ވޮލީބޯޅަ އެސޯސިއޭޝަން

ރާއްޖޭގެ ވޮލީ ޓީމުގެ ކަންކަމާ ގުޅޭ ގޮތުން ވީއޭއެމްގެ ރައީސާ މުއާމަލާތް ކުރަން އޭވީސީން ބަންގްލަދޭޝަށް އަންގައިފި

އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، "އޭޝިއަން ސެންޓްރަލް ސީނިއަރ ވުމެންސް ވޮލީ ޗެމްޕިއަންޝިޕް" އާ ގުޅޭ ގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފާ ކުރުމަށް އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ) އިން ބަންގްލަދޭޝް ގެ ވޮލީބޯލް ފެޑެރޭޝަން އަށް އަންގައިފި އެވެ.

އޭވީސީން ބަންގްލަދޭޝްގެ ވޮލީ ފެޑެރޭޝަނަށް މިގޮތަށް އެންގީ މިއަދު އެ ފެޑެރޭޝަނުގެ ރައީސް، އެމްޑީ އަތީގުލް އިސްލާމަށް އެޑްރެސްކޮށް އޭވީސީގެ ރައީސް ޑރ. ސޯލިހް ބިން ނަސީރު ފޮނުވި ސިޓީއެއްގަ އެވެ.

ބަންގަލަދޭޝަކީ އަންނަ މަހު ހަތެއްގައި ފަށަން ތާވަލުކޮށްފައިވާ އެ މުބާރާތް ބާއްވާ ގައުމެވެ.

ރާއްޖޭގެ ޔޫތު މިނިސްޓްރީން އެކުލަވާލާފައިވާ "ފެޑެރޭޝަން" އާ މި މުބާރާތުގެ ކަންކަމުގައި މުއާމަލާތް ނުކުރަން ވެސް މި ސިޓީގައި ވަނީ އަންގައިފަ އެވެ.

"މި މުބާރާތުގެ ކަންކަމުގައި ރާއްޖޭގެ ފެޑެރޭޝަނާ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ހަނދާންކޮށްދެން. ތިޔަ ފެޑެރޭޝަނުން މުއާމަލާތް ކުރަން ޖެހޭނީ، ފެޑެރޭޝަން އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ) އިން ހުއްދަ ދީފައިވާ ރާއްޖޭގެ ފެޑެރޭޝަނާ. މިނިސްޓްރީ އޮފް ސްޕޯޓްސް އިން ހުއްދަ ދީފައިވާ ފެޑެރޭޝަނަކާ ނޫން." ސަރަހައްދީ ވޮލީ ބޯޅަ ފެޑެރޭޝަނުގެ ރައީސް، ބަންގްލަދޭޝްގެ ވޮލީ ފެޑެރޭޝަނުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިންތިހާބީ ފެޑެރޭޝަނާ މުއާމަލާތް ނުކޮށް މި މުބާރާތުގެ ކަންކަން ކުރިޔަށް ގެންގޮސްފި ނަމަ މުބާރާތަށް އެފްއައިވީބީ އާއި އޭވީސީން ހުއްދަ ނުދީފާނެ ކަމަށާއި އޭގެ އިތުރުން މި މުބާރާތަށް އެފްއައިވީބީން އެހީ ވެސް ނުލިބިދާނެ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އޭވީސީން ބަންގްލަދޭޝްގެ ފެޑެރޭޝަނަށް ފޮނުވި މި ސިޓީގައި ވަނީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފު ގެ އީމެއިލް ވެސް ފޮނުވާފަ އެވެ.

ރާއްޖޭގެ ކޮމިޝަނަރު އޮފް ސްޕޯޓްސް، އަހުމަދު ސަލީމް ވަނީ، ވީއޭއެމްގެ އިންތިހާބީ ރައީސް މަގާމުގެ ޒިންމާތަކުން ދުރުކޮށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށް، ތިން މަސް ތެރޭގައި އާ އިންތިހާބެއް ބާއްވަން ނިންމާފަ އެވެ. އަދި އެ ކޮމިޝަނުން ވީއޭއެމްގެ އިދާރީ އޮފީހަށް ވަދެ ވީއޭއެމް ހިންގުމާ ވެސް ވަނީ ހަވާލުވެފަ އެވެ.

މި ކަމާ ގުޅިގެން ބައިނަލް އަގުވާމީ ވޮލީ ބޯޅަ ޖަމިއްޔާއިން ވަނީ ސަރުކާރުން އެކުލަވައިލި ކޮމެޓީ ބަލައި ނުގަންނަ ކަމަށް އަންގާފަ އެވެ. އަދި ވީއޭއެމްގެ ހިންގުން އިންތިހާބީ ކޮމެޓީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރު އެކުލަވައިލި ކޮމެޓީން މި މަހު 24ގައި ބާއްވަން އުޅުނު އިންތިހާބު ވަނީ އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ. އަދި ފަހުން އެ ކޮމެޓީގެ މުއްދަތުވެސް ހަމަވެފައިވާ އިރު، ވީއޭއެމްގެ ހިންގުންވެސް ވަނީ ފާޑެއްގެ ހުސްކަމެއްގެ ތެރޭގަ އެވެ.

ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފު "ވަން"އަށް މިއަދު ވިދާޅުވީ، ނޯމަލައިޒޭޝަން ކޮމެޓީގެ ފަރާތުން ޓީމު ބައިވެރިކުރަން ފޮނުވި ފޯމު ތަކާއި އެހެނިހެން ލިޔެކިޔުންތައް ބަންގްލަދޭޝްގެ ފެޑެރޭޝަނުން އޭނާއަށް އަނބުރާ ފޮނުވާލާފައި އެބަ ހުރި ކަމަށާއި އެކަން ކުރިޔަށް ގެންގޮސްދިނުމަށް އެދިފައިވާ ކަމަށެވެ.

"އެމީހުން ވަނީ މުބާރާތަށް ބޭނުންވާ ފޯމާއި ޓީމުލިސްޓު ފަދަ ލިޔުންތައް ފޮނުވައިދޭން އަޅުގަނޑަށް އަންގާފަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމު މުބާރާތުގައި ކުޅޭނެ. ކުޅުންތެރީންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން." ލަތީފު ވިދާޅުވި އެވެ.

ލަތީފު އިތުރަށް ވިދާޅުވާ ވަރަށް އަވަހަށް އެކްސޯ ބައްދަލުވުމެއް ބާއްވައި އެ މުބާރާތް ބާއްވަން ކުރިޔަށް ގެންދަން ޖެހޭ އެންމެހައި ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށެވެ.