ފުރާނަދަންދެން

ފުރާނަދަންދެން - 47

5

"ތިއެއްނޫނޭ. މާދަމާ އެގެއަށްދާން މިއުޅެނީ އެންމެން ގޮވައިގެން. އަސްލު މަންމަ އާއި ނާހިދްމަންމަ އާ މީޓްކުރުވަން ވެގެން. އައިމް ސޯ އެކްސައިޓެޑް. ނަތާއަށް އިނގޭތަ ނާހިދްގެ ލޯބި ނުލިބުނަސް އަހަރެންގެ ދެލޮލަށް ނާހިދް ފެނުނަސް ހާދަ ހިތްހަމަޖެހުމެއް ލިބެއޭ" އަޒްކާ ވާހަކަދެއްކިއެވެ. އެނދުގައި އިން ނަތާޝާ އިނީ އަޒްކާއަށް ބަލަހައްޓާއިގެންނެވެ. ދެމީހުން ދެމީހުން ދެކެ އިންތިހާއަށް ލޯބިވާއިރު ދެމީހުން ވަނީ މަޖުބޫރަކުން ދެތަންވެފައެވެ. ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އޭނާ އެކުވެރިޔާއަށްޓަކައި ހިތާހިތުން ދުޢާ ކޮށްލިއެވެ.

ހުކުރު ދުވަހަށް އިރު ފެނުން ތޮޅިލުމާއެކު ނާހިދް ތެދުވެ ގޭ އެކި ތަންތަން ސާފުކުރަން ފެށިއެވެ. އޭނާ ބޭނުންވަނީ އެހާ ދުވަސްފަހުން އެގެއަށް އަޒްކާ އަޅާ ފުރަތަމަ ފިޔަވަޅަށްޓަކައި މުޅި ގެވެސް ދޮވެލާށެވެ. ބަދިގޭގައި މަސައްކަތްކުރާހިތް ނުވިޔަސް ނައިޝީ ތެދުވެގެން ބަދިގެއަށް ދިޔައެވެ. އޭރު އިނާޝާއާއި މީކާ ބަދިގެ ތެރޭގައި އުޅެއެވެ. މޯހަންދާސް ގެނެސް ބެހެއްޓި ކުކުޅުތައް ކައިރިއަށް ނައިޝީ ޖެހިލިއެވެ. ނާހިދްގެ އުޅުމަށް އައިސްފައި ހުރި ބަދަލު އޭނާއަށް ފާހަގަވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާ ހިތުން އަޒްކާއަށް އެއްޗެހި ކިޔަމުން ދިޔައިރު ހިތުގެ ކަނެއްގައި ރިހުމެއްވިއެވެ.

"މިހާރު ފައިނަލްވެއްޖެތަ ކައްކާ އެއްޗެހި" ނައިޝީ އަހައިލިއެވެ. އޭނާ އެސުވާލުކުރީ އިނާޝާ އާ ވިޔަސް ބަލައިލީ މީކާއަށެވެ. މީކާ ޖަވާބެއް ނުދިނުމުން އޭނާ އިނާޝާއަށް ބަލައިލިއެވެ.

"ފްރައިޑް ރައިސް ކައްކަން ތަރުކާރީ ކޮށަނީ މި. މިހާރު ޕިރިނީ ހަދަން ތައްޔާރުކޮށްފައި އެހެރީ. ދެން ކަރާފަންޏާ ހިކިކޮށް ކުކުޅު ހަދާނީ. މީކާ ރޮށި ފިހާނެ. އިޝީ ބަށި ހަދަންވީނުން" އިނާޝާ ބުނެލިއެވެ. ނައިޝީ ބޯޖަހައިލިއެވެ.

މޯހަންދާސްއާ އެކީގައި ގަރާޖުގައި އުޅުނު ނާހިދް ގޭތެރެއަށް ވަދެގެން ގޮސް ހުއްޓުނީ އަޒްކާ ކުރިން ހުރި ކޮޓަރީގައެވެ. އޭނާ ތަޅުދަނޑިން ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ލައިޓްތައް ޖައްސާލިއެވެ. އަދިވެސް ކޮޓަރި ތެރޭގައި އަޒްކާގެ ހަށިގަނޑުން ދުވާ މީރުމީރު ވަސް ހަރުލާފައިވާ ކަހަލައެވެ. އޭނާ އެތެރެއަށް ނޭފަތް ދަމާލުމަށްފަހު އެނދުގައި އިށީނދެލިއެވެ. އޭނާ އެކޮޓަރިއަށް ވަން ސަބަބެއް އޭނާއަށްވެސް ނޭނގެއެވެ. އިނގޭ އެއްޗަކީ މިއަދު އެކޮޓަރިއަށް ވަންނަން އަޒްކާ ބޭނުންވާނެކަމެވެ. އޭނާ އެކޮޓަރިން ނިކުމެ ކޮޓަރިއަށް ވަންތަނާ ފަހަތުން ނައިޝީ އައިސް ވަނެވެ.

