އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 02

އަބްދުﷲ ފާރޫގް ހަސަން

(21 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ماه بانو ގެ އަޑުފުޅު ގިސްލެއްވުމެއްގެ ތެރެއަށް އޮބިގެން ހިނގައްޖެއެވެ. އޭނާގެ ލޯފުޅުން ކަރުނަފޮދު ހިނގައިގެންފިއެވެ. حسّان ގެ ކޯފާގެ މައްޗަށް ހިތާމަފުޅުގެ އިޙްސާސް ގަދަވެގަތެވެ. އޭނާ މޮޅުވެރި އަޑުފުޅަކުން ވިދާޅުވިއެވެ. "ޖިހާންދާދު އަބަދުވެސް ދައްކަވަނީ އޭނާގެ ކޮއްކޯފުޅުގެ ހިނިފުޅުވެޑުވުމުގެ ވާހަކައެވެ. ނަމަވެސް އަޅުގަނޑުގެ ނަސީބުދެރަކަމުން އަޅުގަނޑު މިގެއަށް މިއައީ އެއްވެސް އުފާވެރި ޚަބަރަކާއިގެންނެއް ނޫނެވެ."

ماه بانو އިރުކޮޅެއްވަންދެން حسّان އާ ދިމާޔަށް ބައްލަވަން ހަމަހިމޭނުން ހުންނެވިއެވެ. އެހެން ހުންނަވައިފައި ވިދާޅުވިއެވެ. "ކަލާ ތިޔަވަޑައިގެންނެވީ އޭނާ ދެން އަޅުގަނޑުމެންގެ ގާތަށް ވަޑައިނުގަންނަވާނެ ވާހަކަ ވިދާޅުވަން ދޮގެއްތޯއެވެ؟"

حسّان އިސްދަށަށް ޖައްސަވައިލައްވަމުން ވޭނީ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑުގެ އެއްވެސް ތަދުބީރަކުން އޭނާ އަނބުރައި ގެނެވޭނެނަމައެވެ."

ماه بانو އޭނާގެ ގިސްލެއްވުން މަތަކުރައްވަމުން ވިދާޅުވިއެވެ. "އޭނާ ދުނިޔޭގައި އެބަހުންނެވިއޭ. އޭނާވީ ރޫމީންގެ ކޮންމެވެސް ޖަލެއްގައޭ ކަލާއަށް ވިދާޅުވެވޭނެނަމަ އަޅުގަނޑުގެ ކަރުނަ ހުނުމަކަށް ބަދަލުކުރެއްވިއްޖައީހެވެ."

"އަޅުގަނޑަށް ތިޔަހެން ދެންނެވޭނެނަމައެވެ!"

"އޭނާ .... އަޅުގަނޑުމެންނާ އަބަދަށްޓަކައި ވަކިވެވަޑައިގެންފިކަން ކަލާއަށް ޔަޤީންތޯއެވެ؟"

"އޭނާގެ އެންމެފަހު ނޭވާފުޅާހަމަޔަށްވެސް އަޅުގަނޑު އޭނާގެ އަރިހުގައި ހުރީމެވެ."

ماه بانو ކާއޫސާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މީނާ ބައްޕާފުޅުގެ އަރިހަށް ގެންދާށެވެ." ماه بانو މަޑުކޮށްވެސްނުލައްވައި ކަރުނަފޮއްސަވަމުން ގޭގެމީހުން އުޅޭބަޔާ ދިމާޔަށް ވަޑައިގެންފިއެވެ.

ކާއޫސް حسّان ގެ އަތްޕުޅުގައި ހިފައިފިއެވެ. حسّان އޭނާއާ ދިމާޔަށް އެނބުރިވަޑައިގަތުމުން ދެންނެވިއެވެ. "ކަލާ ތިޔަވަޑައިގަތީ ޖިހާންދާދުގެ ޚަބަރުދެއްވަންކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. އަޅުގަނޑުގެ މަޤްޞަދަކީ ކަލާގެ ހިތްޕުޅުގައި ޖެއްސުމެއް ނޫނެވެ. އަޅުގަނޑަށް މަޢާފްކުރައްވާށެވެ."

ކާއޫސްގެ ވާހަކައަށްވުރެ ބޮޑަށް حسّان އަށް އަސަރުކުރީ އޭނާގެ ކަރުނައިގެ ސަބަބުންނެވެ. حسّان ވިދާޅުވިއެވެ. "ކަލެޔާމެދު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ."

"ވަޑައިގަންނަވާށެވެ." ކާއޫސް އޭނާގެ ކަރުނަ ފޮހެމުން ބުންޏެވެ. حسّان އޭނާގެ ފަހަތުން ވަޑައިގެންފިއެވެ.

ހަވޭލީގެ ތަނަވަސް ގޯތީގެ ތިންފަރާތުގައި ބޮޑު ބިންވެރިޔަކަށް ބޭނުންވާނެ ނޯކަރުންނާއި ސިފައިން ތިބޭނެ ތަންތަނާއި ގެރިބަކަރި ގެންގުޅޭ ތަންތަން ހުއްޓެވެ. ނަމަވެސް އޭގެތެރެއިން ގިނަކޮޓަރިތައްހުރީ ބަންދުކޮށްފައެވެ. ގެރިބަކަރި ގެންގުޅޭ ތަންތަންހުރީ ހުހަށެވެ. ކަނާތްފަރާތުގައި ފަންސާހަކަށް ފަސްދޮޅަހަކަށް އަސް ގެންގުޅެވޭވަރުގެ އަސްގުދަނެއް ހުއްޓެވެ. ނަމަވެސް އެތާނގައި އޮތީ އެންމެ ހަތަރު އަހެވެ. ނޯކަރެއް އެހަތަރު އަހަށް ވިނަކާންދޭން ހުއްޓެވެ.

حسّان ދޫލަމަތީގައި އިށީނދެވަޑައިގެންފިއެވެ. ޖެހިގެންހުރި ކޮޓަރިތެރެއިން ކޮންމެވެސް އަންހެނަކު ރޯއަޑުއިވެއެވެ. ކޮންމެވެސް ފިރިހެނެއް ވޭނުން ފުރިފައިވާ އަޑަކުން އެއަންހެންމީހާގެ ހިތްހަމަޖައްސައިދެވޭތޯ ވާހަކަ ދައްކައެވެ. حسّان ތެދުވެވަޑައިގެން ބޭރަށް ހުޅުވޭ ކުޑަދޮރެއްގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ބޭރުން ފެންނަ ގަސްބޮނޑިތަކާއި ގަސްތަކުގެ ބޯޖަންގައްޔާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. އެޖަންގަލިވަނީ ދެމޭލެއްހައި ދުރަށް ފުރާތުކޯރުގެ އައްސޭރިއާ ހަމައަށް ފެތުރިފައެވެ. ކުއްލިއަކަށް އޭނާގެ ލޯފުޅު ހުއްޓުނީ މުސްކުޅި ގެއެއްގެ ތަންތަންކޮޅުން ވެއްޓިފައިހުރި ފާރެއްގެ މައްޗަށެވެ.

حسّان ގެ ސިކުނޑިފުޅުން ފޮހެވިފައިވަނީ މާޒީގެ ކިތަކެއް ހަނދާންތަކެއް ހެއްޔެވެ؟ ވެލިގަނޑުގެ ތެރޭގައި މިހާރު ވަޅުޖެހިފައިވަނީ ޙަޔާތުގެ މަގުގެ ކިތައް ނިޝާން ހެއްޔެވެ؟ ނަމަވެސް އެވީރާނާވެފައިވާ ގޭގެ ޗާޓެއް ހުވަފެނެއް ކަހަލަގޮތަކަށް އޭނާގެ ހިތްޕުޅުގައިވަނީ ހަރުލައިފައެވެ. އެއީ އޭނާ އެންމެ ފުރަތަމަ ފަހަރަށް، ޖިހާންދާދާ ތަޢާރުފްވެވަޑައިގެންނެވި ތަނެވެ. އެދުވަހަށްފަހު އީރާނުގެ ރައީސަކާއި ޢަރަބި ދަނޑުވެރިއެއްގެ ޙަޔާތުގެ މަގު ވަނީ އެއްމަގަކަށް ވެފައެވެ.

