ޚަބަރު

ހިޔާނާތުގެ ފައިސާ ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަށް، ޖިނާއީ ތަހުގީގެއް ކުރަނީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ، ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަން ހާމަކުރެއްވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސީޕީ ވިދާޅުވީ، ހިޔާނާތުގެ ތަހުގީގަށް މިހާރު ލިބިފައިވާ ހެއްކަށް ބަލާއިރު ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކަށް ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރުމަތިން ނަންގަވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވިއެވެ.

"ކުރީގައި ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރެއްވި ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރެއް. ވަރަށް ގިނަ އަދަދެއްގެ ފައިސާ ތަކުރާރުކޮށް އެކި ފަހަރުމަތިން ނަންގަވާފައި އެބައޮތްކަން ފެންނަން އެބައޮތް. މިހާރު ޕޮލިސް ސާވިސްގައި ހިމެނޭ އެކި ރޭންކުތަކުގެ ފަރާތްތައް ހިމެނޭގޮތުން ޖިނާއީ ތަހުގީގެއް އަޅުގަނޑުމެން ހިންގާނަން، އަދި މިހާރު ވަޒީފާގައި ދެމިތިބި ފުލުހުންނާ ގުޅިގެން ހިންގަނީ އިދާރީ އެތެރޭގެ ތަހުގީގެއް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ވިދާޅުވީ، މިހާތަނަށް ތަހުގީގަށް އެއްކުރެވިފައި ހުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާ ސަލާމަތީ ބާރުތަކުގެ މިހާރާއި ކުރީގެ ބައެއް އޮފިސަރުން ހިމެނޭ ގޮތަށް ހަތް އޮފިސަރަކަށް އެކި ކަންކަމާއި ގުޅިގެން އެކިއެކި ސްޕޮންސާޝިޕް ނުވަތަ އެހީގެ ގޮތުގައި ހިޔާނާތުގެ ފައިސާ ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 16 މެމްބަރަކަށް އެކި ބޭނުންތަކަށް، އެކި ގޮތްގޮތަށް، އެކި ފަހަރު މަތިން މި ފައިސާގެ ތެރެއިން ފައިސާ ދީފަވާނެ ކަމަށް މިކަމުގައި އަމަލީ ގޮތުން އުޅުނު ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި އެ ފައިސާ އެފަރާތްތަކަށް ލިބުނުކަން ޔަގީންކޮށްދީފައިވާކަމުގެ މުއާމަލާތްތަކަށް ވެސް ފެންނަން އެބަހުރި ކަމަށް ވިދާޅުވިއެވެ.

އޭސީޕީ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކުރީ ސަރުކާރުގެ އެކިއެކި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން 23 ބޭފުޅަކަށާއި މިހާރު ސަރުކާރުގެ ހަތް ބޭފުޅެއްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އޭރު ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް އެކި ފަހަރު މަތިން ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ.

ނަމަވެސް، ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކަކީ އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކޭ ބުނަން އަދި އަވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަކޮށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރުގައި ތަހުގީގަށް ހޯދުނު ކުރިއެރުންތަކުން ފައިސާ އޭގެ ޒާތުގައި ލިބިފައިހުރި ކަމަށް ދެންނެވި އަދަދުތައް ފާހަގަކުރި ނަމަވެސް އެއީ މި މައްސަލައިގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކޭ ބުނަން އަދި އަވަސް. އަދި އެފަރާތްތަކަށް ފައިސާ ލިބިފައިހުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިތިބެ ހަވާލުވި ހަވާލުވުމެއްތޯ ފައިސާތޯ ބަލަން އިތުރު ތަހުގީގުތަކެއް ކުރާނަން، ލިބެންހުރި މައުލޫމާތުގެ އަލީގައި،" އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.