"ނިމުނީތަ؟" ނައިޝީ ފެނުމުން ނާހިދް އަހައިލިއެވެ.

"މަންމަ ކުކުޅުހަދަނީ. ބަށި އެންމެފަހުން ހަދަނީ. އެހެންވެ ފާހާނާއަށް ވަދެލަން މިއައީ" ނައިޝީ ބުނެލިއެވެ.

"މަންމަ ވަރަށް ލޯބިވޭދޯ އަޒްކާދެކެ" ނައިޝީ އަހައިލިއެވެ.

"މަންމަވެސް ބައްޕަވެސް ވަރަށް ލޯބިވާނެ. އެއީ ކޮންމެހެން އަހަރެންނާ ވެގެންވާ ލޯތްބެއްނޫން. އަޒްކާ މިގެއަށް އެންމެ ފުރަތަމަ އައި ދުވަހުވެސް މަންމަމެން ހީވީ މޮޔަވެގެން އުޅުނުހެން. އަމިއްލަ ދަރިއެއް ފަދައިން އަޒްކާގެ ހުރިހާކަމެއް ކުރީ. އޭރު އަޒްކާގެ ފެމެލީ ވީތަނެއް ނޭނގޭތީ ރަސްމީކޮށް އަޒްކާގެ ބެލެނިވެރިކަންވެސް މަންމަ ހޯދި" ނާހިދް އޮޅުންފިލުވައިދިނެވެ.

"އެހެންތަ؟ އަދި މިހާރު މާލޯބިވާނެތާ" ނައިޝީއަށް އެ ޖުމްލަ ބުނެލެވުނީ ފާޑަކަށެވެ. ނާހިދް ނައިޝީއަށް ބަލައިލިއެވެ.

"އެއި ކީއްވެ މިހާރު ލޯބިވާންވީ؟ އިޝީ އާ އަހަރެންގެ ކައިވެނި ކުރެވުނު އިރުވެސް މަންމަމެންނަށް އިނގޭނެ އަހަރެން ލޯބިވާކަން އަޒްކާދެކެ. މަންމަ ބޭނުމެއްނުވޭ އަހަރެން އިޝީ ދޫކޮށްލާފައި އަޒްކާ ކައިރިއަށްދާން" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީ ތުން އަނބުރާލާފައި ފާހާނާއަށް ވަނެވެ. ނާހިދަށް އެމަންޒަރު ނުފެނެއެވެ.

އެހެން ދުވަސްތަކާ ޚިލާފަށް ނާހިދް ހުކުރަށް އެރީވެސް ގެއާ އެންމެ ކައިރީގައި ހުރި މިސްކިތަށެވެ. އަޒްކާ އަންނަ ގަޑީގައި ކޮންމެހެންވެސް ގޭގައި ހުންނަން އޭނާ ބޭނުންވެއެވެ. އެހެންޏާ ނާހިދަކީ މޯހަންދާސް އާ އެކީގައި އަބަދުވެސް އިސްލާމީ މަރުކަޒަށް ހުކުރަށްދާ މީހަކަށް ވާއިރު މިއަދު ނާހިދަށް އައިސްފައިވާ ބަދަލު މޯހަންދާސްއަށް ފާހަގަވިއެވެ. އޭނާ ނާހިދް ހުއްޓުވަން މަސައްކަތެއް ނުކުރިއެވެ. ދިރިއުޅުމުގައި އުފަލެއް ލިބިފައިނުވާ މީހުން އުފާ ހޯދާނީ އެކަހަލަ ގޮތަކަށްކަން އޭނާއަށް ވިސްނެއެވެ.

މޯހަންދާސްއަށް ވުރެ ކުރިން ގެއަށް ވަދެގެން އައި ނާހިދް ގޭތެރެއަށް ވަދެ ނޭފަތް ދަމައިލިއެވެ. އޭނާގެ ދުލު ކުރީގައި ރަހައެއް ނުލިޔަސް ދުވި ވަހުންވެސް ބަނޑު ފުރިއްޖެއެވެ. ކުޅުދިޔާވެ ހިންދިރުވާލެވުނެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ. އޭރު އިނާޝާ އާ މީކާ އަވަދިނެތި މޭޒު މައްޗަށް ކާއެއްޗެހި އެރުވުމުގައި އުޅެއެވެ.

"ކޮބާ ބައްޕަ މިއަދު؟" ނާހިދްގެ ފަހަތުން މޯހަންދާސް ނުފެނުމުން އިނާޝާ އަހައިލިއެވެ.

