ފުރާނަދަންދެން

ފުރާނަދަންދެން - 46

2

"މާމަ އިނދޭ މި އަންނަނީ ފެން ހިފައިގެން" އަޒްކާ ދުމެއް ޖަހާފައި ބަދިގެއަށް ދިޔައެވެ. ދެން އައީ ފެންފުޅިއަކާ ބިއްލޫރި ތައްޓެއް ހިފައިގެންނެވެ.

ފެން ބުއިމަށްފަހު އަޒްކާއަތަށް ތަށި ދެމުން ޙައްވަ ހަށީފުރާ ނޭވައެއްލިއެވެ. އޭނާ އެވާހަކަދައްކަން ހާދަ ހިތްވަރެއްކުރަން ޖެހެއެވެ. އެވާހަކައިގައި ނުބައި ރޯލެއް ކުޅެފައިވަނީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާ ދުނިޔޭގައި ނެތްއިރު އޭނާއަށް ކުރެވިފައިވާ ނުބައި ކަންތައްތަކުގެ ވާހަކަދައްކަން ބޭނުންނުވިޔަސް ކޮންމެސް އެއް ސިފައެއްގައި އަޒްކާއަށް ހަގީގަތް އިނގެން އެބަޖެހެއެވެ.

*********

އަމީޒާއާއި ޙަމީދުގެ ހަޔާތުން ކުޑަ ތަންކޮޅެއް

ޙައްވައާއި އިދުރީސްގެ ކައިވެންޏަށް ފަންސާސް އަހަރުވާން ކައިރިވެފަ ވާއިރު އެދެމަފިރިން ކައިވެނިކުރީ ޙައްވަގެ އުމުރުން ތޭރަ އަހަރުގައެވެ. ކައިވެނިކުރިއިރު ދެމީހުންގެ މެދުގައި ލޯތްބެއްނެތެވެ. އެޒަމާނުގައި ދެފަރާތުން ހަމަ ވާހަކަދައްކާލައިގެން އިނީއެވެ. އެ ކައިވެންޏަށް ދިހަ ކުދިން ލިބިފައިވާއިރު ދުނިޔޭގައި ހުރީ ހަމައެކަނި ޙަމީދެވެ. އެއީ ދިހަ ދަރިންގެ ތެރެއިން ހަމައެކަނި ދުނިޔެއަށް އުފަންވި ފިރިހެންކުއްޖާވެސް މެއެވެ. އަދި އެންމެ ހަގު ކުއްޖާވެސްމެއެވެ. އެހެންކަމުން ޙަމީދު ވެފައިވަނީ އެދެމަފިރިންގެ ދެލޮލުގެ ނޫރަށެވެ. އެދުވަސްވަރު ރާއްޖެއަކީ އެއްވެސް ތަހްޒީބެއްނެތް ތަނެއް ކަމުގައި ވިޔަސް އެދެމަފިރިންނަށް ލިބުނު މިންވަރަކުން ޙަމީދަށް ބޭނުންވި ކޮންމެ އެއްޗެއް ހޯދާދިނެވެ. ކިޔަވައިދިނެވެ. އުމުރުން އަށާރަ އަހަރު ނުވަނީސް ޙަމީދު ލޯބީގެ ގޮތުން ގުޅުނީ އެކީގައި ކިޔަވަން އުޅުނު އަމީޒާއާއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށްޓަކައި ޙައްވަ އަމީޒާއާއި ރުހުނު އިރު އިދުރީސްގެ ރުހުން ނުލިބުނެވެ. އިދުރީސް ދައްކާ ސަބަބަކީ އަމީޒާގެ އާއިލާއެއް ނެތުމެވެ. ތެދެކެވެ. އަމީޒާއަކީ އަމިއްލަ ނަފްސަށް އެކަނި ހުރި މީހެކެވެ. އޭނާ ދުނިޔެއަށް އުފަންވުމާއެކު މައިންބަފައިން ނިޔާވެއްޖެއެވެ. އެއްބަނޑުމީހެއް ގާތްތިމާގެ މީހެއް ނެތެވެ. އަމީޒާއާ ޙަމީދު އިންނަން ބޭނުންވީ އެހުރިހާ ކަމެއް އިނގިހުރެއެވެ. އޭރު އަމީޒާގެ ހުރިހާވެސް މީހަކީ ގާތް ރަޙްމަތްތެރިޔާ ފަރީޝާއެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް ކަނޑައެޅިގެން ދިޔައިރު އިދުރީސް ހީކޮށްގެން ހުރީ ޙަމީދުގެ ވިސްނުން ބަދަލުވާނެ ކަމަށެވެ. އޭނާ ބޭނުންވަނީ ހުރީ ހަމައެކަނި ދަރިއަށް ރަނގަޅު މުސްތަގުބަލެއް ހޯދާދެށެވެ. އެހެންކަމުން ޙަމީދުގެ އަންބެއްގެ ގޮތުގައި ހުންނަން އޭނާ ބޭނުންވަނީ ރާއްޖޭގައި ނަން އޮތް ޤަދަރުވެރި ޢާއިލާއެއްގެ ކުއްޖެކެވެ. އެވާހަކަ އިދުރީސް ޙަމީދާއި ޙައްވަ ކައިރީގައި ބުންޏެވެ. ލޯތްބަށްޓަކައި އިދުރީސްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ޙަމީދު ކަރުނައެޅިއެވެ. އެދުވަހު ޙަމީދު އެގުޅުމާ ރުހުނެވެ. ހަމައެކަނި ޙަމީދަށްޓަކައެވެ. އެހެންނަމަވެސް އޭނާގެ ހިތުން އަމީޒާ ޤަބޫލެއްނުކުރެއެވެ.

