ޚަބަރު

އަޅުގަނޑަށް ތާއީދުކުރާ އެއްވެސް މީހަކު ހަރުކަށި ފިކުރަށް ގޮވައިލައިގެން ނުވާނެ: ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

އައްޝައިޚު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ހަރުކަށި ފިކުރަށް ގޮވައި ނުލުމަށް އޭނާ އިލްތިމާސްކުރައްވައިފި އެވެ.

އިޔާޒު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

''އަޅުގަނޑުގެ ބަސް ގަބޫލުކުރައްވާ އެއްވެސް ބޭފުޅަކު ހަރުކަށި ފިކުރަށް ގޮވާނުލެއްވުން އެދެން. އަދި އެފަދަ ކަމަކަށް ތާއީދުވެސް ނުކުރެއްވުން އެދެން.'' ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ވާހަކަތައް ލިޔެފައިވާތީ އެކަމާ ދެކޮޅަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރި މުޒާހަރާތަކުގައި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަކަށް ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެމައްސަލައިގައި މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.