"މިއަދު އަޅުގަނޑު ދިޔައީ އެހެން މިސްކިތަކަށް. އަނެއްހެން ކަމެއްވެގެނެއްނޫން. މިއަދު ގޭ ކައިރި މިސްކިތަަށް އަރާހިތްވީ" އިނާޝާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ނާހިދް ވާހަކަދެއްކިއެވެ. އިނާޝާއަށް ވިސްނުނެވެ. އޭނާ ދެރަވެސްވިއެވެ. ނައިޝީ އާ މެދު ވިސްނާލާފައި ކަންބޮޑުވެސްވިއެވެ. ނަމަވެސް ބޮޑުވެ ފުރާފުރިހަމަވެފައިވާ ފިރިހެން ދަރިއެއްގެ އިހުސާސްތަކުގައި އޭނާ ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ؟

"މަންމަ ބޭނުން އެ އާއިލާ އަންނައިރު ހުރިހާ މީހުން މިތާ ތިބެން" އިނާޝާ ބުނެލިއެވެ.

"ނައިޝީއަށް އަޒްކާގެ ހަގީގަތް އިނގޭތަ؟ މިހެން މިބުނީ ވަރަށް ބޮލުގަ ރިއްސައޭ ކިޔާފައި ދިޔައީ. ފަހަރެއްގައި އެންމެންނާ ބައިވެރިވާން ބޭނުންނުވީ ކަންނޭނގެ" އިނާޝާ ބުނެލިއެވެ. ނާހިދް ބޯޖަހައިލިއެވެ.

"އެކަމަކު އަޅުގަނޑު އިޝީ ކައިރީގައި ބުނިން އިޝީ ހުންނާނީ އަބަދުވެސް އަޅުގަނޑުގެ އަންބެއްގެ ގޮތުގައޭ. މިއަންނަނީ ގޮވައިގެން" ނާހިދް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަންއިރު ނައިޝީ ފެންވަރައިގެން ނިކުމެ ލޯގަނޑު ކުރިމަތީގައި ބޯހިއްކަން ހުއްޓެވެ. ނާހިދް ކޮޓަރިއަށް ވަންކަން އިނގުމުންވެސް އޭނާ އަޅައެއްނުލިއެވެ. ނާހިދް އެނދުގައި އިނީ ނައިޝީގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

"ހިނގާ ތިރިއަށް" ނާހިދް ވާހަކަދެއްކީ ނައިޝީ އެނދަށް އަރައި ކުއިލްޓް ދަށަށް ވަނުމުންނެވެ.

"ނުދާނަން. ސޮރީ" ނައިޝީ ބުނެލިއެވެ.

"ކީއްވެގެން؟ އިޝީ ހާދަ ގޯހޭ ދޯ" ނާހިދް ބުނެލިއެވެ.

"އަދިވެސް އަހަރެންތަ ގޯހީ. ނާހިދާ އަޒްކާ އާ ދެމީހުންގެ ލޯބީގެ ކުޅިގަނޑު ދައްކަން ކޮންމެހެން މަ ގެންދަން ހަދާނެކަމެއް ނެތް" ނައިޝީ ބުނެލިއެވެ. އޭނާ ވާހަކަދެއްކީ މިއިން ދުވަހަކުވެސް ނާހިދާ ވާހަކަނުދައްކާ ގޮތަކަށެވެ. އަޑު އާދަޔާޚިލާފަށް ބާރުވުމާ އަޑުގައި އެކުލެވިގެންވި ހަރުކަށިކަން ނާހިދްގެ ރުޅިގަނޑު އިންތިހާއަށް އެރިއެވެ.

"ނައިޝީ...!!! މައިންޑް ޔުއަރ ލެންގްއޭޖް... އަހަރެންނާ އަޒްކާ އާ ލޯބީގެ ކުޅިގަނޑެއް ނުކުޅެން. ދެވަނަ ކަމަކީ މިގެއަށް އަޒްކާ އަންނަނީ އެއްވެސް ކަހަލަ ކުޅިވަރެއް ކުޅޭކަށްނޫން. އަހަރެންގެ އަންބެއްގެ ގޮތުގައި އިންނަން ބޭނުންވިއްޔާ ތިރިއަށް ހަމަ މިހާރު އާދޭ" ނާހިދްގެ އަޑު ބާރުވިއެވެ. އޭނާގެ އަޑުގައިވި ހަރުކަށިކަމަކުން އިތުރަށް ބަހެއްކިޔަން ނައިޝީއަށް ނުކެރުނެވެ. އޭނާ ދެރަވެސްވިއެވެ. ކައިވެނި ކުރެވުނުފަހުން ނާހިދް އެގޮތަށް އޭނާދެކެ ހިތްހަމަނުޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ކުށްކުރެވުނީ އޭނައަށެވެ. ފިރިމީހާކަން އެނގިހުރެ އެންމެ ފުރަތަމަ އަދަބު ކުޑަކޮށް ވާހަކަދެއްކުނީ އޭނަ އަށެވެ. އޭނާ ނާހިދްގެ ކިބައިން މަޢާފް ހޯދަންޖެހޭނެއެވެ.