ކައިވެނިވެގެން ދިޔަ ޙަފްލާގައި އިދުރީސް ބައިވެރިވީ ހަމައެކަނި ނަމަކަށެވެ. ޙައްވަގެ ފަރާތުން މައެއްގެ ލޯބި އެންމެ ތަންކޮޅެއްވެސް އުނިނުވެ އަމީޒާއަށް ލިބެމުން ދިޔައެވެ. ފިރިމީހާގެ ފަރާތުން އަންބަކަށް ބޭނުންވާނޭ ހުރިހާ ލޯތްބަކާ އޯގާތެރިކަމާ ޙަމްދަރުދީން އޭނާގެ އުނގު ފުރި ބަންޑުންވަމުން ދިޔައެވެ. އިދުރީސްގެ ފަރާތުން ގެއްލިފައިވާ ބަފައެއްގެ ލޯތްބަށް އޭނާއަށް އެދެވުނެވެ. ނަމަވެސް އެލޯބި އޭނާއަށް ނުލިބުނެވެ. އެއްވެސް ސަބަބަކާނުލާ އަމީޒާއަށް އިދުރީސް ނަފްރަތުކުރަނީ ހާދަ ބޮޑަކަށެވެ. ނަމަވެސް އެކަން އޭނާ އައީ ޙައްވައަށާ ޙަމީދަށް ސިއްރުކުރަމުންނެވެ.

ޙައްވައަކީ ރަށުތެރެ ކުނިކަހާ މީހަކަށްވާތީ ގެއަށް އާދެވެނީ ހަވީރުވާ ފަހުންނެވެ. ޙަމީދަކީ ރަށުގެ ނަން މަޝްހޫރު އެންމެ ކުޅަދާނަ އެއް ކެޔޮޅެވެ. އިދުރީސް މަސައްކަތަކީ ގެދޮރު ހެދުމަށް މީހުންނަށް މަސައްކަތް ކޮށްދިނުމެވެ. ދުވާލުގެ ގިނަ ވަގުތު ގޭތެރޭގައި އުޅެނީ އަމީޒާ އެކަންޏެވެ. އެކަމުގެ ފައިދާ ނަގާ އިދުރީސް އަމީޒާއާ ދިމާކޮށްލިއެވެ. ޙަމީދުގެ ދިރިއުޅުމުން ދުރަށްދާން އެންގިއެވެ. އޭނާގެ ސަބަބުން ޙަމީދުގެ ދިރިއުޅުން ބޮޑު އަނދަވަޅަކަށް ވެއްޓިއްޖެ ކަމުގައި ބުނެ ހިތް މަރާލާކަހަލަ އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ޙަމީދާއި އެކުގައި ވަގުތު ލިބެނީ ހަމައެކަނި ނިދާ ގަޑީގައެވެ. އެވަގުތުތަކުގައި އޭނާ ޙަމީދުގެ ދެއަތުތެރެއަށް ލަނީ ނާޒުކު ފިނިފެންމަލެއްގެ ފިޔައެއްވެސް އަތުތެރޭގައި ގެންގުޅޭހާ ލޯބިންނެވެ. އެވަގުތުތަކުގައި އިދުރީސް ދެމުންގެންދާ އިންޒާރުތަކުގެ ވާހަކަ ޙަމީދު ކައިރީގައި ދައްކައިގެން ދެބަފައިން ދެމެދުގައި ކުނި ޖައްސަލަން އަމީޒާ ބޭނުމެއްނުވިއެވެ. އިދުރީސް އިންޒާރުދޭ ވަގުތުތަކުގައި އޭނާ ހިތް ރޯލިޔަސް ފަހުން އެކަންތަކަށް އޭނާ ހޭނިއްޖެއެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. ކައިވެންޏަށް ދެ މަސްވީއިރު އަމީޒާ އިނީ އަޒްކާއަށް ބަލިވެއެވެ. އެހަބަރު އިދުރީސްއަށް ލިބުމުން އަމީޒާއަށް އަޅާލިދެލޯ ޙައްވައަށް ސިއްރެއް ނުވިއެވެ. އެކަމާ ބެހޭގޮތުން ޙައްވަ އިދުރީސް އާ ވާހަކަދެއްކިއެވެ. އޭގެފަހުން އިދުރީސްގެ ވިސްނުމަށް ކުޑަކުޑަ ބަދަލެއް އައެވެ. އަމީޒާ އާ އަނގައިން ނުބުންޏެއްކަމަކު ކުރީގައި ކަންތައްކުރާ އުސޫލް ދޫކޮށްލިއެވެ. އޭނާއަށްވެސް ލިބެން އުޅޭ ކާފަ ދަރިއަށް އިންތިޒާރުކުރެވެން ފަށައިފިއެވެ.

