ގައުމީ ދުވަސް

ގައުމިއްޔަތު ބިނާވެގެންދާ މުހިންމު ދެކަމަކީ ހާރިޖީ އިސްތިގުލާލާއި، ދާހިލީ އިސްތިގުރާރު: ހޯމް މިނިސްޓަރު

އާނިފާ ހުސެއިން ސިރާޖް

ގައުމެއްގެ ގައުމިއްޔަތު ބިނާވެގެން އަންނަ މުހިންމު ދެކަމަކީ ހާރިޖީ އިސްތިގުލާލާއި، ދާހިލީ އިސްތިގުރާރު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ގައުމިއްޔަތު ބިނާވެގެން އަންނައިރު މުހިންމު ދެކަމެއް ބިނާވެގެން އަންނަ ކަމަށާއި އެއީ ހާރިޖީ އިސްތިގުލާލާއި، ދާހިލީ އިސްތިގުރާރު ކަމުގައެވެ.

"ހާރިޖީގޮތުން އެބަޔަކަށް ލިބިގެންދާ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމާއެކު އެ ބައެއްގެ ގައުމުގެ ތެރޭގަައި ދާހިލިއްޔަތުގައި އޮންނަންޖެހޭ އިސްތިގުރާރާއި، ހަމަޖެހުމާ އަމާންކަމަކީ އެ ގައުމެއްގެ ރައްޔިތުންގެ މައްޗަށް ލާޒިމުކުރާކަމެއް. މި ދެކަން ކަށަވަރުކުރުން އެއީ ގައުމެއް ދެމިއޮތުމުގައި މުހިންމު، ލާޒިމުކަމެއް." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހާރިޖީ އިސްތިގުލާލު، ނުވަތަ ހާރިޖީ މިނިވަންކަން ލިބިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ މިނިވަންކަން ދެމިއޮތުމުގައި ދާހިލީ ހަމަޖެހުމާއި އަމާންކަން ބޮޑު ޒިންމާއެއް އަދާކުރާ ކަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ދެމިއޮވެ ސަލާމަތުގެ އަސޭރިއަށް ދަތުރުކޮށް، އަންނަން އޮތް ޖީލުތަކަށް މި ގައުމު ގެންދިއުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމާ ހަމަޖެހުން ގާއިމުކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތަކާއި ޒިންމާއެއް. އެކަމުގައި އަޅުގަނޑުމެން އެންމެން ބަދަހިކަމާއެކު ތިބުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް" ކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދަންނަވާފައެވެ.