ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ އަތުން މާޒިޔާއަށް ހަނި މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ލަނޑުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ދަ ގްރާންޑޭ އަތުން މާޒިޔާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ކީޕަރު ފައިސަލް މަތަކުރި އިރު، މެޗުގެ ނުވަވަނަ މިނެޓުގައި ދަ ގްރާންޑޭގެ އަހްމަދު ނިޒާމް ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނެލިއަސް ސްޓެވާޓް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ދަ ގްރާންޑޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަސައްކޮއަށް ލިބުނު ހުސް ފުރުސަތު، އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަސައްކޮ ނަގައިދިން ހުރަހަކުން ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާ، ދަ ގްރާންޑޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. ކޯނެލިއަސްއަށް ބޯޅަ ލިބުނު އިރު، ދަ ގްރާންޑޭގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިޔާ ޓޯސޫ ކްރިސްޓިއަން ޑޯޑްޒީ ފޮނުވާލި ބާރު ހަމަލާ، މާޒިޔާގެ ކީޕަރު އަޒީޒީ އޯވޭސް ވަނީ މަތަކޮށްފައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާއެވެ. މާޒިޔާއަށް ކުޅުނު 12 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

ލީގުގެ މެޗުތައް ދެން ފެށޭނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.