ޚަބަރު

އަޒްރާ އާއި ޝަހިންދާއަށް ފޮނުވި ޗިޓާ އެމީހުން ހަވާލުވެއްޖެ

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓާ އެމީހުން ހަވާލުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެ ދެމީހުން ވެސް މިވަގުތު ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް ޗިޓް ހަވާލުކޮށްފައިވާ ކަމަށާއި ފޮނުވި ޗިޓް އެމީހުންނަށް ލިބިފައިވާކަން ކަށަވަރު ކުރެވޭ ކަމަށެވެ.

އަޒްރާ އާއި ޝަހިންދާއަށް ފުލުހަށް ފޮނުވި ޗިޓުގައި އަންގާފައިވަނީ 14 ދުވަސް ތެރޭގައި ތަހުގީގަށް ހާޒިރުވުމަށެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ބައެއް މީހުން ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖޭގައި ނޫޅޭތީ ތަހުގީގަށް ހާޒިރުކުރަން ދައިތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ ރިޕޯޓުގެ ތަހުގީގަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކުރުމުގައި ހުރި ދަތިތަކުގެ ތެރޭގައި ވެސް މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެ ދަތިތަކާއެކުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގީ މަރުހަލާ ލަސްކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.