ގައުމީ ދުވަސް

ގައުމީ ދުވަސް، ދިވެހި ދައުލަތަށް ނަން ދެއްވި އުތީމު މުހައްމަދު ތަކުރުފާނުގެ ހަނދާނުގައި

ޝަހީދާ އަބްދުﷲ ސައީދު

މިއަދަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވަކި ދުވަހެއް ލިޔެ ބަޔާންކޮށްފައިވާ ''ގައުމީ'' ދުވަހެވެ. ރަބީޢުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ.

މިދުވަސް ދިވެހިން ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ބޮޑުތަކުރުފާނަކީ ރާއްޖޭގައި 15 އަހަރާއި ހަ މަސްދުވަސް ވަންދެން އަނިޔާވެރި ވެރިކަމެއް ކުރި ޕޯޗްގީޒުންގެ އަތްދަށުން ގައުމު މިނިވަންކޮށްދެއްވި ބަޠަލެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ހާސިލުކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އުތީމު ކަޅު އަލީ ޚަތީބު ތަކުރުފާނުގެ، ހުސައިން ޚަތީބު ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. މިރަދުންގެ މަންމާފުޅަކީ ހއ.އިހަވަންދޫ އާމިނާ ދިޔޯ އެވެ. އުފަންވެ ވަޑައިގަތީ ކަޅު މުހައްމަދު ރަސްގެފާނު ރަސްކަމުގެ ތިން ވަނަ ދައުރުގެ ތެރޭގައެވެ. މިއީ މިއަދުވެސް ދިވެހިން ފަހުރުވެރިވާ ގައުމީ ބަޠަލެވެ. ބޮޑު ތަކުރުފާނު ތައުލީމް ހާސިލް ކުރެއްވީ ބައްޕާފުޅު، އުތީމު ހުސައިން ޚަތީބު ތަކުރުފާނު އާއި، ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. މީގެ އިތުރުން ބޭދާޅީން ހެވިކަމާއި އެކިއެކި ހުނަރާއި ތަޖުރިބާތައް ހޯއްދެވިއެވެ.

ގައުމީ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ގައުމީ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރިކަން ތާރީޚުން އެނގޭކަށް ނެތެވެ. ނަމަވެސް އެދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ހުކުރުމިސްކިތު ހަރުގޭގައި ސަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބާއްވަމުން ދިޔައެވެ. އަދި އެދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަކޮށް އުތުރުގެ ރަށްރަށުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ސޮލަވާތް ކިޔަވައި އުޅުނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ގާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލުތަކެއް ފާސްކުރިއިރު ދިވެހިރާއްޖޭގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ އެއްދުވަސް ކަމުގައި ގައުމީ ދުވަސް ހިމެނިގެން ދިޔުމެވެ. އެ ގާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ރަބީއުލްއައްވަލް އެއް ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ.

1998 ވަނަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާގޮތަށް ހަމަޖެއްސުމާ ގުޅިގެން މިރަސްމިއްޔާތު ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން ކޮންމެ އަހަރަކުވެސް ބޮޑުތަކުރުފާނުގެ އުފަން ރަށް ކަމުގައިވާ ހއ. އުތީމުގައި ވެސް ސަރުކާރުން ގައުމީ ދުވަސް ފާހަގަކުރަންފެށިއެވެ.

ޕޯޗްގީޒުންގެ އަނިޔާވެރިކަމުގައި ދިވެހިން 15 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރިފަހުން އެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި، ދިއުމުން ޕޯޗްގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު އިސްވެ ހުންނަވައި، އެތަކުރުފާނުގެ ބޭބޭފުޅު އަލީ ތަކުރުފާނާއި ކޮއްކޯފުޅު ހަސަން ތަކުރުފާނާއި ދެ ހާޖީންނާއި ދުވާފަރު ދަންޑަހެލާއެކު ޕޯޗްގީޒުންނާ ހަނގުރާމައަށް ނުކުމެވަޑައިގަތް ކުރެއްވި ވަރުގަދަ ޖިހާދުން ނަސްރު ލިބުނީ މީލާދީން 2 ޖުލައި 1573 ގައެވެ. އެއީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެ ހަނގުރާމައިގައި އަލީ ތަކުރުފާނު ތަކަންދޫގައި ހުންނަވަނިކޮށް، ޕޯޗުގީޒުން އެތަކުރުފާނު ގަތުލުކޮށް އިސްތަށިފުޅު މާލެ ގެނައެވެ. އުތީމު ތިންބެއިން ޕޯޗްގީޒުންނާ ހަނގުރާމައަށް ނުކުންނެވީ އާއިލާ މަލިކަށް ބަދަލުކުރައްވާފައެވެ.