ނައިޝީ އެނދުން ތެދުވެ އަލަމާރިން ބުރުގަލެއް ނަގާ އަޅައިލިއެވެ. އޭނާ ކޮޓަރިން ނިކުންނަން ފަސްޖެހުނެވެ. އޭނާ އަޒްކާގެ ކުރިމައްޗަށް ނުދާން އެއުޅޭ ސަބަބަކީ ހަމައެކަނި ނާހިދް ކުރިމަތީގައި ހާމަކުރި ސަބަބެއް ނޫނެވެ. އޭނާ މާހިލްއާ އެކު ވީ ވަގުތެއްގަ އަޒްކާއަށް ވަނީ ފެނިފައެވެ. އަދި އެދުވަހު އޭނާއަށް ވަނީ އަޒްކާއަށް އެއްޗެހި ގޮވާ މާހިލްއަށް ސަޕޯޓް ދެވިފައެވެ. އޭނާ ފެނުމާއެކު އަޒްކާ ހަނދާންވާނެކަން ޔަގީނެވެ. އަދި އެވާހަކަ ނާހިދް ކައިރީގައިވެސް ދައްކާނެކަން ޔަގީނެވެ. އެހިސާބުން ނާހިދްގެ ސުވާލުތައް ގިނަވެ އޭނާގެ ލޯ ކުރިމަތީގައި ލޯބިވާ ފިރިމީހާ ގެއްލި ދުނިޔެއަށް އޭނާ ގިނަވާނެއެވެ. ކޮންމެގޮތެއް ވިޔަސް އޭނާ އެދިޔައީ ފަހުބަސް އިއްވާފައެވެ. އޭނާ ނާހިދްގެ އަންބެއްގެ ގޮތުގައި މުޅި އުމުރު ހޭދަކޮށްލަން ބޭނުމެވެ. އެހެންވިއްޔާ ޖެހޭނީ ދާށެވެ. އޭނާ ކޮޓަރިން ނިކުތެވެ.

ސިޓިންގރޫމުގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. ނާހިދް އިން ސޯފާގެ ފަހަތުން ނައިޝީ ހަށަން ބަނދެލައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފެންނަން ހުރީ ފޫހިކަމެވެ. އިރުކޮޅަކުން އިނާޝާގެ ފޯނަށް އަޒްކާގެ ކޯލު އައެވެ. އެއާއެކު އިނާޝާ ބަލައިލީ ދުރުގައި ހުރި މީކާއަށެވެ. މީކާއަށް އެބުނި އެއްޗެއް މާނަ އިނގުމުން އޭނާ ގޮސް މައިދޮރު ހުޅުވާލިއެވެ.

ގޭޓުން ވަދެގެން އައިއިރު އަޒްކާ ހުރީ އަމީޒާގެ އަތުގައި ހިފާލައިގެންނެވެ. މައިދޮރުން އެންމެ ފުރަތަމަވެސް ވަނީ އަޒްކާއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި އަމީޒާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އާ ބައެއްގެ ކައިިރިއަށް އަންނައިރު އެއީ އަބަދުވެސް އޭނާގެ ހާލަތެވެ.

މަޑު ފިޔާތޮށި ކުލައިގެ އަތްކުރު ގަމީސް ކޮޅެއްގެ ދަށުން އައިސްބްލޫ ކުލައިގެ ސްކިނީގައި ހުރި އަޒްކާ ފެނުމާއެކު ނާހިދްގެ ހަރަކާތްތައް ހުއްޓުން އެރިއެވެ. އެ ހެދުމުގައި އަޒްކާގެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް މާބޮޑަށްވެސް އޭނާއަށް ފާހަގަވެއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަޒްކާގެ ދެލޯ ނާހިދާ ހިނދުކޮޅަކަށް ބައްދަލުވިއެވެ. އެހިނދު ނާހިދްގެ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލޭތައްވެސް ހުއްޓުމަކަށް އައި ކަހަލައެވެ. އެ އަންހެންކުއްޖާގެ ދެލޮލުގައި ވަނީ އަޖައިބެއްކަހަލަ ބާރެކެވެ. ދުވަހެއް ދުވަހަކަށް ނާހިދްގެ ހިތުގައި ދަނީ އެލޯބި މޫލާ ވަރުގަދަ ވަމުންނެވެ.

