ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާން ޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 10

އަބްދުﷲ ފާރޫގް ހަސަން

އަރަބީންނަކީ އެތަކެއް ޤަރުނުކުރީއްސުރެ ޤަބީލީ އަދި ސަހަރާއީ ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. ފެށުނީއްސުރެ އެއުރެންގެ ތެރޭގައި އޮތީ ލާޤާނޫނިއްޔަތެވެ. އޭގެ ސަބަބުން އަންނަނީ ތިން ނަތީޖާއެއް ފެންނަމުންނެވެ. އެއީ:

ހ. ހުއްޓުމެއްނެތް ދާޚިލީ ހަނގުރާމަތައް ހިނގަމުންއައުން

ށ. ޠަބީއީގޮތުން ހަނގުރާމަވެރި ވިސްނުމުގެބަޔަކަށްވުން

ނ. ހަމައެކަނި ތިމާއަށާއި ތިމާގެ ޤަބީލާއަށް މަންފާހުރި ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އަމަލުކުރާބަޔަކު ކަމުގައިވުން

އަރަބީންގެ ތެރޭގައި ޤައުމިއްޔަތެއް އުފެދި އާލާވެފައެއްނެތެވެ. މަރުކަޒީ ސަރުކާރެއްނެތުމާއި، ޤާނޫނުގެ ހުރުމަތެއް ނެތުމާއި، ދާޚިލީ ހަނގުރާމަތަކުގެ ސަބަބުންނެވެ. އެހެންކަމުން އެއުރެންނަކަށް އެއްވެސްކަމުގައި "ރަށުވަންތަ" ނުވަތަ "ޤައުމުވަންތަ" ކަމުގެ ނަޒަރަކުން ނުވިސްނެއެއެވެ. ހުރިހާކަމެއްގައި ވެސްއެއުރެން ބަލަނީ ޤަބީލާގެ މަސްލަހަތަށެވެ. އިންސާނިއްޔަތުގެ މުޢައްލިމު އަދި ރަހްމަތުއް ލިލް އާލަމީން އެމާތް ސާހިބާގެ މުހިންމަތަކަށް ހެއްދެވީ އަރަބީންގެ ވިސްނުމާއި ފިކުރު ބަދަލު ކުރެއްވުމެވެ. އެއުރެންގެ ފިކުރު ބަވަނަ ކުރެއްވުމެވެ. އެބައިމީހުން ޙަޤީޤީ މުޖާހިދުން ކަމުގައި ހެއްދެވުމަށްޓަކައެވެ. އަރަބީންގެ މެދުގައި ގަރުނުތަކެއްގެ ކުރީއްސުރެ ދެމިގެން އައިސްފައިވާ އާދަތަކާއި ޢަޞަބިއްޔަތާއި ވިސްނުމާއި ފިކުރުގެ މިސުރާބު ބަދަލުކުރެއްވުމެވެ. މިއީ އުނދަގޫ ކަންތައްތަކުގެ ތެރެއިންވެސް އެންމެ އުނދަގޫ އެއް މަސައްކަތެވެ. އެއްގޮތަކުން ބަލާއިރު އެއީ މުސްތަހީލު ކަމެކޭވެސް ދެންނެވިދާނެއެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެ އަފޫރުއްބަ މަސައްކަތް ނުހަނު ކާމިޔާބުކަމާއެކު ނިންމެވިއެވެ. އިތުރުސާހިބާ އެމަސައްކަތް ނިންމައިލެއްވި އަވަސްކަމަކީ ވެސް ދުނިޔެ ޙައިރާންވެ އަންތަރީސްވި ކަމެކެވެ. މިއަދުވެސް ސަލާމަތް ބުއްދީގެ އަހްލުވެރީން ދެކެނީ އެއީ އިތުރުސާހިބާގެ ނަބަވީ މުއުޖިޒާއެއްކަމުގައެވެ. އެމުއުޖިޒާއަކީ އިތުރުސާހިބާ އަށް ތަބާވި މީހުންނަށް އެމާތްސާހިބާ އުނގަންނައިދެއްވި އުނގަންނައި ދެއްވުމާއި އެމާތްސާހިބާ ދެއްވި އަސްކަރީ ތަރްބިޔަތުގެ ކާމިޔާބު ނަތީޖާ އެވެ. އިތުރުސާހިބާގެ އަސްކަރީ ތަރްބިޔަތުގެ މުހިންމު ކަމަށްޓަކައި ތަންކޮޅެއް ތަފްސީލުކޮށް އެކަމަށް އަލިއަޅުވައިލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

