ވިޔަފާރި

ކާމިޔާބުކަމާއެކު ޕިންކް ރިބަން ރަން ވޯކް ނިންމާލައިފި

މަރިޔަމް ޝަހުދާ

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގުޅިގެން ބޭއްވި ޕިންކް ރިބަން ރަން ވޯކް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ މި ހަރަކާތް ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗް ހުރި 28 ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔައެވެ. ކެންސަރ ސޮސައިޓީގެ އިސްނެގުމާއެކު ބީއެމްއެލްއާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމުގެ އިތުރުން ކެންސަރ ސޮސައިޓީއަށް އެހީވުމަށް ފަންޑު ހޯދުމަށެވެ.

މި ހަރަކާތުގައި ދުޅަހެޔޮ ސިއްހަތެއްގެ މުހިއްމު ކަމުގެ އިތުރުން ސިއްހީ ގިނަ މައުލޫމާތު އާންމުންނާ ހިއްސާ ކުރިކަމަށް ބީއެމްއެލް އިން މައުލޫމަތު ދިނެވެ. އެބޭންކުން ބުނީ މި ހަރަކާތް ކާމިޔާބު ކަމާއެކު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ބޭންކުގެ 150 އެއްހާ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވި ކަމަށެވެ.

މި ހަރަކާތަކީ ބީއެމްއެލް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. ބީއެމްއެލުން ބުނީ، މި ހަރަކާތުގައި ބައިވެރިވުމަށް ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާ ކެންސަރު ސޮސައިޓީއަށް ހަދިޔާ ކުރާނެ ކަމަށެވެ. އަދި އެ ޖަމިއްޔާއިން މި ފައިސާ ހޭދަ ކުރާނީ ދިވެހިން ކެންސަރު ބައްޔަށް އިތުރަށް އަހުލުވެރިކޮށް، ކެންސަރަށް މިހާރު ފަރުވާ ހޯދަމުން އަންނަ ދިވެހިންނަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޯށްދިނުމަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

ކޮންމެ އޮކްޓޫބަރު މަހަކީ ދުނިޔޭގެ ފެންވަރުގައި އުރަމަތީގެ ކެންސަރަށް މީހުން އަހުލުވެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ މަހެކެވެ. ރާއްޖޭގައިވެސް އޮކްޓޫބަރު މަހު އުރަމަތީގެ ކެންސަރަށް މީހުން އިތުރަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ އުރަމަތީގެ ކެންސަރަށް މީހުން އަހުލުވެރި ކުރުމަށް ހިންގާ އެންމެ ބޮޑު ހަރަކާތް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.