"އަޒްކާކޮއްކޯ" އެހާ ދުވަސްފަހުން އަޒްކާ ފެނުމާއެކު މީކާއަށް ދުރުގައި ނުހުރެވުނެވެ. މީކާ އަޒްކާ ހަށިގަނޑުގައި ބައްދައިލިއެވެ. ނައިޝީ ޚައިރާންވިއެވެ. ގޭގައި ގެންގުޅޭ މަސައްކަތު މީހާވެސް އަޒްކާދެކެ އެވަނީ ހާދަ ލޯތްބެކެވެ. ޔަގީނުންވެސް މީކާ އާ އޭނާ އާ ދެމެދު އެފަދަ ލޯތްބެއް ނެތެވެ. އޭނާ މަސައްކަތްކުރީ އަޒްކާއަށް ނުބެލުމަށެވެ.

"އާދޭ އާދޭ އަވަހަށް. މިއީ ދުރު ބައެއްނޫން" މޯހަންދާސް ބުނެލިއެވެ. އޭނާ ތެދުވެގެން ގޮސް ޙަމީދާ ސަލާންކުރިއެވެ. އިނާޝާ އަމީޒާގެ ހަށިގަނޑުގައި ކުޑަކޮށް ބައްދައިލިއެވެ. ޙާލު އަހުވާލު އޮޅުންފިލުވާލިއެވެ. އަމީޒާއަށް ނާހިދް ބަލައިލުމުން ހީލިއެވެ. އެއީ އޭނާގެ ޑޮކްޓަރުކަން އިނގުމުން ހިތުގައި އުފެދެންޖެހޭ އިހުތިރާމަށް ވުރެ ބޮޑަށް އެއީ އޭނާގެ ދަރިފުޅުގެ ހިތުގެވެރިޔާކަން އިނގުމުން އުފެދުނީ ލޯތްބެކެވެ.

އިނާޝާގެ ހަށިގަނޑުގައި އަޒްކާ ބައްދައިލި މަންޒަރު ފެނުމުން ނައިޝީއަށް އުނދަގުވިއެވެ. ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. ހިތުގައި ފޫހިކަން އުފެދުނެވެ. ނާހިދް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަޒްކާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ވަކިވެގެން ނުދެއެވެ. އަޒްކާގެ ވަރުގަދަ އިސްތަށިގަނޑު އެއްފަރާތަކުން އެއްކޮށް ގަތާލާފައި ކުރި މައްޗަށް ގެނެސްފައި އޮތުމުން ތަފާތު ރީތިކަމެއް ހުއްޓެވެ. އެ އޮމާން މޫނުގައި ބޮސްދޭން ނާހިދްގެ ހިތް އެދުނެވެ. ކައިރީގައި އަނބިމީހާ ހުރިކަން އޭނާ ހަނދާނުގައި ނެތެވެ. ތަނުގައި ތިބި ހުރިހާ މީހުންނަށްވެސް އެކަން ފާހަގަވިއެވެ.

"ރަނގަޅުތަ ހުރިހާކަމެއް؟" އަމީޒާ އިނާޝާ ކައިރީގައި އިށީންނަމުން ބުނެލިއެވެ. އިނާޝާ ބޯޖަހައިލިއެވެ. އެގެއަށް އައުމުގެ ކުރިން އަޒްކާ ވަނީ އަމީޒާއަށް އިނާޝާގެ ބައްޔާ ބެހޭގޮތުން މަޢުލޫމާތު ދީފައެވެ. އެހެންކަމުން އަމީޒާގެ ހިތުގައި އިނާޝާއަށްޓަކައި ޙަމްދަރުދީއާ ލޯބި އުފެދުނެވެ.

"އަޒްކާ އަކީ އިނާގެ ބަނޑުން އުފަންނުވާ ދަރިއެއް. އަހަރެމެން އަމިއްލަ ދަރިއަކަށްވުރެ ވެސް ލޯބިން އެމަންޖެ ގެންގުޅުނީ. މިއަދު އެމަންޖެއަށް ލިބިފައިވާ އުފާވެރިކަން ފެނި އަހަރެމެން މިތިބީ އުފަލުން. އަލްޙަމްދުﷲ" ވާހަކަދެއްކީ މޯހަންދާސްއެވެ.

"މީކާ!! ހާދަ ވަސްރަނގަޅޭ. ކޯޗެއް ކެއްކީ" އެގެއަށް އަޒްކާ ބީރައްޓެއްސެއް ނުވިއެވެ. އޭނާ ގޮނޑީގައި މެހްމާނެއް ފަދައިން އިންނަން ބޭނުންނުވިއެވެ. ތެދުވެގެން މީކާގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ. ނަމަވެސް ބަދިގެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އެކަން ދުރުގައި އިން ނާހިދަށް ފާހަގަވިއެވެ.

