އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 03

އަބްދުﷲ ފާރޫގް ހަސަން

(26 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

އިރުއޮއްސޭން އުޅެނީއެވެ. حسّان އޭނާގެ ހިތްޕުޅުން ވިދާޅުވިއެވެ. "ހޯދަންއުޅޭ މީހުންނަށް ފެނިވަޑައިނުގެން އިރުކޮޅަކު ހިފަހައްޓައިލެއްވިއްޖެނަމަ ރޭގަނޑުގެ އަނދިރީގައި އެމީހުންނަށް އަހަރެން ހޯދައެއް ނުގަނެވޭނެއެވެ." އެހެންކަމުން އޭނާ އިރުކޮޅެއް ވަންދެން ވަށައިގެން ހޯއްދަވައިލެއްވުމަށްފަހު އެރީތި ގެއާ ކައިރީގައިހުރި ވީރާނާވެފައިވާ ގެޔަކާ ދިމާޔަށް ވަޑައިގެންފިއެވެ. އެގޭގެ ފާރުތެރެއަށް ފުއްލާ އެއްލައިލެއްވުމަށްފަހު އަސްމަތިން ފައިބައިވަޑައިގެންފިއެވެ. އޭނާ އަހުގެ ލަގަން ނަންގަވައިފައި އެއްފަރާތަކަށް އެއްލައިލެއްވިއެވެ. އަސް ފައްސަވައިލެއްވުމުން ތަންކޮޅަކަށް ގޮސްފައި ހުއްޓިއްޖެއެވެ. حسّان ހިލަގަނޑެއް ނަންގަވައިފައި އަހާދިމާޔަށް އެއްލެވުމުން އެސޮރު ދުވެފިލައިފިއެވެ. حسّان އަށް ހަމަޖެހުމެއް ލިބިވަޑައިނުގަންނަވަނީސް އަނެއްކާވެސް މީހުންގަނޑުގެ ހަޅޭކުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ އެތާނގައިހުރި ގަސްތަކެއްގެ ތެރެއަށް ވެދެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ނަމަވެސް އިރުކޮޅެއްވެސް ނުވަނީސް އިންސާނުންގެ އަޑާ ކުއްތާތައް ވައްވައްޖަހާ އަޑުވެސް އެކުލެވެން ފަށައިފިއެވެ. ކޮންމެވެސް މީހަކު ބާރުއަޑުން އޭނާގެ އެކުވެރިން ގާތު ބުނާ އަޑު އިވިވަޑައިގަތެވެ.

"އަސްމަތީން ވެއްޓުމުން އޭނާގެ ކަނދުރާ ނުބިނދޭކަމުގައިވާނަމަ ކޮންމެވެސް ގަސްބޮނޑިއެއްގެ ތެރޭގައި ބޮނދައި އިންނާނެއެވެ. ތިޔަބައިމީހުން ރަނގަޅަށް ހޯދާށެވެ!"

حسّان ވިސްނައިވަޑައިގަތެވެ. އެބައިމީހުންނަށް އަހަރެންގެ އަސް ފެނިއްޖެއެވެ. ޝިކާރަމަތީ ކުއްތާތަކަށް އަހަރެންގެ ވަސްދުވައިފިއެވެ. ދެނެއް އެމީހުން މިތަނަށް އަންނާކަށެއް މާގިނައިރެއް ނުވާނެއެވެ. ކުއްތާތައް އައިސް ވަށައިލާނެގޮތް ހިތްޕުޅަށް އެރުމުން حسّان ބިރުފުޅުން ގަސްތަކުގެ ތެރެއިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރެއްވީ ގަހަކަށް އަރައިވަޑައިގަތުމަށެވެ. ނަމަވެސް އޭނާއަށް ކޮންމެވެސް އެހެން އެއްޗެއް ވިސްނިވަޑައިގެން ވީރާނާވެފައިހުރި ގޭގެ ފާރުމައްޗަށް އަރައިވަޑައިގެން ބަންޑުން އޮށޯވެވަޑައިގެންފިއެވެ. އެފާރަކީ ފުދޭވަރެއްގެ ބޯފާރެކެވެ. ފާރުގެ ބޭރުގައި ހެދިފައިހުރި ބޯގަސްތަކުގެ ގޮފިތައް އޭނާގެ ހަށިކޮޅު ފޮރުވޭވަރަށް ފާރުމައްޗަށް ވަނީ ފެތުރިފައެވެ.