ދުވަސްފުރާ އަމީޒާ އަޒްކާ ވިހެއީ އެއް ރެއެއްގެ މެންދަމުއެވެ. އެއީ ޙަމީދުގެ ހަޔާތަށް އައި އެންމެ އުފާވެރި ހިނދުކޮޅެވެ. އޭނާގެ ދެލޮލުން ކަރު ނީރާލި ވަގުތުކޮޅެވެ. އޭނާއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ. ލިބުނު ދަރިފުޅާ ލޯބިވާ އަނބިމީހާގެ މޫނު ފެނުނު ވަގުތު އޭނާ އެކަލާނގެއަށް ސަޖިދައެއް ޖަހައިލިއެވެ.

ވިހެއުމުގައި އެއްވެސް އުނދަގުލެއް ތަކުލީފެއް ނުލިބި އަމީޒާ ގަދަވަމުން އައެވެ. ކުރިއެކޭ އެއްގޮތަށް ދިިރިއުޅުމުގެ ވައްޓަފާޅި ބަދަލުވަމުން އައެވެ. ލިބުނު ދަރިފުޅާއެކު ކުރަންޖެހޭ މަސައްކަތް ދެގުނަ އިތުރުވިއެވެ. ދުވަސްވަމުންދާ ވަރަކަށް އަޒްކާ ބޮޑުވަމުން އައެވެ. ދަރިފުޅަށް ވަގުތު ހުސްކުރަން ޖެހުމުގެ ސަބަބުން އެކުގައި ހޭދަކޮށްލަން އަމީޒާއާއި ޙަމީދަށް ލިބެމުންދިޔަ ވަގުތުތައް ހަނިވަމުން ދިޔައެވެ. އެދުވަސްވަރު ރަށުގައި ފެތުރުނު 'ސިގިއްލާ' ނަމަކަށް ކިޔާ ރޯގާއެއް ޙައްވަ މުޅިން ބަލިކޮށްލިއެވެ. ޙައްވަ ރަށު ސެންޓަރުގައި އެނދުމަތި ކުރިއެވެ. އެއާއެކު އަމީޒާގެ ވަގުތުތައް ހުސްކުރަން ޖެހުނީ ދަރިފުޅަށް ވުރެ ބޮޑަށް މައެއް ފަދަ ލޯބިވާ މައިދައިތައަށެވެ. ދަރިފުޅު ގޮވައިގެން ގޭތެރޭގައި އުޅުނީ ޙަމީދެވެ. ޙައްވަ ހީކުރިގޮތާ ޚިލާފަށް އިދުރީސްގެ އަޅާލުން ނުލިބުނެވެ. ކައިވެންޏަށް އެހާ ދުވަސްވިއިރުވެސް އިދުރީސް ޙައްވަ އާ މާބޮޑަށް އަޅާލައެއް ނަހަދައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަޒްކާއަށް ހަތަރުއަހަރުވީތަނާ އަނެއްކާވެސް އިދުރީސްގެ އިންޒާރުތައް އަމީޒާއަށް ލިބެން ފެށިއެވެ. ޙަމީދާ އިންނާނެ ރާއްޖޭގެ ގަދަރުވެރި އާއިލާއެއްގެ ކުއްޖެއް އެ ކައިވެނިކުރަން ތައްޔާރަށް ހުރި ކަމުގައި ބުންޏެވެ. ނަމަވެސް މިފަހަރު އިދުރީސްއަށް އަމީޒާ ޖަވާބުދިނެވެ. އޭނާގެ ހަށީގައި ވިންދު ހުރިހާހިނދެއްގައި ޙަމީދު ދޫކޮށްފާނުދާނެ ކަމުގައި ބުނެލިއެވެ. އާއިލާއެއް ރޫޅާލައިގެން އެހެން އާއިލާއެއް އާބާދުކުރަން މަސައްކަތް ނުކުރުމަށް އެދުނެވެ. އެދުވަހު ޙަމީދު މަހުން ލަފައިގެން ގެއަށް އައުމުން އެވާހަކަ އޭނާ ޙަމީދު ކައިރީގައިވެސް ބުންޏެވެ. ނަމަވެސް ޙަމީދު އެވާހަކަތައް ޤަބޫލެއްނުކުރިއެވެ. ގަބޫލުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ޙަމީދުގެ ކުރިމަތީގައި އިދުރީސް އަމީޒާ އާ މެދު ކަންތައްކުރަނީ އުފަން ދަރިއަކާމެދުވެސް ކަންތައްކުރާނެހާ ލޯބިންނެވެ. އަމީޒާ ދެރަވިއެވެ. އަމީޒާއަކީ ޙަށިގަނޑުގެ އެއްބައޭ ބުނާ ޙަމީދު އޭނާ ދެއްކި ވާހަކަތަކަށް އިތުބާރު ނުކުރުމުން އަމީޒާގެ ހިތް ހަލާކުވިއެވެ.

އޭގެފަހުން ޙަމީދުގެ އިންޒާރުތައް އިތުރުވަމުން ދިޔައެވެ. ޙަމީދު ދޫކޮށް ނުގޮސްފިނަމަ ފަންޑިތަ ހަދާ ސިހުރުގެ ބޭނުންކުރާނެ ކަމުގައި ބުނެލިއެވެ. އަމީޒާ ބިރުގަތީ އެހިސާބުންނެވެ. އެވާހަކަ ޙަމީދު ކައިރީގައި ބުނެލީ އަސަރާއެކުގައެވެ. ޙަމީދު ގަބޫލެއްނުކުރިއެވެ. ބަދަލުގައި އޭނާ ބުނީ އާއިލާ ތެރޭގައި ފިތުނަ ފަސާދައަށް މަގުފަހިވާ ޒާތުގެ ވާހަކަތައް ނުދެއްކުމަށެވެ.