އަޒްކާ ބަދިގޭ އެކި ދިމާލަށް ބަލައިލިއެވެ. މާޒީގެ ތެރެއިން އޭނާގެ ހަޔާތަށް އައި އުފާވެރި ވަގުތުކޮޅެއް ހަނދާންވިއެވެ. އެވަގުތުކޮޅަކީ ދުވަހަކުވެސް އޭނާ ހަނދާނުން ފޮހެވޭނެ ވަގުތުކޮޅެއް ނޫނެވެ. ނަމަވެސް އޭނާ އެކަން ސިކުނޑިން ނެރެލާފައި މޭޒު މަތީގައި ހުރި ކާއެއްޗެހިތަކުގެ މަތި ނަގަން ފެށިއެވެ.

"މްމްމް.... ޔަގީން މިހުރިހާއެއްޗެއް ކެއްކީ މީކާ އެކަންޏެއް ނޫންކަން" އަޒްކާ ބުނެލިއެވެ.

"މެޑަމް އާ ކުޑަބޮސްގެ އަންހެނުންވެސް ކެއްކި" މީކާ ބުނެލިއެވެ. އަޒްކާ މީކާއަށް ބަލައިލިއެވެ. ކުޑަ ބޮސްގެ އަންހެނުންނޭ މީކާ އެ ނިސްބަތްކުރީ ކާކަށްކަން އަޒްކާއަށް އިނގުނެވެ. އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ފޯނެއްގައި ހުރި ނައިޝީ އޭނާއަށް ފެނުނެވެ. އަރި މައްޗަކަށް ހުރުމުން މާ ރީތިކޮށް މޫނެއް ނުފެނުނެވެ.

"ކޮބާ އާދޭ އެންމެން ކާން" އަޒްކާ ބުނެލި އަޑު އިވުނެވެ. އިނާޝާއަށް ހެވުނެވެ. ދަރިއެއް ފަދައިން އަޒްކާ އެގޭގައި އުޅޭ މަންޒަރަކީ އަބަދުވެސް އޭނާ ދެކެން އެދޭ ދުވަހެކެވެ. ނަމަވެސް އެދުވަސް ހަގީގަތަކަށް ނުވާނެކަން އޭނާއަށް އިނގެއެވެ.

ކެއުން ފެށުމަށް އިންސާފު ކުރުމަށް އެންމެން މޭޒު ކައިރީގައި އިށީނެވެ. ނައިޝީއަށް އުނދަގުކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް އޭނާ ހުސް ގޮނޑިއެއްގައި އިށީނެވެ. އަމީޒާގެ ނަޒަރު ނައިޝީިއަށް ހުއްޓުނެވެ. ހިތްހެޔޮ ހިނިތުންވުމެއް އަމީޒާ ދިނަސް ނައިޝީއަށް ނުދެވުނެވެ. އެންމެން ހަމަޖެހިގެން ތިބިއިރު އޭނާގެ ހިތް ރޯމަހެއްހެން ތެޅިފޮޅެނީއެވެ.

"މިއީ ނާހިދްގެ އަންހެނުން" ނައިޝީ އިސްއުފުލާ އަމީޒާއަށް ބަލައިލިއެވެ. އެހިނދު އަމީޒާ ފަހަތުގައި ހުރި އަޒްކާގެ ދެލޮލާ ނައިޝީގެ ދެލޯ ބައްދަލުވިއެވެ. ވަގުތުން އަޒްކާގެ ވިސްނުންތޫނު ސިކުނޑިއަށް އެދުވަހުގެ މަންޒަރުތައް ނަގައިގަނެވިއްޖެއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. މާހިލް އާއި ނައިޝީ އާ ދެމެދުގައި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ޔަގީނުންވެސް އާދައިގެ ގުޅުމެއް ނޫނެވެ. ދެން އަޒްކާ ބަލައިލީ ނާހިދްގެ މޫނަށެވެ. އެގަޑި އެއީ ނާހިދްވެސް ބަލައިލި ވަގުތެވެ. ދެމީހުން ދެމީހުންނަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަޒްކާ ވިސްނާލިއެވެ. މާހިލް އާއި ނައިޝީ ގުޅުމެއް އޮތްކަން ނާހިދަށް އިނގޭބާއެވެ؟ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ދުލަކުން ނާހިދާ ހަމައަށް އެވާހަކައެއް ނުގެންދާނެއެވެ. ދެމަފިރިއެއްގެ ދިރިއުޅުން އޭނާގެ ސަބަބުން ހަލާކުވެގެންދާކަށް ބޭނުމެއްނުވިއެވެ.

އެއް ސުފުރާމަތިން ކައި ނިމިގެން ސިޓިންގްރޫމުގައި ޖައްސާލީ ކުޑަކޮށް ވާހަކަދައްކާލުމަށެވެ. އެހާ ގިނަ ދުވަސްފަހުން އެގެއަށް އަޒްކާ އައުމުން އެހާ އަވަހަށް ފޮނުވާލަން ބޭނުންނުވިއެވެ. އޭރު ނައިޝީ އާއި ނާހިދް ކޮޓަރިއަށް ވަދެއްޖެއެވެ.

