ކޮލަމް

ކެޔޮނިރު ކޮލަމް: މަޖިލިސް ވަކި ސަރުކާރެއްގެ ގޮތުގައި، ނަޝީދުގެ 2023ގެ ރިޔާސީ ކެމްޕެއިން މަޖިލިސް ތެރެއިން!

މުހައްމަދު ބުޝްރީ

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލިހަކީ މިހާރު ވަކި ސަރުކާރެއް ފަދަ އެވެ. މަޖުލިހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވީމަ، މިސާލަކަށް، މޯލްޑިވްސް ގޭސް ގެ ބޭންކް ސްޓޭޓްމެންޓް ތަކާއި، ޕާޗެސް އޯޑަރު ތަކާއި، ކޯޓޭޝަން ތަކާއި، ކުންފުނީގެ ރަސްމީ އީމެއިލް ތަކާއި މިފަދަ ހުރިހާ ކަރުދާހާއި ކޮމްޕިއުޓަރުގެ ލިޔުންތައް މަޖުލިހަށް ގެންގޮސްގެން ބަލަންވީއެވެ. ބަލާއިރު ގިނަފަހަރަށް މި ފަދަ ކޮމިޓީތަކުގައި މިތިއްބަވަނީ އަމިއްލަ ވިޔަފާރި ކުރައްވާ، ނުވަތަ އަމިއްލަ ވިޔަފާރިތަކާ އެކި ގޮތްގޮތުން ގުޅިފައިވާ މެމްބަރުންނެވެ. އެފަދަ މެމްބަރުންނަށް ސަރުކާރުގެ އެކި އެކި ކުންފުނިތަކުގެ ބޭންކް ސްޓޭޓްމެންޓް ތަކާއި، ޕާޗެސް އޯޑަރު ތަކާއި، ކޯޓޭޝަން ތަކާއި، މާލީ ތަފުސީލްތައް ލިބުމުން ވިޔަފާރީގައި ސަރުކާރު ކުންފުނިތަކަށް ބޮޑެތި ގެއްލުންވާ ގޮތަށް، އެފަދަ މެންބަރުންނާ ގުޅުންހުރި ވިޔަފާރި ތަކަށް ފައިދާ ނެގިދާނެއެވެ.

ސަރުކާރު ޒިއްމާދާރު ކުރުވުމުގެ ގޮތުން ރައްޔިތުންގެ މަޖުލިސް މަސައްކަތް ކުރުމަކީ ސަރުކާރަށް ހިރިވެސް ނުލެވޭ ވަރަށް މަޅިއަޅުވައިގެން، ޖެއްސުން ކުރުމުގެ ރޫހުގައި، މަޝްރޫއުތަކަށް ހުރަސް އަޅައި ސަރުކާރުގެ ދުވެލި ލަސް ކުރުމެއް ނޫނެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތައް ބިޑަށް ލަނީ ރަނގަޅަށްތޯ އާއި، ބިޑް އެވޯޑް ކުރަނީ ރަނގަޅަށްތޯ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނެއް ދައުލަތުން އުފައްދައި، ބާރުތަކެއް ދީފައި އޮވެއެވެ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ކަންކަން ގެންދަނީ ރަނގަޅަށްތޯ ބަލަން އޮޑިޓަރ ޖެނެރަލެއްގެ މަޤާމް ދައުލަތުން އުފައްދައި، ބާރުތަކެއް ދީފައި ހުރެއެވެ. ވީ އިރު ވަކި ވަކި ކުންފުނިތަކުގެ ހުރިހާ ލިޔުމެއް މަޖުލިހަށް ގެންގޮސްގެން މާލިއްޔަތު ކޮމިޓީއަކީ އޮޑިޓް ކުރާ އޮޑިޓް އޮފީސް ކަމަށް ހަދައި، މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ކުރާ ފަރާތްކަމަށް ހަދަން އުޅުމަކީ ދައުލަތުގެ ބާރުތަކުން، އެއްބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުމެވެ.

މަޖުލިސް މެބަރުންގެ ގޮތުގައި އަމިއްލަ ވިޔަފާރި ކުރައްވާ މެންބަރުން ތިއްބަވާ އިރު އެމެންބަރުންގެ އަމިއްލަ ފައިދާއަށް ބުރަވާގޮތަށް، ދައުލަތަށް ގެއްލުންވާ ގޮތަށް، ސަރުކާރަށް މަޝްރޫއުތައް ހިންގަން ދަތިވާ ގޮތަށް މަޖުލިސް ކުރިއަށް ގެންދިއުމަކީ ރައީސް ނަޝީދަށް ރައްޔިތުންގެ މަޖުލިހުގެ ރައީސްކަން ލިބިވަޑައިގަތް ހިސާބުން ފެށިގެން އައިސްފައިވާ ސަގާފަތެކެވެ.