އެހިސާބުންވެސް އަމީޒާ ހިތްވަރުދެރަ ނުކުރިއެވެ. ހުރިހާ ވާހަކަތަކެއް ފެށިގެން ނިމެންދެން ޙައްވައަށް ކިޔައިދިނެވެ. އެހިސާބުން ޙައްވަ ފެށީ ރޯށެވެ. އޭނާއަށް އެހުރިހާ ކަމެއް އިނގޭ ކަމުގައި ބުނެލިއެވެ. އެވަގުތު އޭނާއަށް އެކަމުގައި އެއްވެސް ކަމެއް ކޮށްދެވެން ނެތްކަމަށް ބުނެލިއެވެ. އޭނާއެކޭ އެއްފަދައިން ޙައްވައަށް ވެސް އިދުރީސްގެ އިންޒާރުތައް ލިބެމުންދާ ވާހަކަ ބުނެލިއެވެ. އިދުރީސްގެ އަނިޔާތަކުގެ ވާހަކަ ބުނެ ހަށިގަނޑުގައި ލާފައިވާ ލަކުނުތައް އަމީޒާއަށް ދެއްކިއެވެ. އެހިސާބުން އަމީޒާގެ ދުލުގައި ތަޅެއް ލެވުނެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަމީޒާއަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އޭނާ ކަންތައްތައް މަތިން އަވަސް އަވަހަށް ހަނދާންނެތެން ފެށިއެވެ. ބިރުވެރި ހުވަފެންތައް ފެންނަން ފެށިއެވެ. ގެތޭރެގައި ވާހަކަނުދައްކާ މަންމަނަކަށް އޭނާ ވެއްޖެއެވެ. އޭނާ އަޒްކާ ގޮވައިގެން ގެއިން ނިކުންނަން ވިސްނިއެވެ. ލޯބިވާ ދަރިފުޅާ ވަކިވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި ވަކި ހިއްޕާލީ ވަކިވަރެއް ބަލާފައެއްނޫނެވެ. އެހެންކަމުން ސައުވީސް ގަޑީރު އަޒްކާ ބައިންދަނީ އޭނާގެ ލޯ ކުރިމަތީގައެވެ.

ޙަމީދު ގެނައި މަސްތައް ކެއްކުމުގައި އަމީޒާ އުޅުނުއިރުގައި ބޭރުގައި ހުރި އަށިގަނޑެއްގެ މަތީގައި އަޒްކާ ކުޅެން އިނެވެ. ޙަމީދު އުޅުނީ ގިފިލީގައެވެ. ޙައްވަ އުޅުނީ އެތެރެ ކޮޓަރީގައެވެ. ދަރު އުނދުނަށް އުދާފައި ހުރި ބޮޑު މަސް ލޯގަނޑުގެ ކައިރީގައި އަމީޒާ އުޅުނީ އަވަދިނެތިއެވެ. އޭނާގެ ކަންފަތުގައި އަޒްކާގެ ރުއިމުގެ އަޑު ޖެހުނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބަލައިލިއިރު އަޒްކާ ގޮވައިގެން އިދުރީސް ގޯތި ވަކިކުރަން ޖަހާފައިވާ ފަންގަނޑަކާ ނިވާވަނީއެވެ. އަމީޒާ ދުވެފައި ގޮސް ބަލައިލިރު އަޒްކާ ތިރިން ލައްވާފައި ހުރި ސޯޓުގަނޑު ބާލުވާފައި އިދުރީސް ކުރަން އުޅުނު ނުބައި މުޑުދާރު ކަންތަކަށް އަމީޒާ ހުރަސްއެޅިއެވެ. އޭނާ އިދުރީސް އަތުން އަޒްކާ ޖަހައިގަތެވެ. ކިހިއްޔަށް އަޒްކާ އަރުވައިގެން އަވަސް ފިޔަވަޅުތަކުގައި އައީ އެވާހަކަ ޙަމީދު ކައިރީގައި ބުނާށެވެ. ޙަމީދު ގިފިލިން ނިކުންނަންދެން އަމީޒާ މަޑުކުރީ ކެކެމުންދިޔަ މަސް ލޯގަނޑު ކައިރީގައެވެ. ރުޅިވެރި މޫނަކާއެކު ވަދެގެން އައި އިދުރީސްގެ ބޮލަށް ސަވާރުވެފައި އިން ޝައިތާނާ އަދިވެސް އިނެވެ. އޭނާ މަސައްކަތްކުރީ އަމީޒާ އަތުން ގަދަކަމުން އަޒްކާ އަތުލާށެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރިއެވެ. އޭނާ ދާން އުޅުނު ތަނަށް ނުދެވެނިސް ރުޅިއައިސް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުނދަގުވެފައި ހުރި އަމީޒާ އިދުރީސް ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމަން ފެށިއެވެ. އަނދަމުން ދިޔަ އުނދުނާ ހަމަވި ވަގުތު އަމީޒާ އިދުރީސްގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ. އެއާއެކު އިދުރީސް މަސް ލޯގަނޑުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. އޭނާއަށް އަޒްކާގެ ހަށިގަނޑުގައި ހިފެހެއްޓުނީ ކިރިޔާއެވެ. ބިރުގަނެފައި ހުރިވަރުން އަޒްކާ ދިޔައީ ރޮމުންނެވެ. އަޒްކާ ހަށިގަނޑުގައި އޮޅުލައިގެނެގެން ހުރި އަމީޒާގެ ރުޅިވެރި ދެލޯ ކަރުނަތަކާއެކު މަސް ލޯގަނޑުގައި އޮތް އިދުރީސްއަށް އަމާޒުވެފައި ހުރިއިރު އޭނާ އަޅައެއްނުލިއެވެ. އިދުރީސް އެހީއަށް އެދި ގޮވަން ފެށި އަޑަށް ޙަމީދާއި ޙައްވައަށް އެތަނަށް ނިކުމެވުނީ ދާދި އެކުއެކީގައެވެ.