"މަންމާ! އެކޮޓަރި ހުޅުވާފަތަ ހުންނާނީ؟" އަޒްކާ އިނގިލިން އިޝާރާތްކުރީ އެގޭގައި އޭނާ އުޅުނު ކޮޓަރިއަށެވެ. އެކަމަކު ޖަވާބުދިނީ މީކާއެވެ.

"ހުޅުވާފަ ކްލީންކޮށްފަ ހުންނާނީ... ކޮއްކޮ ބޭނުންތަ ދާން" މީކާ ވާހަކަދެއްކިއެވެ. އެގެއަށް މެހްމާނަކު އަޔަސް މީކާ އަކީ ވާހަކަދައްކާ މީހެއްނޫނެވެ. ނަމަވެސް މިއަދު އަޒްކާ ފެނުމުން އޭނާގެ ހިތަށްވެސް ވަނީ އާދަޔާހިލާފް އުފާވެރިކަމެއް އުފެދިފައެވެ.

"މިއަންނަނީ އިނގޭ" އަމީޒާގެ އަތް މަތީގައި އަތް ބާއްވާލަމުން އަޒްކާ ބުނެލިއެވެ.

ކޮޓަރި ދޮރުމަތީގައި ހުއްޓުމަށްފަހު މަޑުމަޑުން އޭނާ ދޮރު ހުޅުވާލިއެވެ. ކޮޓަރި ތެރެއިން ފެންނަނީ އަނދިރިކަމެވެ. ނޭފަތުގައި ޖެހުނީ މީރު ވަހެކެވެ. އޭނާ ފޯނުން އަލިކޮށްލައިގެން ހުރެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެނދު ހުރަސްކޮށް ސްވިޗްތަކާ ހަމައަށް ގޮސް ލައިޓް ޖައްސައިލިއެވެ. ފޯނުގެ ލައިޓް ކަނޑައިލަމުން އޭނާ ފަހަތަށް ބަލައިލިއރު ލައްޕާފައި ހުރި ދޮރުފަތުގައި ލެގިގެން ހުރީ ދެވަނަ އިންސާނެއްނޫނެވެ. ނާހިދެވެ. އަޒްކާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެގޮތަށް ކޮޓަރީގައި ބަންދުވެގެން ނާހިދާއެކު ހުންނަން އޭނާ ބޭނުންނުވިއެވެ. އޭނާ ބަހެއްނުކިޔާ ނާހިދަށް ބަލަން ހުރުމަށްފަހު ބޭރަށް ހުޅުވެން ހުރި ކުޑަދޮރާ ބެލްކަނި ދޮރު ހުޅުވާލިއެވެ.

"އޭރުވެސް ހީވީ ނާހިދް ތިކަހަލަ ކަމެއް ކޮށްފާނޭ" އަޒްކާ ބުނެލިއެވެ.

"ކީއްވެ އެހެންހީވީ" ނާހިދް އަހައިލިއެވެ.

"ބަލަން އިން ގޮތުން" އަޒްކާ ބުނެލިއެވެ.

"އަހަރެން ކިހިނެއް ބަލަން އިނީ. އެހެންމީހުންވެސް ތިބިގޮތަށް އަހަރެންވެސް އިނީ. ކީއްވެ އަޒްއަށް ފާހަގަކުރެވެނީ އަހަރެން އިނީ ގޮތަކަށްކަން" ނާހިދް ވާހަކަދެއްކިއެވެ.

އޭނާ މަޑުމަޑުން އަޒްކާ އާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭނާގެ އަޑުގައި ސަމާސާކަން އެކުލެވިފައި ވިޔަސް މިވަގުތު ނާހިދްގެ ނިޔަތް ރަނގަޅުނޫންކަން އަޒްކާއަށް އިހުސާސްވިއެވެ.

"ނާހިދް... މިތަނުންދޭ" ފަހަތަށް ޖެހެމުން އަޒްކާ ބުނެލިއެވެ. އޭނާ މަޑުޖެހުނީ ޑްރެސިންގްޓޭބަލްގައި ޖެހިފައެވެ. ފަހަތަށް ދެން ދެވޭނެގޮތެއް ނެތުމުން އޭނާ ކަންބޮޑުވިއެވެ. އިތުރަށް ހެދޭނެގޮތެއް ސިކުނޑިއަށް އައުމުގެ ކުރިން ނާހިދް އައިސް ދާދި ގާތުގައި ހުއްޓިއްޖެއެވެ.