ތާރީޚީ ލިޔުންތަކުން ފެންނަން ހުރި ގޮތުގައި، ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވުމުގެ އިތުރުން އެތަކުރުފާނަކީ ދިވެހި ދައުލަތް ހަމަޖެއްސުމަށްޓަކައި ރަސްކަމުގެ ގަނޑުވަރު ބިނާކުރެއްވުމާއި، އާދަކާދަތައް އުފެއްދެވި ލީޑަރެވެ. ބޮޑު ތަކުރުފާނަށް ހަމަޖައްސަވަން އެންމެ ދަތިފުޅުވި ކަމަކީ އިސްލާމްދީންގެ މައްސަލަތަކެވެ. އެހެނީ އެތަކުރުފާނު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ރާއްޖޭގައި އިލްމުވެރިޔަކު ނެތެވެ. އެތަކެއް އަހަރެއް ކުރީގައި ދިވެހިރާއްޖޭގައި އުޅުއްވި އަލްފަޤީހު ސުލައިމާން އަލްމަދަނީ ބިން މުހައްމަދު ބިން އީސާ އައްތިރިއްލީ އަލްޔަމަނީ ނިޔާވުމަށްފަހު ދިވެހިރާއްޖެއިން ދީނީ އިލްމުގެ ކުލަ އައީ ފަނޑުވަމުންނެވެ. އޭރު އޭނާގެ ދަރިވަރުންތައް ވެސް ވަނީ މަރުވެގެން ގޮސްފައެވެ. އިލްމުގެ ނޫރު މުޅީން ނެތި ގޮސްފައެވެ.

ނަމަވެސް މިމައްސަލަ ހަމަޖެއްސުމަށްޓަކައި ނަސީބު ބޮޑު ތަކުރުފާނު އާއި އެހީތެރިވެދިނެވެ. އެއީ ވަރަށް މަތިވެރި ދަރަޖައަކަށް އިލްމު އުނގެނިވަޑައިގެން ހުންނެވި ދިވެހިރާއްޖޭގެ ދަންނަ ބޭކަލަކު އެދަނޑިވަޅުގައި މާލެ ވަޑައިގެންފިއެވެ. އެބޭކަލަކީ އައްޝައިޚް މުހައްމަދު ޖަމާލުއްދީނެވެ. ދިވެހި ތާރީހުގައި މަޝްހޫރު ވާދޫ ދަންނަ ކަލޭގެފާނެވެ.

ހަސަން ތާޖުއްދީނުގެ ތާރީހުގައި ބަޔާންކުރައްވާފައިވާ ގޮތުން ބޮޑު ތަކުރުފާނު ގެ ރަސްކަމުގައި ބޮޑު ވަޒީރަކު ކަމުގައި ހަމަޖެއްސެވީ ކަޅުއޮށްފުންމީގެ މަޝްހޫރު އަލީ ހާޖީ އެވެ. އެއީ ދޮށިމޭނާ ކަމަށް ކޮލިލެއްވުމަށްފަހު ގައެވެ. ހަސަން ހާޖީ އަށް ކޮލިލެއްވީ ވެލާނާ ކަމަށެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހަނގުބޭކަލުން އުފައްދަވައި އެމީހުންނަށް ވަކި ގަވާއިދަކުން އެއްޗެތި ދެއްވާން ފެއްޓެވީ ބޮޑު ތަކުރުފާނެވެ. އެއީ މަހަކު ދެފަހަރު ބަނޑުހަނޑޫ ދެއްވުމާއި، އަހަރަކު ތިންފަހަރު ފޭލި ދެއްވުމެވެ. މިއަދުވެސް ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެއްވީ ބޮޑުތަކުރުފާނެވެ. ބޮޑުތަކުރުފާނަކީ ދީލަތިކަމާއި އަދުލުވެރިކަމާ އެކީގައި ރަސްކަން ހިންގަވަމުން ގެންދެވި ރަސްކަލެކެވެ. ނިކަމެތީންގެ ހާލު ބެއްލެވި، ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިއްތެވި ރަސްކަލެކެވެ.

އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި ހަ މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ ހިޖުރައިން 1 ރަމަޟާން 993 ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތި ތެރޭގައެވެ.

ދިވެހި ތާރީޚުގައި ނުދެކޭފަދަ އަނދިރި ދުވަސްތަކެއް ދިވެހިންނަށް ކުރިމަތިކުރުވައި ދިވެހި ވެރިކަމުގެ ސިންގާސަނާ އާއި ޕޯޗްގީޒުންނާއި މަތިކުރުމުގެ އިސްމޭސްތިރި އަކީ ނުވަ ވަނަ ހަސަން ރަސްގެފާނެވެ. ނުވަވަނަ ހަސަން ރަސްގެފާނު ގައުމަށްވެފައިވާ އެންމެ ބޮޑު ޚިޔާނާތަކީ 19 މެއި 1558، އަދި 1 ޝައުބާން 965 ގައި ޕޯޗްގީޒުން ރާއްޖެ ގެނެސް، ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލީ ރަސްގެފާނު ޝަހީދުކޮށްލުމެވެ. ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރީ އަލީ ރަސްގެފާނު ޝަހީދުކޮށްލުމަށްފަހު އެވެ.

އަމިއްލަ އެދުމެއް ނެތި އިސްލާމް ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަރުގަދަ ޖިހާދެއްކުރައްވައި ކާމިޔާބު ހޯއްދެވި ބޮޑުތަކުރުފާނު ފަދަ ދިވެހި ދަރިޔަކަށް، މިޖީލުގެ ކޮންމެ ދިވެއްސަކުވެސް ވާންޖެހެއެވެ.