حسّان އަކީ ނުހަނު ބިރުފުޅުކުޑަ ބޭފުޅަކަށް ވުމާއެކުވެސް އޭނާގެ ހިތްޕުޅު ތެޅެމުންދެއެވެ. ވީރާނާވެފައިހުރި ގޭތެރެއަށް ކުއްތާތައް ވަދެ ފުއްލާއާ ދިމާޔަށް އަރައިގަތެވެ. ކުޑައިރުކޮޅެއްގެތެރޭގައި އެތައްބަޔަކު އެތަނަށް ޖަމާވެއްޖެއެވެ. އެމީހުން ކުއްތާތަކުގައި ތަޅައި ފަހަތަށް ގެންގޮސްފިއެވެ. އެތަނުން އެއްކުއްތާ ފާރުކައިރިއަށް އަތުވެއްޖެއެވެ. އަނގަމައްޗަށް ނަގައިގެން އޮވެ ހޭރެން ފަށައިފިއެވެ. ވަގުތުން އެހެން ކުއްތާތައްވެސް ހަޅޭއްލަވާ ކުއްތާއާ ބައިވެރިވެއްޖެއެވެ. އެސޮރުމެން ފުމެފުމެފައި ފާރުމައްޗަށް އެރޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. ނަމަވެސް އެސޮރުމެންނަކަށް ފާރުމައްޗަށް އެރޭވަރެއް ނުވެއެވެ. އެވަގުތު ގޭގެ އެހެން ފާރެއްގެ މައްޗަށް މީހަކު އަރައިފައި ގޮވައިލައިފިއެވެ. "މިއޮތީއެވެ. މިއޮތީއެވެ."

ބާޒެއް ހިފައިގެން އިން ސަވާރެއް އަސްމަތިން ފައިބައިގެން ކުރިޔަށްއައިސް ބުންޏެވެ. "ކުއްތާތައް މަޑުކުރުވާށެވެ! ދެނެއް އޭނާއަކަށް ފިލައިގެނެއް ނުދެވޭނެއެވެ." އެއީ ޖިހާންދާދެވެ. ނޯކަރުން ކުއްތާތަކުގައި ވާޖަހައިގެން އެއްފަރާތަކަށް ގެންދިއުމުން ޖިހާންދާދު މަތިބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މިހާރު ކަލެއަށް ފާރުމަތިން ފޭބިދާނެއެވެ. އެންމެ ފުއްލާއެއް ވަގަށްނެގި މީހަކު ތިޔަހާވަރަށް ބިރުގަންނާކަށެއް ނުޖެހޭނެއެވެ."

حسّان ކަނދުރާފުޅު އުފުއްލަވައި ޖިހާންދާދާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ފާރުމަތިން ފައިބައިވަޑައިގެންފިއެވެ. އޭނާ ހަމަޖެހިވަޑައިގަތުމާއެކު ޖިހާންދާދުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑަކީ ވަގެއް ނޫނެވެ. އަޅުގަނޑުގެ މިފުއްލާ ޒަޚަމްކޮށްލީ މިތަނާ އެތައް މޭލެއްގެ ދުރުންނެވެ. އަޅުގަނޑުގެ ކުށަކީ ހަމައެކަނި މިފުއްލާ ޖަންގައްޔަށް ވަނަނުދީ ނުހުއްޓުވުނުކަމެވެ."

ޖިހާންދާދު ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "މިއީ އަހަރެމެންގެ ޖަންގައްޔެކެވެ. މިޖަންގަލީގެ ޙިމާޔަތް ހޯދާ ޖަނަވާރުތައްވެސް ވާނީ އަހަރެމެންގެ އެއްޗެއްސަށެވެ."

حسّان ވިދާޅުވިއެވެ. "މަނިކުފާނު ފުއްލާ ގެންދަވާށެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުގެ ދުނީން ޒަޚަމްވުމަށްފަހު އެފުއްލާ މިނިކާ ޖަނަވާރުތަކުގެ ޝިކާރަޔަކަށް ނުވާކަމުގެ ޔަޤީންކަން ހޯދުމެވެ."

"އެހެންވީއިރު ކަލޭ ފިލަން ދުވީ ކީއްވެގެން ހެއްޔެވެ؟"

"ފުއްލާއެއް ޝިކާރަކުރުމަށްފަހު ޚުދު އަޅުގަނޑު ޝިކާރަވެވޭކަށެއް އަޅުގަނޑު ނޭދެމެވެ. އަޅުގަނޑު ހީކޮށްގެންހުރީ، އަޅުގަނޑަށް ފިލައިގެން ދެވިދާނެކަމަށެވެ."