"ޕްލީޒް މީހަކު އައިސްދާނެ ނާހިދް" އަޒްކާ ބުނެލިއެވެ. އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެގޮތަށް އެކަންވާކަށް އޭނާ ބޭނުމެއްނޫނެވެ. ނާހިދަކީ މީހެއްގެ ފިރިއެކެވެ. ނާހިދަށް ކިތަންމެ ކުޑަ ސަޕޯޓެއް އޭނާގެ ފަރާތުން ދެވުނަސް އޭނާއަށް އެ އަރައިގަނެވުނީ ނައިޝީގެ ހައްޤަކަށެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ.

"އަންނަން ބޭނުންވާ މީހަކު އަޔަދީ. ބަލަން ބޭނުންވާ މީހަކު ބެލިޔަދީ" ނާހިދް ބުނެލިއެވެ. އޭނާގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް އަޒްކާގެ މޫނާ ގާތްވެފައެވެ.

"ޕްލީޒް... އަހަރެން ހާސްވޭ އެބަ" އަޒްކާ ބުނެލިއެވެ. ނާހިދް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.

"ކީއްވެތަ އަހަރެންނާ ދުރަށްދާން ތިއުޅެނީ. ކީއްވެ ތިހެން ތިހަދަނީ" ނާހިދް ބުނެލިއެވެ.

"ވިސްނަބަލަ. ތިއީ މީހެއްގެ ފިރިއެއް. އަހަރެން މިއީ..." ނާހިދް އަޒްކާގެ ތުންފަތުގައި ކަނާއަތުގެ ޝަހާދަތް އިނގިލިން ހުރަސްކޮށްލިއެވެ. އެހިސާބުން ދައްކަމުން ދިޔަ ވާހަކަ އަޒްކާއަށް ނުދެއްކުނެވެ. ނާހިދަށް ނުބަލަން އޭނާ ލަސްލަހުން އެސްފިޔަތައް ތިރިކޮށްލިއެވެ.

"މިއީ މީހެއްގެ ފިރިއެއް. ތިއީ މީހެއްގެ އަންބެއް. އެކަމަކު އަހަރެންގެ މޭގެ ތެރޭގައިމިވާ ހިތް އަހަރެން ބުނާ އެއްވެސް އެއްޗަކަށް، އަހަރެންގެ ސިކުނޑިއަށް ކިޔަމަންނުވުން އެއީ އަހަރެންގެ ކުށެއްތަ؟" ނާހިދް ބުނެލިއެވެ. އަޒްކާ ދެރަވެއްޖެއެވެ. ނާހިދަށް އެވަނީ ހާދަ ބޮޑަކަށް އަސަރުކޮށްފައެވެ.

"އަހަރެން ދާންވެއްޖެ" ނާހިދްގެ މޭގައި އަތްއަޅާ ކޮށްޕާލުމަށްފަހު އަޒްކާ ހިނގައިގަތެވެ. ހަމަ އެހިނދު ނާހިދް އަޒްކާގެ އަތުގައި ހިފެހެއްޓިއެވެ. ސަލާމަތުން އޮތް އަތުން އަޒްކާއަށް މޭގައި އަތްއަޅައިލެވުނެވެ. ކައިރީގައި އެވަނީ އޭނާ އިންތިހާއަށް ލޯބިވާ މީހާއެވެ. ނާހިދްގެ އެންމެ ބީހިލުމަކަށް ހިތާފުރާނައިން އޭނާއަށް އެދެވެއެވެ. ނަމަވެސް ހާލަތު މަޖުބޫރުކުރަނީ އެހެން ކަމަކަށެވެ. ނާހިދް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟

"ދިޔުމުގެ ކުރިން އެންމެފަހަރަކު ހަތަރުކަޅި ހަމަކޮށް އަހަރެންގެ ދެލޮލަށް ބަލައިލަބަލަ" ނާހިދް ބުނެލިއެވެ. އަޒްކާ މަޑުމަޑުން އޭނާގެ އެސްފިޔަތައް އުފުލައިލަމުން ނާހިދުގެ ދެލޮލަށް ބަލައިލިއެވެ.

"ކޯޗެއް ފެންނަނީ؟" ނާހިދް ބުނެލިއެވެ. އެއްޗެއް ބުނަން އަޒްކާގެ ދެ ތުންފަތް ހުޅުވާލިއެވެ. ކުޑަކުޑަކޮށް ދެތުންފަތް ތަޅުވާލާފައިވެސް އޭނާގެ ދޫ ޚިޔާރުކުރީ ހިމޭންކަމެވެ. ނާހިދް މަޑުމަޑުން އަޒްކާގެ އަތްތިލައިގައި ހިފާ ގެނެސް އޭނާގެ ހިތާ ދިމާލުން މޭގައި ޖައްސާލިއެވެ.

"އެބަ އިހުސާސްވޭތަ؟ މި ހިތް އެތެޅެނީ ހަމައެކަނި އަޒްއަށްޓަކައި؟ ހައު ކެން އައި ސްޓޮފް؟" ނާހިދް ބުނެލިއެވެ.

(ނުނިމޭ)