ޚަބަރު

"ސްޓެމް ފެސްޓް 2019" ނޮވެމްބަރު މަހު ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ވިމެން އިން ޓެކް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން "ސްޓެމް ފެސްޓް 2019" ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އަށެއް އަދި ނުވައެއް، މި ދެ ދުވަހު ސެންޓްރަލް ޕާކުގައެވެ. ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ މި ފެސްޓިވަލް ބޭއްވުމުގެ އެންމެ މުހިއްމު މަގުސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް) ގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުން ކަމަށެވެ.

އޭގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް ދާއިރާގައި ލިބެން ހުރި ހިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެ ކަމަށާއި، ސައިންސާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން ކުންފުނި ތަކާއި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަކީވެސް މިފެސްޓިވަލްގެ އަމާޒެއް ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް މި ދާއިރާގެ ހިދުމަތްދޭ ފަރާތްތަކާއި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފެސްޓިވަލް އެވެ.

މި ފެސްޓިވަލްގައި ބައިވެރިވެވޭނީ ސްޓެމް ދާއިރާގައި އަލަށް މަސައްކަތް ފަށައިގެން އުޅޭ ފަރާތްތަކާއި އަމިއްލަ ކުންފުނި ނުވަތަ ވިޔަފާރިތަކާއި، ސައިންސާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކާއި، ސްޓެމް އޭރިއާގައި ހަރަކާތްތެރިވާ ސްކޫލް ކްލަބްތަކަށް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު، ރަޖިސްޓަރީވުމުގެ އިތުރު މައުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބޭނެ ކަމަށް އެފަރާތުން މައުލޫމަތުދެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ މިހާރު ހިނގަމުން އަންނަނީ ފެސްޓިވަލް އިންތިޒާމްކުރުމުގެ މަސައްކަތްތައް ކަމަށާއި އެގޮތުން ފެސްޓިވަލް ބޭއްވުމަށްޓަކައި އެޗްޑީސީ އާއި ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކް މިހާރު ވަނީ ހަމަޖެހިފައި ކަމުގައެވެ. އަދި ވެސް އެހެނިހެން ފާޓްނަރުންނާ ގުޅިގެން ވަކި ވަކި ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތު ދެއްވިއެވެ.