އެމްއެސްޖީއެފް

ވޯލްޑް ފެލޯޝިޕް ޑޭ އެމްއެސްޖީއެފުން ފާހަގަކޮށްފި

މިންހާ ފާއިޒް ރަޝާދު

ވޯލްޑް ފެލޯޝިޕް ޑޭ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝީޕް (އެމްއެސްޖީއެފް) އިން ފާހަގަ ކޮށްފިއެވެ.

ފެލޯޝިޕް ޑޭ ފާހަގަ ކުރުން އޮތީ ހުދުރަންފުށި ރިސޯޓްގައި އިއްޔެ ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާގައި އެމްއެސްޖީއެފްގެ އެކްސްކޯ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.

އިއްޔެ ހުދުރަންފުށީގައި ވަނީ އެމްއެސްޖީއެފްގެ އަހަރީ ރިޓްރީޓްވެސް ބާއްވާފައެވެ. އެގޮތުން ގައިޑިން އަދި ސްކައުޓިންއާ ގުޅޭ ގޭމްތައް މެންބަރުން ވަނީ ކުޅެފަ އެވެ. ގޭމްސް ތަކުގެ ތެރޭގައި ބެލޫން ރޭސް، ސެކް ރޭސް، ކިމްސް ގޭމް، ސްކަވެންޖާ ހަންޓް، ފިލް ދަ ބޮޓަލް އަދި ޓަގް އޮފް ވޯ ހިމެނެއެވެ. މީގެ އިތުރުން ގައިޑިން އަދި ސްކައުޓިން ގެ ރޫހު ދިރުވައި އާލާކުރުމުގެ ގޮތުން ބައިވެރިންވަނީ ގައިޑް އަދި ސްކައުޓް ލަވަތައްވެސް ކިޔާފައެވެ.

ރިޓްރީޓް ނިންމުމުގެ ގޮތުނާއި ވޯލްޑް ފެލޯޝިޕް ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި އެމްއެސްޖީއެފްގެ ސެކްރެޓީ ޖެނެރަލް ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ފެލޯޝިޕް ޑޭ އަކީ ގައިޑް އަދި ސްކައުޓިންގެ ހަރަކާތްތަކަށް ލޯބިކުރާ ބޭފުޅުން އެއްވެގެން ނިންމި ނިންމުމެއްގެ މަތިން ފެށިގެން އައި ހަރަކާތެއް ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގައިވެސް އެމްއެސްޖީއެފް އުފެދި އޭގެ ހަރަކާތްތައް ފެށުނީކަމަށެވެ.

އެމްއެސްޖީއެފްގެ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ޑރ ޝަކީލާ ވިދާޅުވީ ކޮންމެ މެންބަރަކުވެސް ކޮންމެ ދުވަހަކުވެސް ރަނގަޅު އެއްކަމެއް ކުރާ ބަޔަކަށް ވެވޭތޯ މަސައްކަތް ކުރަންވާނެ ކަމަށެވެ. ގައިޑިން އާއި ސްކައުޓިން ވެލިއުސްތައް ހިފަހައްޓައި ދަމަހައްޓަންވާނެ ކަމަށްވެސް ޑރ ޝަކީލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އިހްސާންތެރިކަމާއި ތެދުވެރިކަމާއި ގައުމު ދެކެ ލޯބިވެ ގައުމަށްޓަކައި ހިދުމަތްކުރުން ހިމެނޭ ކަމަށް ޑރ. ޝަކީލާ ވިދާޅުވިއެވެ.

އެމްއެސްޖީއެފްގެ މައިގަނޑު މަގުސަދަކީވެސް ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާ ކުރުން ކަމުގައި ޑރ. ޝަކީލާ ވިދާޅުވިއެވެ.

މިހާރުވެސް އެމްއެސްޖީއެފުން ވަރަށް ގިނަ އިޖުތިމާއީ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް ޑރ. ޝަކީލާ ވިދާޅުވީ އޭގެ ތެރޭގައި ކޮންމެ މަހަކު އެއްފަހަރު އިސް ރަށްވެހިންނަށް ހިންގާ ހާއްސަ ޕްރޮގްރާމް ފާހަގަކޮށްލެވޭ ކަމަށެވެ. މި ޕްރޮގްރާމަކީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ޑރ. ޝަކީލާ ވިދާޅުވިއެވެ.

ފެލޯޝިޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން އެމްއެސްޖީއެފުން ވަނީ މެންބަރުންނާއެކު ކޭކެއްވެސް ފަޅާފައެވެ. އަދި އިންޓަނޭޝަނަލް ސައުޓް އެންޑް ގައިޑް ފެލޯޝިޕް ގެ މެސެޖް މެންބަރުންނަށް އިއްވާފައެވެ. އަދި އަލަށް އެމްއެސްޖީއެފާ ގުޅުނު ދެ މެންބަރެއްގެ ހުވާލައިދީ ބެޖު ހަވާލުކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.