ފުވައްމުލައް ސިޓީ

ތާރުއަޅަން ފެށުމުގެ އުފަލުގައި ފުވައްމުލަކު ސިޓީގެ ރައްޔިތުން އެމްޓީސީސީއަށް ވެދުން އަރުވައިފި

ފުވައްމުލަކު ސިޓީ ނައިބު ތުއްތު މަގުގައި ތާރު އަޅައި ނުނިމި އޮތް ބައިގައި ތާރު އަޅަން ފެށުމުގެ އުފަލުގައި، އެ ސިޓީގެ ރައްޔިތުން އެމްޓީސީސީއަށް "ވެދުން" އަރުވައިފި އެވެ. އެމްޓީސީސީ އަކީ މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެވެ.

ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އެމްޓީސީސީއަށް ވެދުން އެރުވުން، ފުވައްމުލަކު ބަހުން ނަމަ "ދެކުމާ ގެއުން" އޮތީ، ނައިބު ތުއްތު މަގުގައި އަލަށް ތާރު އަޅަން ފެށި ސަރަހައްދުގަ އެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމު ކުރި މި ހަރަކާތުގައި އެ ސިޓީގެ ހުރިހާ މުއައްސަސާތަކުން 300 ވަރަކަށް މީހުން ބައިވެރިވި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑިރެކްޓަރު، އަހުމަދު މުހައްމަދު (މީނާޒް) ވިދާޅުވީ، ފަރިވަޅާއި އެކި ބާވަތްތަކުގެ ކާބޯތަކެތި ހިފައިގެން މުއައްސަސާތަކުގެ ބޭފުޅުން، އެމްޓީސީސީގެ މުވައްޒަފުން މަސައްކަތް ކުރާ ސަރަހައްދަށް ވަޑައިގަތީ މިއަދު ހެނދުނު 10:00 އެހާ އިރު ކަމަށެވެ. މި ހަރަކާތުގައި ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި އެހެނިހެން މުއައްސަސާތަކުގެ ވެރީން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލުން މޭޔަރު އަދި ޑެޕިއުޓީ މޭޔަރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ސަރަހައްދަށް ވެދުމާ ވަޑައިގެންނެވީ ސިޓީ ކައުންސިލުން ފެށިގެން ހިންގަވާފަ. މި ހަރަކާތުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވީ ގައުމީ އަދި ސަގާފީ ހެދުންތަކުގައި. މިދިޔަ އަހަރުތަކުގައިވެސް މި މަގުގައި ތާރު އެޅުމުގެ އެކި ކަހަލަ މަސައްކަތްތައް އެކި ސްޓޭޖުގައި ހިނގާފައިވޭ. އެކަމަކު ތާރު އެޅޭގޮތެއް ނުވޭ. އެހެންވީމަ ތާރު އެޅިގެންދާ މަންޒަރު ފެނުމަކީ ފުވައްމުލަކު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." މީނާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނައިބު ތުއްތު މަގުގެ އިތުރުން ރަށުގެ އެތެރޭގެ 37 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަގުތައް ހަދަން ފެށުމަށް ބޭނުންވާ އެކި ކަހަލަ މަސައްކަތްތައް ވެސް އެކި ސްޓޭޖުގައި މިހާރު ކުރިޔަށް އެބަދާ ކަމަށެވެ.

"ފުވައްމުލަކު ރައްޔިތުންގެ އުއްމީދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަގުތައް ވެސް އެއްކޮށް ނިމިގެން ދިޔުން. އޭރުން މި ރަށުގެ ބޮޑެތި ހުރިހާ މަގެއް ކަވަރު ވާނެ. އެ މަސައްކަތް ނިމޭ އިރު، ރާވާފައިވާ ގޮތަށް މަސައްކަތް ކުރިޔަށް ގޮސްފި ނަމަ، މި ރަށަށް ކުރިމަތިވާ ފެން ބޮޑުވުމުގެ މައްސަލައަށް ވެސް ހައްލު އަންނާނެ." މީނާޒު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ވަން"އަށް މިއަދު ވިދާޅުވީ ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމަކީ ކުންފުނީން ވަރަށް އިސްކަން ދީގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ އެކި ސްޓޭޖުތަކުގައި ހިމެނޭ ހުރިހާ މަސައްކަތެއް ވެސް ސަރުކާރުން ހަވާލުކޮށްފައިވާ މުއްދަތަށްވުރެ ކުރީން ނިންމުމަކީ އަމާޒެއް ކަމަށެވެ. އިތުރު ބޮޑެތި ބަދަލުތަކެއް ނައިސް، ކުރިޔަށް ދާ ނަމަ އެ އަމާޒަށް މަސައްކަތް ކުރިޔަށް ދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.