ގާތްގަނޑަކަށް އެގާރައަހަރުކުރިން އެއްދުވަހަކު حسّان ޒަޚަމްވެފައިވާ ފުއްލާއެއް ފައްސަވަމުން އެޖަންގައްޔަށް ވެދެވަޑައިގެންނެވިއެވެ. އޭނާގެ އެކުވެރީން ކޯރުގެ އައްސޭރީގައި މަޑުކުރީއެވެ. އީރާނުގެ ބިންވެރީންނަކީ ޢަރަބި ދަނޑުވެރީންނަށް އެމީހުންގެ ޖަންގަލިތަކުގައި ޝިކާރަކުރަން އުޅުމުގެ ހުއްދަ ދޭބައެއް ނޫނެވެ. حسّان އަށް އެކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް ހިޔަޅުތަކާއި، މިނިކާވަގުތަކަށް އެޒަޚަމްވެފައިވާ ޖަނަވާރު ދޫކޮށްލައްވަން އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގަތީއެވެ.

އިރުކޮޅެއްގެ ފަހުން އޭނާގެ ޝިކާރަ އަސްމައްޗަށް ލައްވައިގެން ޖަންގަލީން ނުކުމެވަޑައިގަންނަވަނިކޮށް އޭނާއަށް ބިންވެރިޔާގެ ނޯކަރުންގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ އެއްވެސް ކުށެއް ނުކުރައްވައެވެ. އޭނާގެ ޒަޚަމްވެފައިވާ ޝިކާރަ ފައްސަވަމުން ވަޑައިގަތީ ސަހަރާގެ ތެރެއިން ކަމުގައި އޭނާއަށް ވިދާޅުވެވިދާނެއެވެ. އޭނާ އަސް މަޑުކޮށްލެއްވިއެވެ. އޭނާގެ ވާތްކަނާތްޕުޅު ފަރާތުންނާއި ކުރިފުޅުމަތީން މީހުންތައް ހަޅޭއްލަވާ އަޑާއި އަސްތަކުގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަތުމުން އޭނާއަށް އިޙްސާސްކުރެއްވުނީ ބިންވެރިޔާގެ ނޯކަރުންނަށް އޭނާ އަތުލައިގަނެވިއްޖެނަމަ އޭނާގެ ކުށެއް ނެތްކަން ބަޔާންކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުގެ ކުރީން ބިންވެރިޔާގެ ނޯކަރުން އެބައިމީހުންގެ ރުޅިގަނޑު އޭނާގެ މައްޗަށް ބާލަން އުޅޭނެކަމުގެ ބިރެވެ. އެހެންކަމުން އޭނާ އަސް އަނބުރައިލައްވައިފައި އަނެއްކޮޅަށް އަސް ދުއްވައިލެއްވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ހޯދަންއުޅޭ މީހުންނާ ލައްކަ ދުރަށް ވަޑައިގެންނެވިއްޖެކަމުގެ ހިތްޕުޅުހަމަޖެހުން އޭނާއަށް އިޙްސާސްކުރެއްވޭން ފަށައިފިއެވެ. ނަމަވެސް އެބޯޖަންގަލީގެ ތެރެއިން ބޭރަށް ނުކުމެވަޑައިގަތުމަށް އެންމެ ރައްކާތެރިވާނީ ކޮންދިމާއަކުންކަމެއް އޭނާއަށް އެނގިވަޑައެއް ނުގެންނެވިއެވެ. ކުއްލިއަކަށް ކުރިފުޅުމަތިން ރީތިގެއެއް ފެނިވަޑައިގަތުމުން قُبـاد ގެ އަވަށާ ކައިރިއަށް ވަޑައިގެންނެވިއްޖެކަން އެނގިވަޑައިގެންފިއެވެ. އިރުކޮޅެއްގެ ތެރޭގައި އަވަށުގެ އެތައްބަޔަކު އޭނާ ހޯދަން ނުކުމެއްޖެއެވެ. އޭނާއަށް އޭނާ ހޯދަންއުޅޭ ސަވާރުންގެ ސާފު ޢަދަދެއް އެނގިވަޑައެއް ނުގަނެއެވެ.

އޭނާ ހޯދަންއުޅޭ މީހުންގެ ޢަދަދު ކިތަންމެ މަދުކަމުގައިވިޔަސް ވަރުބަލިވެފައިވާ އަހެއްގައި އޭނާއަށް އެމީހުންގެ ކިބައިން ސަލާމަތްވެވަޑައިނުގެންނެވޭނެކަން حسّان އަށް ޔަޤީންވެވަޑައިގަތެވެ.

(ނުނިމޭ)