"މިހާރު ހީވަނީ ކިހިނެއްހެއްޔެވެ؟"

"މިހާރަކު އަޅުގަނޑު ފިލާކަށެއް ބޭނުމެއް ނޫނެވެ."

ޖިހާންދާދު އޭނާގެ ހިނިފުޅުވެޑުވުން މަތަކުރައްވަމުން ވިދާޅުވިއެވެ. "ކަލޭގެ ފުރާނަޔާމެދު ބިރުގަންނަގޮތްވީނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟"

"އަޅުގަނޑުގެ މުޅި ޢާއިލާގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓައިލާހައި އަޅުގަނޑުގެ ދިރިއުޅުމުގެ އަގުބޮޑެއް ނޫނެވެ. ތިޔައީ قبــاد ގެ ދަރިކަލެއްކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުމެންނަކީ އޭނާގެ ދަނޑުވެރީންނީމުއެވެ. އެހެންނޫންނަމަ އަޅުގަނޑު ތުރުކަސް އޮތީ ހުހަކަށް ނޫނެވެ."

"ކަލޭ ތިޔަބުނީ ކަލެއަކީ އަހަރެމެންގެ ދަނޑުވެރިޔަކަށް ނުވިނަމަ މިތިބަހާ އެންމެންނާ ދިމާކޮށްލާނެ ވާހަކަ ހެއްޔެވެ؟"

"އާދޭހެވެ. އެހެންވީނަމަ އަޅުގަނޑުގެ އެންމެ ދުންޏެއްވެސް ހުހަކަށް ނުދިޔައީހެވެ."

ނޯކަރަކު އެބޭފުޅުންގެ ވާހަކަފުޅުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "މޮޔަކަލޭގެއާއެވެ! ހަމަހޭގައިހުރެ ވާހަކަ ދައްކާށެވެ."

ޖިހާންދާދު އެނޯކަރާ ދިމާޔަށް ކޯފާވެފައި ވިދާޅުވިއެވެ. "ހިމޭނުން ހުންނާށެވެ!" ޖިހާންދާދު އަނެއްކާވެސް حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލޭގެ އަސް ފެނިފައި އަހަރެމެން ހީކުރީ ކަލޭ އަސްމަތިން ވެއްޓުނީ ކަމަށެވެ."

"އަޅުގަނޑު އަސްދޫކޮށްލީއެވެ. އަޅުގަނޑު ހީކުރީ އަޅުގަނޑަށް ފިލިދާނެކަމަށެވެ. އިރުއޮއްސުމުން ޖަންގަލީން ނުކުމެވިދާނެކަމަށެވެ."

"ކަލޭގެ އަސް ގެއަށް ހިނގައްޖެނަމަ ގޭގެމީހުންނަށް ހީވާނީ ކަލެޔަށް ކޮންމެވެސް ޙާދިޘާއެއް ކުރިމަތިވީކަމަށެވެ. މިހާރު އަހަރެމެންގެ އަހެއްގައި ކަލޭ އަވަހަށް ގެއަށް ދެވޭތޯ ބަލާށެވެ. ހެނދުނު އަސް އަނބުރައި ފޮނުވާށެވެ. ކަލޭގެ ޝިކާރަވެސް ގެންދާށެވެ. މިތާގައި ފުއްލާ ވަރަށް ގިނައެވެ. ކަލޭ ޝިކާރަކުރާހިތްވާނަމަ އަހަރެންގެ ގާތަށް އައިސް އުޅޭށެވެ. އަހަރެން އަދިވެސް ވިއްސަކަށް ދުވަހު މިތާނގައި ހުންނާނަމެވެ. އޭގެފަހުން އެނބުރި ހިނގައިދާނަމެވެ."

حسّان ސުވާލުކުރެއްވިއެވެ. "މަނިކުފާނު ހުންނަވަނީ މިތާކު ނޫންތޯއެވެ؟"

"އާނއެކެވެ. އަހަރެމެންގެ ލަޝްކަރުވީ މަދާއިނުގައެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނުގެ އަރިހަށް އައިސް އުޅޭނަމެވެ. އަޅުގަނޑު ވަރަށް ބޮޑަށް ޝިކާރަކުރާހިތްވެއެވެ. ނަމަވެސް އަޅުގަނޑަށް ހީވާގޮތުގައި މިހާގިނަ މީހުން ފޯރިމަރާ ޖަންގައްޔެއްގައި ފުއްލާކަހަލަ ޖަނަވާރުތަކެއް މާގިނަދުވަހަކު ނުއުޅޭނެއެވެ."

ޖިހާންދާދު ހިނިފުޅުވަޑުވައިލައްވައިފައި ޖަވާބުދެއްވިއެވެ. "މިއީ ޖަންގަލި ބަލަހައްޓާ ބައެއްނޫނެވެ. އަހަންނާއެކު ޝިކާރައަށް އައިސްއުޅޭ މީހުންނެވެ."

حسّان ގޯތިތެރެއިން ނުކުމެވަޑައިގަތުމުން ޖިހާންދާދުގެ އިޝާރާތަކަށް ނޯކަރެއް އޭނާގެ އަސް حسّان އަށް އަރުވައިފިއެވެ. އަނެއްދުވަހު حسّان އަސް އަނބުރައި ރައްދުކުރައްވަން ވަޑައިގަތުމުން ޖިހާންދާދު އޭނާގެ ބައްޕާފުޅުގެ އަރިހަށް حسّان ގެންދެވިއެވެ.

މިއީ އީރާނުގެ އަމީރެއްގެ ބޭފުޅަކާ ޢަރަބި ދަނޑުވެރިއެއްގެ ކުއްޖެއްގެ ރަޙުމަތްތެރިކަމުގެ ގުޅުމުގެ ފެށުމެވެ. އެދުވަހަށްފަހު حسّان ގާތްގަނޑަކަށް ކޮންމެދުވަހަކު ޖިހާންދާދުގެ އަރިހަށް ވަޑައިގަންނަވައެވެ. އޭނާއަށް قبــاد ގެ ފައްކާގެއަށް ވަޑައިގެން އެގޭގައި އުޅުއްވުމުގެ ހުއްދަވަނީ ލިބިވަޑައިގެންފައެވެ. އޭނާއާ އެއްފެންވަރެއްގެ ޢަރަބީންނަށް އެގެ ބަލައިލެވޭނީ ހަމައެކަނި ބޭރުންނެވެ.

އޭރު حسّان ގެ އުމުރުފުޅަކީ ސާދަ އަހަރެވެ. ޖިހާންދާދު އޭނާއަށްވުރެ ތިންއަހަރު ދޮށިފުޅެވެ. ޖިހާންދާދުގެ ކޮއްކޯފުޅު ޒަރުބަތު، ޖިހާންދާދަށްވުރެ އަށްއަހަރު ހަގުފުޅެވެ. ތުއްތު ماه بانو ޒަރުބަޚުތަށްވުރެ ދޮޅުއަހަރު ހަގުފުޅެވެ. އަވަށުގެ އަންހެންކުދިން އޭނާއަށް ކިޔަނީ ޕަރީއެވެ.

އެއީ އީރާނުގެ ޚުސްރޫޕަރުވޭޒުގެ ފުތޫޙާތުގެ ރާޅުތައް ޤުސްޠަންޠީނިއްޔާގެ ފާރުތަކަށް ބިންދަމުންދިޔަ ތާރީޚީ ދުވަސްވަރެވެ. ބޮސްފަރަސްގެ އިރުމަތީފަރާތު އައްސޭރީގައި ބަނޑަހަޖަހައިގެންތިބި އީރާނީ ލަޝްކަރުގެ ފޭލިގެތައް ރޫމުގެ ޤައިސަރަށް އޭނާގެ ގަނޑުވަރުގެ ކުޑަދޮރުކޮޅުތަކުން ފެނިވަޑައިގެންނެވި ދުވަސްވަރެވެ.

އެދުވަސްވަރު حسّان ފަޚުރުވެރިކަމާއެކު ވިދާޅުވެއެވެ. قبــاد ގެ ދަރިކަލުން އަދި އީރާނުގެ ލަޝްކަރުގެ ހިތްވަރުފުޅު ގަދަ އެއްކޮމާންޑަރަކީ އަހަރެންގެ ރަޙުމަތްތެރިއެކެވެ. އަހަރެން ވަރަށް އަވަހަށް އޭނާގެ ލަޝްކަރުގައި ބައިވެރިވެދާނަމެވެ. އަވަށުގެ ޅަޢުމުރުގެ ކުދިން އޭނާގެ މައްޗަށް ޙަސަދަވެރިވެއެވެ. ދުވަސްވީ ހަރުމީހުން އޭނާއަށް މަލާމާތްކުރެއެވެ.

(ނުނިމޭ)