އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް މަޖިލީހަށް އެންގެވުމަށް ކަމާބެހޭ މުއައްސަސާތަކުގެ ކިބައިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސަަައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއް ކަމަށެވެ. އަދި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުން އަދި އަދި މަޖިލީހުގެ އިދާރާ އިން ގަދައަޅާ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އަމީން އާއްމު ވިދާޅުވީ، މަޖިލީހުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން މަސައްކަތްކުރާ މި ދަނޑިވަޅުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި، މަޖިލީހުގެ މެންބަރުންތަކެއް ޝާމިލުވާކަމަށް ތުހުމަތު ކުރާ ވާހަކަތަކެއް ތަހުގީގީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އެ ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ، މަޖިލީހުގެ މެންބަރުންގެ ނަންތަައް ކަމާގުޅޭ އިދާރާތަކުން މަޖިލީހަށް އަންގަވައި ދެއްވުމަށް މަޖިސް ރައީސް އެދިވަޑައިގެންނެވީ ކަމަށްވެސް ވިދާޅުވިއެވެ.
"އެ ވާހަކަ ތަހުގީގީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރި ވެފަިއވާ ކަމަށް ތުހުމަތު ކުރެވޭ، މަޖިލީހުގެ މެންބަރުންގެ ނަންތައް ކަމާގުޅޭ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް އަންގަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ،" އަމީންއާއްމު ވިދާޅުވިއެވެ.
ނައުޝާ ވިދާޅުވީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމާބެހޭ މުއައްސަސާތަކުގެ ކިބައިން އެކަމަށް އެދި ވަޑައިގެންނެވީ މިއަދު ކަމަށެވެ. އެހެނަކަމުން އެ މުއައްސަސާތަކުން އެއްވެސް ޖަވާބެއް އަދި ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރާ އަޑުތައް ގަދަވެފައި މިވަނީ، އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތު ކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ ވަޒީރުންގެ މަޖިލީހާއި، ކޯޓު ތަކުގެ ފަނޑިޔާރުންގެ ގޮތުގައި އެބަތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާގުޅުގެ އެ ފަރާތްތައް ސަރުކާރުން ވަކި ކުރުމަށާއި، ތަހުގީގު ހިންގުމަށްފަހު އެ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ވަނީ ބަހުސްވެސް ކޮށްފައެވެ.