ގިފިލިން ނިކުތް ޙަމީދަށް ފެނުނު މަންޒަރުން ހޭބުއްދި ފިލައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ މަސް ލޯގަނޑުގެ ތެރޭގައި އޮވެ ރޮމުންދިޔަ އިދުރީސްއާއި ދިމާލަށް ދެވުނީ ދުވެފައެވެ. އިސާހިތަކު ކޮޓަރިން ނިކުމެގެން އައި ޙައްވައަށް ވެސް ރޮއެގަނެވުނެވެ. އިދުރީސް ސެންޓަރަށް ގެންދެވުނެވެ. އެދުވަސްވަރު ރަށުން މާބޮޑު ބޭސްފަރުވާއެއް ނުކުރެވޭތީ ފިހިފައި ހުރި ތަންތަނުގައި ދިވެހި ބޭހެއް އަޅާ އިދުރީސް ގެއަށް ގެނައެވެ. އޭރު އަމީޒާ ހުރީ ކުރިންވެސް ހުރި ތަނުގައި ހަމަ އަޒްކާގެ ހަށިގަނޑުގައި އޮޅުލައިގަނެގެންނެވެ. އެދަރިފުޅު އެންމެ ހިނދުކޮޅަކަށްވެސް އޭނާ އާ ވަކިކޮށްލަން މިހާރު އޭނާ ބޭނުމެއްނުވެއެވެ. އޭނާއަށް އެދަރިފުޅުގެ އުފަން ބައްޕައަށްވެސް މިހާރު އިތުބާރުކުރަން އުނދަގުލެވެ.

**************

ހަށީފުރާ ނޭވައެއްލަމުން އަޒްކާ ޙައްވަގެ މޫނަށް ބަލައިލިއެވެ. ޙައްވަގެ ދެލޮލުން ވަނީ ކަރުނަ ފާއްދާލާފައެވެ. އޭނާގެ ހިތާހިތުން ފިރިމީހާގެ ފާފަތައް ފުއްސަވާ ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކޮށްލިއެވެ.

"މާމާ! ކީއްވެތަ ކާފަ އަޅުގަނޑުދެކެ ލޯބިނުވަނީ" އަޒްކާ އަހައިލިއެވެ.

"ދަރިފުޅާ ކާފަ ނިޔާވެގެން ދިޔަފަހުން މާމައަށްވެސް އިނގުނީ ކާފައަށްވެސް މީހަކު ކަމެއްކޮށްފަ ހުރިކަން. އޭގެފަހުން ފިހިފަ ހުރި ތަންތަނަށް ރަނގަޅު ބޭސްފަރުވާއެއް ނުލިބި ވަރަށް ވޭނުގަ އުޅެފަ ނިމިގެން ދިޔައީ. ފަހުނޭވާ ލުމުގެ ކުރިން މާމަގެ ހިތްހަލާލުވެސް ހޯދި. އެކަމަކު އޭރު ދަރިފުޅުގެ ބައްޕަ މާބޮޑަށް ސަކަރާތްވެގެން ސެންޓަރުގަ އޮތީ" ޙައްވަ ވާހަކަދެއްކިއެވެ.

"ދެން އޭގެފަހުން ކިހިނެއްވީ؟ މިބުނީ އެދުވަހުތަ ބައްޕަ ރުޅިއައިސްގެން މަންމަ ގެއިން ބޭރުކޮށްލީ" އަޒްކާ އަހައިލިއެވެ.

"އާނ. އެދުވަހު ޙަމީދު ގެއަށް އައުމުން އަމީ ކިޔާދިނީ އެދުވަހު ކާފަ ކަންތައްކުރަން އުޅުނުގޮތް. އެވާހަކަތައް ބައްޕަ ގަބޫލެއްނުކުރި. އަމީއާ ދިމާލަށް ވަރަށް އެއްޗެހި ގޮވާފަ ދަރިފުޅު އަތުލާފައި އަމީ ގެއިން ނެރެލީ. އަމީގެ ހެދުން ފޮށްޓާ ގޭ ކައިރީގައި އޭރު މާލެއިން އައިސްގެން އުޅުނު ކުއްޖަކުލައްވާ ނަގާފައި ހުރި ފޮޓޯތަކާ މަގުމައްޗަށް އުކާލީ.. މާމަ ވަރަށް އާދޭސްކުރިން ޙަމީދު ކައިރީގަ އެހެން ނެހެދުމަށް. އެކަމަކު އެހާ ލޯބިވާ ބަފަޔަކު އެހާލުގައި އޮތްތަން ފެނި ޙަމީދަށް ކެތްނުވީ. އަމީޒާ ދެއްކި ވާހަކަތައް އޭނާއަށް ގަބޫލުނުކުރެވުނީ. އެފަހުން އޭނާއަށް އަމީޒާ ގެއްލުނީ" އަސަރާއެކު ޙައްވަ ވާހަކަދައްކަމުން ދިޔައެވެ.