މަޖުލިހުން މިފަދައިން ސަރުކާރުގެ ބާރުތަކަށް ނުފޫޒު ފޯރުވާކަމަށް ފެންނައިރު، މަޖުލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ހިންގާ މަޝަރޫއުތަކުގެ ސްޕީޑް ދަށް ކަމުގައި ވެސް ވިދާޅުވެފައެވެ. އެއްކޮޅުން ސަރުކާރަށް ދަތިކޮށްފައި އަނެއްކޮޅުން ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަކީ މިހާރުގެ މަޖުލިހުގެ އަމަލުތައް ސިފަކުރެވިދާނެ އެއްގޮތެވެ. ސަރުކާރުން ވަނީ ވަކިވަކި ދާއިރާތައް ހިންގައި ބެލެހެއްޓުމަށް ވަކިވަކި ވުޒާރާތައް އުފައްދާފައެވެ. މިސާލަކަށް މާލީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ ނުވަތަ ފަތުރުވެރިކަމުގެ ދާއިރާ އެވެ. ރައްޔިތުންގެ މަޖުލިހުންވެސް މިއިން ކޮންމެ ދާއިރާއަކަށް ވަކި ކޮމިޓީއެއް ހަދައި، އެދާއިރާއަކުން ހިންގާ ހުރިހާ މަޝްރޫއެއްގެ އޮޑިޓް އަދި ކޮރަޕްޝަން ހިމެނޭތޯ ބަލައި، މިނިސްޓްރީ ހިންގުމަށްވުރެ ބުރަކޮށް މިނިސްޓަރުން މަޖުލިހުގެ ކޮމިޓީތަކަށް މައުލޫމާތު ދިނުމުގައި އުޅެން ޖެހިއްޖެ ނަމަ ސަރުކާރު ވާ ވެދާނެއެވެ. މަޝްރޫއުތައް ހިންގުން ބަރުހެލި ވެދާނެއެވެ. ލަސް ވެދާނެއެވެ. ސަރުކާރު މަޑުމަޑުން ފެއިލްވެސް ވެދާނެއެވެ. މިހާރު ވަމުން އެދަނީ އެހެންނެވެ.

ރައީސް ނަޝީދު މަޖުލިހުގެ ރައީސަކަށް ހުންނަވައިގެން މަޖުލިސް ހިންގަވަނީ ވަކި ސަރުކާރެއް ގޮތަށްކަން ދޭހަވާ މިނޫންވެސް މިސާލުތައް ބައިވަރެވެ. މަސްވެރިންގެ ބަޔަކު މަސް ނުކިރުވުނީމަ ޝަކުވާ ކުރަންވެސް ދަނީ މަޖުލިސް ރައީސް އަރިހަށެވެ. ގެސްޓް ހައުސް ހިންގާ ބަޔަކަށް ސަރުކާރުގެ ސިޔާސަތަކުން އެމީހުންގެ ވިޔަފާރިއަށް ހުރަސް އެޅުނަސް ޝަކުވާއާއިގެން މިދަނީ މަޖުލިސް ރައީސް އަރިހަށެވެ. އެމް.ޑީ.އެން ގެ ލާދީނީ ރިޕޯޓާ ގުޅިގެން އެމް.ޑީ.އެން އުވާލުމަށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގޮވާލުމުން އެމް.ޑީ.އެން ގެ ދިފާއުގައި ތެދުވަނީވެސް މަޖުލިސް ރައީސެވެ. ޤައުމުގައި ހިނގާ ހުރިހާ މުހިއްމު ކަންކަމެއްގައި ރައީސް ދައްކަވަންޖެހޭ ވާހަކަތައް ދައްކަވާތަން މިފެންނަނީ މަޖުލިސް ރައީސެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖުލިހަކީ ވަކި ސަރުކާރެއްހެން ހީވެ، މަޖުލިސް ރައީސަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވެސް ބައެއް ފަހަރު ހީވާން ފަށައިފިއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަ ކުރެއްވިޔަސް އަދި ނުކުރެއްވިޔަސް، ހަމަ ގައިމުވެސް ރައީސް ނަޝީދު 2023 ގައި ރައީސް ކަމަށް ވާދަ ކުރައްވާނެކަން މިހާރު ފެންނަ މަންޒަރުތަކުން ވަރަށް ސާފެވެ. މަޖުލިސް ތެރެއިން ވަކި ސަރުކާރެއް ހިންގަން އުޅޭކަމަށް މިފެންނަ އަލާމާތްތަކަކީ ރައީސް ނަޝީދުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން މިހާރުވެސް ފެށިއްޖެ ކަމުގެ ހެކިތައް ކަމުގައި ބެލެވިދާނެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތައް ހިނގުން ލަސްވެ، ސަރުކާރު ބަރުހެލި ވުމުގެ ހުރިހާ ގެއްލުމެއް ވާނީ ދިވެހި ރައްޔިތުންނަށެވެ.