ޓެކްނޮލޮޖީ

އާ އެއާޕޮޑްސް ނެރޭނީ ކަޅު ހިމެނޭ ގޮތަށް އަށް ކުލައެއްގައި

ދުނިޔޭގެ އެންމެ މަގުބޫލު ފޯނު އުފައްދާ ކުންފުނި އެޕަލްގެ ކޮންމެ އުފެއްދުމަކީ ވެސް ބޮޑު ހަބަރެކެވެ. އެތައް ބަޔަކު އަބަދުމެ އަޕްޑޭޓް ބަލަބަލައި ތިބޭ ކަމެކެވެ. އެ ކުންފުނިން ނެރެން އުޅޭ ކޮންމެ އުފެއްދުމަކާ ގުޅިގެން ވެސް ތަފާތު ގިނަ ވާހަކަތަކެއް ފެންމަތިވެއެވެ.

އެގޮތުން އެޕަލް އިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އެ ކުންފުނީގެ އެންމެ ފަހުގެ ފޯން ނެރުމުގެ މަސްތަކެއް ކުރިން އެ ފޯނާ ގުޅޭ ލައްކަ ގިނަ ވާހަކަ އާއި އަޑުތައް ފެތުރުނެވެ. އޭގެން ބައެއް ވާހަކަތައް އާހިރުގައި ވެގެން ދިޔައީވެސް ހަގީތަށެވެ.

ކޮންމެއަކަސް އާ އައިފޯނެއް އަންނަން އަދި ދުވަސްތަކެއް ވެދާނެއެވެ. ނަމަވެސް މިހާރު އަޑުތައް ގަދަވެގެން އުޅެނީ އެޕަލް ކުންފުނީގެ އާ އެއާޕޮޑްސްގެއެވެ.

އެގޮތުން އެޕަލް އެއާޕޮޑްސްގެ އާ ޗާޖިން ކޭސްގެ ފޮޓޯތަކެއް ވެސް ދައުރު ވެފައިވާއިރު، މިހާރު އަޑުތައް ފެތުރޭ ގޮތުން އެއާޕޮޑްސް ނެރޭނީ ވެސް ތަފާތު ކުލަ ތަކެއްގައެވެ. މިހާރު އެއާޕޮޑްސް ނެރެނީ ހަމައެކަނި ހުނދު ކުލައިގައެވެ.

އެތެރޭގެ މަސްދަރުތަކަކާ ހަވާލާދީ އިކޮނޮމިކް ޑެއިލީ ނިއުސް އިން ބުނާގޮތުގައި، އާ އެއާޕޮޑްސް އަށް ކުލައެއްގައި ނެރޭނެ ކަމަށް ބެލެވެއެވެ. އެ ކުލަތަކުގެ ތެރޭގައި ކަޅު، ހުދު އަދި ފެހި ކުލަ ހިމެނެއެވެ.

އެއާޕޮޑްސް ޕްރޯ ނުވަތަ އެއާޕޮޑްސް 3 ގެ ނަމުގައި ނެރޭނެ ކަމަށް ބެލެވޭ އެއާޕޮޑްސްއާ ބެހޭގޮތުން މީގެ ކުރިން އިވިފައިވާ އަޑުތަކަށް ބަލާއިރު، މިހާރުގެ އެއާޕޮޑްސް އަށްވުރެ ނޮއިސް ކެންސަލޭޝަން ރަނގަޅުކޮށް، ވޯޓާޕްރޫފް ކުރާނެއެވެ.

އާ އެއާޕޮޑްސްގެ އަޑުތަކެއް ގަދަވެފައިވާއިރު، އެޕަލް އިން އެންމެ ފަހުން އެއާޕޮޑްސް އެއް ނެރުނީ މިއަހަރުގެ ކުރީކޮޅުއެވެ. ނަމަވެސް އެޔަށް ގެނެސްފައިވަނީ ކުދިކުދި ބަދަލުތަކެކެވެ. އަދި ދެން ނެރޭ އެއާޕޮޑްސްގައި ބޮޑެތި އަޕްގުރޭޑްތަކެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.