"ދެން އަޅުގަނޑު ބައްޕަ ކައިރީގަ ހުރެފަ ކިހިނެއް ކުޑަކުދިންގެހިޔާއަށް ދިޔައީ" އަޒްކާ އަހައިލިއެވެ.

"އޭގެފަހުން ކާފައަށް އެއްވެސް މަސައްކަތެއް ނުކުރެވޭ. މާމައަށް ޖެހުނީ ވަޒީފާއިން ވަކިވެގެން ކާފަ ކައިރިގައި އިންނަން. އެހެން އުޅެނިކޮށް ޙަމީދާ ޓައިފޮއިޑް ހުން ޖެހިއްޖެ. ދެން ދަރިފުޅު ބިކަވެގެން ދިޔައީ. އެދުވަސްވަރު މާލޭގެ ވަރަށް މުއްސަނދި ދެމަފިރިން އުޅުނީ ޗުއްޓީ ހޭދަކޮށްލަން ރަށަށް އައިސްގެން. އެދެމަފިރިން އަތަށް ޙަމީދު ދަރިފުޅު ދިނީ އެދެމެދުގަ އުފެދުނު އެކުވެރިކަމެއްގެ ސަބަބުން. މާމަމެންގެ އާއިލާއަށް ދަރިފުޅު ބެލޭނެ ހަމައެއްގޮތްވެސް ނެތީމަ. ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި. އެދެމަފިރިން ދަރިފުޅު ގޮވައިގެން ރަށުން ފުރިފަހުން އެއްވެސް ހަބަރެއްނުވޭ. ޙަމީދު ހުންނަނީ ފާޑަކަށް ބޯސަކަރާތްވެފަ" ޙައްވަ އޮޅުންފިލުވައިދިނެވެ.

"އެހެންވީމަ އެމީހުންތާ އަޅުގަނޑަށް ހެދި އެއްޗެއް ހެދީ" އަޒްކާ ބުނެލިއެވެ.

"އާނ އެދެމަފިރިން އޭގެފަހުން ނުދެކެން. އެދެމަފިރިން ދުނިޔޭގައި ތިބިކަމެއްވެސް ނެތްކަމެއްވެސް ނޭނގޭ. އެމީހުން ދަރިފުޅާ މެދު އިހުމާލުވީ" ޙައްވަ ވާހަކަދެއްކިއެވެ.

އިވިގެންދިޔަ ވާހަތަކުން އަޒްކާ ހަގީގަތުގައިވެސް ދެރަވެއްޖެއެވެ. އެވާހަކަތައް ކިޔާދެމުން ދިޔައިރު ޙައްވަވެސް ވާނެ ދެރަ އޭނާއަށް އިހުސާސް ކުރެވުނެވެ. ބައެއްފަހަރު ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާވެސްލިއެވެ.

"މާމާ ދެރަނުވޭ. އަޅުގަނޑުގެ ހިތުގައި ކާފައަށްޓަކައި އެއްވެސް ފޫހިކަމެއް ނަފްރަތެއްނެތް. އަޅުގަނޑު ކާފަދެކެ ވަރަށް ލޯބިވަން. އަދި ކާފަގެ ފާފަތައް ފުއްސަވާ ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާވެސްކުރަން" އަޒްކާ ބުނެލިއެވެ.

އިނާޝާއަށް ގުޅާފައި އަމީޒާ ބައްދަލުކުރަން ބޭނުންވާ ވާހަކަ އަޒްކާ ބުނެލިއެވެ. އިނާޝާ ހެޔޮހިތުން އެކަމަށް މަރުޙަބާ ކިއިއެވެ. އެހަބަރު އަޒްކާ އަމީޒާއަށް ދިނެވެ. އަމީޒާ ތައްޔާރަށް ހުރި ކަމުގައި ބުނެލުމުން އަޒްކާގެ ހިތް އަވަސްވެލިއެވެ. އަނެއްކާވެސް ނާހިދްގެ ކުރިމައްޗަށް އަރަންޖެހޭތީ އޭނާ ފިނިވިއެވެ. އޭނާ އެތައް ދުވަހެއް ފަހުން އެގެއަށް ވަންނަންޖެހޭތީ އިންތިޒާރުކުރެވެން ފެށިއެވެ. އޭނާއަށް ނާހިދާއެކު ވަގުތުތައް ހޭދަކުރެވުނު ތަނަކީ އެތަނެވެ.

ރޭގަނޑުގެ ކެއުމަށްފަހު އިނާޝާގެ އާއިލާ ސިޓިގްރޫމުގައި ތިބީ ޓިވީ އިން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލާށެވެ. އިރުކޮޅަކުން ނައިޝީ އާއި ނާހިދް ސިޑިން ފައިބައިގެން އައިސް ގޮނޑިތައް ފުރާލިއެވެ. އެއްފަރާތުގައި މީކާވެސް ކޮޅަށް ހުއްޓެވެ.

