ދައްކަން ނުޖެހޭ އެއްޗެއް ގޮތުގައި ހުކުމް ކޮށްފާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޯޓުން އެހެން ކަން ކުރި ނަމަވެސް އެމެރިކާގެ ނިއުޔޯކް ފަދަ ތަނެއްގެ އާބިޓްރަލް އެވޯޑް އެންފޯސް ކުރަން އުޅެފި ނަމަ އޭގެ ގެއްލުން ރާއްޖޭގެ ބޭންކިންގް ސެކްޓަރ އަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ނޫމަޑިއަށް ބަދަލު ދޭން ޖެހުމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކެއް ވާ ކަަމަށާއި، އެފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ، އަދި އެމަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައްސަލައިގައި ދައުލަތަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން ނޫމަޑިއަށް ފައިދާވާ ގޮތަށް ހެކިބަސް ދެއްވުމުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވިއިރު މި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ވަނީ ނިންމާފައެވެ. އަންނަ ހޯމަ ދުވަހު މުއިއްޒުއަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރު ވުމަށް އަންގާފައިވަނީ ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގެ އާބިޓްރޭޝަނުގައި ދިން ބަޔާންތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ގޮތުންނެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.