ދިވެހި ޕްރިމިއާ ލީގު

ދެވަނަ ހާފުގެ ލަނޑުތަކުން ފޯކައިދޫ އަތުން ގްރީނަށް މޮޅެއް

ދެވަނަ ހާފުގެ ލަނޑުތަކުން ފޯކައިދޫ ފުޓްބޯލް ކްލަބު އަތުން ކްލަބު ގްރީން ސްޓްރީޓްސް މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ފޯކައިދޫ އަތުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ގްރީނަށެވެ. ނަމަވެސް ޕާކިސްތާނުގެ ކީޕަރު ހަނީފް ސާގިބް ބަލަހައްޓަމުންދިޔަ ފޯކައިދޫ ގޯލުގެ ތެރެއަށް ގްރީނަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ގްރީނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަލާހެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހިފައިގެން ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުންނެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ގްރީނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، އޭނާ އަމާޒުކޮށްލީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެ.

ލީގުގައި ކުޅުނު 11 މެޗުން ހޯދި 20 ޕޮއިންޓާއެކު ގްރީން މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ގްރީންގެ ފަހަތުން ހަތަރުވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 16 ޕޮއިންޓް ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ރޭގެ މެޗުން ބަލިވި ފޯކައިދޫ އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.