"ދަރިފުޅުމެން ތަނަކަށް ދަނީތަ؟" މޯހަންދާސް އެހެން އަހައިލީ ނައިޝީގެ އަތުގައި ދަބަސް އަޅުވާލައިގެން ހުރުމުންނެވެ.

"އިޝީ މަންމައަށް ފޮނުވަން އެއްޗެއް ގަންނަންދާން ބޭނުންވެގެން ބުނީމަ ގޮވައިގެން މިދަނީ. މަންމަމެން ވާހަކައެއް ބުނަން އުޅޭހެން ހާދަ ހީވެޔޭ" ނާހިދް ބުނެލިއެވެ. ނައިޝީ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. އަނެއްކާ އިނާޝާ ބުނަން އެއުޅެނީ އޭނާ އާ ގުޅުންހުރި ވާހަކަތަކެއް ނޫންބާއެވެ؟

"އިހަށް އިށީނދެބަލަ ވަގުތު އޮތިއްޔާ. އެބަޖެހޭ ވާހަކައެއް ދައްކަން" އިނާޝާ ބުނެލިއެވެ. ފަހުބަހާއެކު އޭނާ ނައިޝީއަށް ބަލައިލިއެވެ. ނައިޝީ އިސްޖަހައިލީ އިނާޝާގެ މޫނަށް ބަލަން ނުކެރިގެންނެވެ.

"މާދަމާ ވަރަށް ޙާއްސަ ބަޔަކު އަންނާނެ މިގެއަށް. އެހެންވެ މަންމަ މިއުޅެނީ ކެއުމެއް ތައްޔާރުކުރަންވެގެން. ދަރިފުޅުމެން ވާނެ ގޭގަ ތިބެން. މާދަން ހުކުރެއްނު. މެންދުރު ކެއުމަށް އަންނާނެ އެ އާއިލާ" އިނާޝާ ވާހަކަދެއްކިއެވެ.

"ހުކުރު ވީމަ ހީވޭ ހުރެވޭނެހެން. ދޯ އިޝީ...." ނައިޝީގެ މޫނަށް ބަލައިލަމުން ނާހިދް ބުނެލިއެވެ. ނައިޝީ ވަގުތުން ބޯޖަހައިލިއެވެ. އޭނާ ހީކުރިގޮތާ ޚިލާފަށް އިނާޝާގެ ވާހަކަތައް ހުރުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

"މަންމަ ވިސްނާފަ ބުނޭ މެންދުރަށް ތައްޔާރުކުރަންވީ އެއްޗެއް. އޭރުން އަޅުގަނޑު މީކާއާއެކު ބަދިގޭގަ އުޅޭނަން" ނައިޝީ ވާހަކަދެއްކިއެވެ. އިނާޝާގެ ނައިޝީގެ މޫނަށް ބަލައިނުލާ ބޯޖަހައިލިއެވެ.

"މިރޭ ބުނާނަން. ކުޑަ ޝޮޕިންއެއްވެސް ކޮށްލަންޖެހޭ" އިނާޝާ ބުނެލިއެވެ.

"އެހެންވީމަ މަންމަ ދާންވީނުން އިޝީއާއެކު. އޭރުން ކައްކަން ބޭނުންވާ އެއްޗިހިވެސް ގަނެވޭނެއްނު" ނާހިދް ބުނެލިއެވެ.

"ނޫނޭ. މަންމަ ދާނަން މީކާ ގޮވައިގެން" އިނާޝާ ވަގުތުން ދެކޮޅު ހެދިއެވެ. ނައިޝީ ކަންތައްކުރި ގޮތުން އޭނާއަށް އުނދަގުވަނީއެވެ.

"ބައިދަވޭ.. އެހާ ހާއްސަ ކޮންބައެއްތަ އަންނަނީ" ކޮޅަށް ތެދުވެފައި ނާހިދް އަހައިލިއެވެ.

"އަޒްކާގެ އާއިލާ" ޖަވާބުދިނީ މޯހަންދާސްއެވެ.

ނާހިދްގެ ދެލޯ ވިދައިގަތެވެ. އިހުތިޔާރަކާނުލާ އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ވާހަކަދައްކަންވެސް އުނދަގު ވިއެވެ. ނައިޝީ ބަލައިލިއިރު ނާހިދްގެ ދެލޮލުން ފާޅުވާންހުރި އުޖާލާކަން ފެނި ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ.

"ހިނގާދާން. ލަސްވޭ އެބަ" ހިތްހަމަނުޖެހިފައި ހުރި ނައިޝީ ބުނެލިއެވެ.

ނާހިދް ހިނގައިގަތުމުން އިނާޝާއާއި މޯހަންދާސް އެކަކު އަނެކަކަށް ބަލައިލިއެވެ. ނާހިދަށް އައި ބަދަލު އެދެމަފިރިންނަށްވެސް ފާހަގަވެއްޖެއެވެ. ހިތާމައަކީ އެލޯބި އެދަރިފުޅަށް ހޯދާދެވެން ނެތް ކަމެވެ. އަމިއްލަ އެދުން އިސްކޮށް ލިބިދާނެ އުފަލަކަށްޓަކައި ލިބިފައިވާ އުފާވެރިކަން އެއްލާލެވެން ނެތެވެ.

