ދުނިޔެ

އެމެރިކާގެ ސިފައިން އައިއެސްގެ ލީޑަރު މަރާލައިފި ކަމަށް އޮފިޝަލަކު ބުނެފި

މަރިޔަމް ޝަހުދާ

އެމެރިކާގެ ސިފައިން އިސްލާމިލް ސްޓޭޓް، އައިއެސް ގެ ލީޑަރު، އަބޫބަކުރަ އަލް ބަގްދާދީ މަރާލައިފި ކަމަށް އެެރިކާގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ބުނެފި އެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަގްދާދީ މަރާލާފައިވަނީ އެމެރިކާއިން ސީރިއާގައި ހިންގި މިލިޓަރީ އޮޕަރޭޝަނެއްގަ އެވެ. މި މިލިޓަރީ އޮޕަރޭޝަނަކީ، އެ އޮޕަރޭޝަނަށް ހަނގުރާމަވެރިި ސިފައިން ފޮނުވުމުގެ ހަފުތާއެއް ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކަމަށް ހުއްދަ ދެއްވާފައިވާ ރެއިޑް އޮޕަރޭޝަނެއް ކަމަށް އެ ނޫހުގައި ވެއެވެ.

މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުސް ވީކް އިންނެވެ. ނިއުސް ވީކުން ރިޕޯޓު ކުރި ގޮތުގައި މި އޮޕަރޭޝަންގެ ބައިވެރިން ވަނީ މަރާލާފައިވަނީ ބަގްދާދީ ކަމަށް ބުނެފައެެވެ. ނަމަވެސް މިކަން ކަށަވަރުވާނީ ޑީއެންއޭ އަދި ބިޔޮމެޓްރިކް ޓެސްޓްތައް ހެދުމުން ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލަކާއި ހަވާލާދީ އެނޫހުން ބުނެފައި ވެއެވެ.

ބަގްދާދީ މަރުވީ އޭނާ ގައިގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައިގެން އަމިއްލަށް ކަމަށް އޮފިޝަލަކު މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ނިއުސް ވީކުގައި ބުނެފައިވެ އެވެ. އަދި މި ހަމަލާގައި ބަގްދާދީގެ ދެ އަންހެންނުން ވެސް މަރުވެފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ޓްރަމްޕް ވަނީ ބޮޑު ކަމެއް ވެއްޖެ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. އަދި އެމެރިކާ ގަޑިން މިއަދު ހެނދުނު ނުވައެއް ޖަހާއިރު ވައިޓް ހައުސްގެ ޑިޕްލޮމެޓިކް ރިސެޕްޝަން ރޫމްގައި ޓްރަމްޕް ނޫސްކޮންފަރެންސެއް ދެއްވާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.