ނަތާޝާގެ ރަން ކިޔުމުގެ ހަފްލާގައި މުޅި ގެ އޮތީ ތައްޔާރުވެފައެވެ. ކެމެރާ ހިފައިގެން އަޒްކާ އުޅުނުއިރު ނަތާޝާގެ އެއްބަނޑު އެއްބަފާ މީހުންނާ އެމީހުންގެ އަނބިން އެގޭ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޒަމާންތަކަށްފަހު އަމީޒާ އެގެއަށް އައުމުން ފަރީޝާގެ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ. ހެދިލައިގެން ހުރި ނަތާޝާ ތިރިއަށް އައިސް މޭޒު ކައިރީގައި އިށީނުމާއެކު ރާއިދުގެ ފަރާތުން ކޯޓުން އައިސް ތިބި މީހުން ރަންކިޔުމުގެ ހަފްލާ ފަށައިދިނެވެ. މެދުގައި އިން ގޮނޑީގައި ނަތާޝާގެ މައިންބަފައިން ތިބިއިރު ސޯފާތަކުގައި ބާކި ތިބި މީހުން ތިއްބެވެ. އަޒްކާ އެކި ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔައިރު މުޅި ގޭތެރޭގައި ވަނީ އުފާވެރިކަމުގެ އަލިން ދިއްލާލާފައެވެ. އުފާވެރިކަމުގެ އަޑުތަކުން މުޅި ގެ ގުގުމާލާފައެވެ. ހަފްލާ ނިމުމުން އެންމެން އެއްކޮށް ކެއުމަށް އިންސާފުކުރިއެވެ. މަޖާ ވާހަކަތަކުގައި އެތައް ވާހަކަތަކެއް އެއް މޭޒުދޮށުގައި ދެކެވުނެވެ. ނަތަޝާ އަތުގައި ހިފައިގެން އަޒްކާ އެރީ މައްޗަށެވެ. ކޮޓަރިއަށް ވަދެވުމާއެކު ނަތާޝާ ލައިގެން ހުރި ހެދުމަށް އަޒްކާ ތަޢުރީފް ކޮށްލިއެވެ.

"ހޫން... ހަތް ދުވަސް ދޯ ދެން އޮތީ... އަސްލު ވަރަށް އެކްސައިޓްވޭ ދޯ" އަޒްކާ ބުނެލިއެވެ.

"ވަރަށް. މިހާރުން ފެށިގެން ކައުންޓްޑައުން ޖައްސައިގެން މިއުޅެނީ" ނަތާޝާ ބުނެލިއެވެ.

"ރާއިދު މެސެޖްކޮށްލާފައި ބުނި ރަންކިއި ގަޑީގަ ނެގި ފޮޓޯތައް ފޮނުވާދޭށޭ. ފޮނުވަނީ އިނގޭ" އަޒްކާ ބުނެލިއެވެ. އޭނާ ގޮސް އިށީނީ ނަތާޝާގެ ސްޓަޑީ ޓޭބަލް ކައިރީގައެވެ. ލެޕްޓޮޕާއި ކެމެރާ ކަނެކްޓްކޮށްލުމަށްފަހު ލެޕަށް ފޮޓޮތައް ކަހަލައިލިއެވެ.

"ފޮޓޯތަކުން ނަތާ ވަރަށް ލޯބި. ވަރަށް އެހެންކަހަލަ ވަގުތުކޮޅެއްދޯ. ހިތަށް އަރާ މިކަހަލަ ވަގުތެއް މަށަށް ފެނިދާނެބާއޭ" އަޒްކާ ބުނެލިއެވެ. އޭނާ ހިތުގައި ރިއްސާލިއެވެ.

"ފެންނާނެ. އިންޝާﷲ. އެހެރީނު ނާހިދް. މިހާރުވެސް އަޒްކީ ޔެސް އޭ ބުނާނެކަމަށް އެހުންނަނީ" ނަތާޝާ ބުނެލިއެވެ.

"ތިއެއްނޫނޭ. މާދަމާ އެގެއަށްދާން މިއުޅެނީ އެންމެން ގޮވައިގެން. އަސްލު މަންމަ އާ ނާހިދްމަންމަ އާ މީޓްކުރުވަން ވެގެން. އައިމް ސޯ އެކްސައިޓެޑް. ނަތާއަށް އިނގޭތަ ނާހިދްގެ ލޯބި ނުލިބުނަސް އަހަރެންގެ ދެލޮލަށް ނާހިދް ފެނުނަސް ހާދަ ހިތްހަމަޖެހުމެއް ލިބެއޭ" އަޒްކާ ވާހަކަދެއްކިއެވެ. އެނދުގައި އިން ނަތާޝާ އިނީ އަޒްކާއަށް ބަލަހައްޓައިގެންނެވެ. ދެމީހުން ދެމީހުން ދެކެ އިންތިހާއަށް ލޯބިވާއިރު ދެމީހުން ވަނީ މަޖުބޫރަކުން ދެތަންވެފައެވެ. ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އޭނާ އެކުވެރިޔާއަށްޓަކައި ހިތާހިތުން ދުޢާ ކޮށްލިއެވެ.

(ނުނިމޭ)