ހުއްދަނޫން މަންފާތައް ހޯދުމުގައި ހައްދު ފަހަނަޅައިފައިވާ އަރަބި ބާރުތަކުން އިސްލާމްދީނުގެ، އިންގިލާބީ ތަހްރީކު މާގިނަ ދުވަސްތަކެއްވަންދެން ބަރުދާސްތުނުކުރާނެ ކަމާއި އެއުރެންގެ ޙަމަލާތަކާ ދާދި އަވަހަށް ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެކަން ނަބަވީ ދުރުވިސްނުންފުޅަށް ވަނީ ވިސްނިވަޑައިގެންފައެވެ. އަރަބީންފަދަ ރުންކުރު އަދި މުރަނަ ބަޔަކު ޤާނޫނުތަކަށް ބޯލަންބަންވެސް ދައުލަތުގެ އާރާއި ބާރާއި ކީރިތިކަން ބޭނުންވާނެކަން އެމާތްސާހިބާ ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މުހާޖިރުންނަށާއި އަންސާރުންނަށް އަސްކަރީ ތަރުބިޔަތު ދެއްވާންފެއްޓެވިއެވެ. އިތުރުސާހިބާ މުސްލިމުންގެ އަސްކަރީ ހެޑްކުއާޓަރަކަށް ހެއްދެވީ އަލްމަސްޖިދުއްނަބަވީއެވެ. އިސްލާމީ ވިސްނުމުގެ ނަޒަރުން ބަލާއިރު ޖިހާދަކީ ކިހައި މަތިވެރި ކަމެއްކަމާއި، ކިހައި މާތްކަމެއްކަން މުސްލިމުންނަށް އުނގަންނައި ދެއްވިއެވެ. ހަނގުރާމައާއި ޖިހާދުގެ ފަރަގާއި، މަރުވުމާއި ޝަހީދުވުމުގެ ތަފާތު އޮޅުން ފިލުއްވައިދެއްވިއެވެ. ކީރިތި ޤުރްއާނުގެ މަތިވެރި އިރްޝާދުތަކުގެ ޒަރީޢާއިންނެވެ. އެމާތްސާހިބާގެ ވަޢުޡާއި ނަސޭހަތްޕުޅުތަކުންނެވެ. މުސްލިމުންގެ ކިބައިގައި ޖިހާދުގެ ރޫޙާއި ޝައުގު އުފެއްދެވިއެވެ. މުސްލިމުންގެ އަސްކަރީ ޝަޚްސިއްޔަތާއި އަޒުމާއި ހިތްވަރަކީ ވިރުވައިއަޅައިފައިވާ އެކަތައިގެ ބިންގަލެއްފަދަ ކަމަކަށް ހެއްދެވިއެވެ. މުސްލިމުންގެ ހިންމަތާއި ބުންވަރަކީ އެލުވައި ނުލެވޭފަދަ ހަކަތަހުރި ކަމަކަށް ހެއްދެވިއެވެ. މުސްލިމުންގެ ހިތްވަރަކީ ގުޑުމެއްއަރުވައި ނުލެވޭފަދަ ބާރަކަށް ހެއްދެވިއެވެ. މުސްލިމުންނަކީ އަސްކަރީގޮތުން ބަލިކޮށް ވަތަކުތޯޖަހައި ނުލެވޭފަދަ އުރައްޕު ހުރި ބަޔަކަށް ހެއްދެވިއެވެ.

ދެން އަޅުގަނޑު ބަލައިލާނީ އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ މުޖާހިދުންނަށް އަސްކރީ ތަރުބިޔަތު ދެއްވި އުސޫލުތަކުގެ މައްޗަށެވެ. އިސްލާމީ މުޖާހިދުންނަކީ ނަމޫނާ ސިފައިންގެ ބަޔަކަށް ހެއްދެވުމަށްޓކައި އެބައިމީހުންގެ ކިބައިގައި އަށަގެންނުވި އަސްކަރީ ސިފަތަކުގެ މައްޗަށެވެ.

އަސްކަރީތަރުބިޔަތުގައި އެންމެ އަހަންމިއްޔަތު ދެވޭ ކަމަކީ ސިފައިންގެ ހިތްތަކުގައި ވަރުގަދަ އަދި މަތިވެރި ޢަޤީދާއެއްގެ ބިންވަޅު ނެންގުންކަމީ ޒަމާނުއްސުރެ ޤަބޫލުކުރެވިފައިވާ ޙަޤީޤަތެކެވެ. މިމޭރުމުން ވިސްނާއިރު ޢަޤީދާއާއި ނަޒަރިއްޔާއާ ދެމެދުގައިވެސް އަސާސީ ފަރަގެއް ހުރެއެވެ. ނަޒަރިއްޔާތަކުގެ ކުރިމަތިލުންތައް ހިނގާ މައިދާނަކީ ސިކުނޑިއެވެ. އެހެނީ ނަޒަރިއްޔާތަކާ ގުޅެނީ އިންސާނާގެ ނަޒަރީ ހަޔާތާއެވެ. އިންސާނާގެ އަމަލީ ދިރިއުޅުމާ ވެސް އެކަމާ ގުޅުން އޮތުމަކީ ކޮންމެހެން ލާޒިމުކަމެއްނޫނެވެ. ނަމަވެސް ޢަޤީދާއާމެދު ވިސްނައިލާއިރު އިންސާނީ ހަޔާތާއި ޢަޤީދާއާ ގުޅިލާމެހިފައިވަނީ އޭނާގެ ޙަޔާތިއްޔާތީ ވުޖޫދުގައި ލޭ ދައުރުވާ ފަދައިންނެވެ. އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. ކޮންމެ ހަށިގަނޑެއްގެ ވެސް ދެމިހުރުމާއި ދުޅަހެއިކަމާއި، ހަކަތައާއި ބާރާއި، ހެދިބޮޑުވުމުން ބިނާވެފައި އޮންނަނީ އެ ހަށިގަނޑެއްގައި ރަނގަޅު ލޭ ބަރާބަރަށް ދައުރުވުމުގެ މައްޗަށެވެ. ހަމައެފަދައިން އިންސާނާގެ ކިބައިގައި ރަނގަޅު އަޤީދާ އެއް އަށަގެންފައިވުމަކީ އޭނާގެ ހަކަތައާއި، ބުންވަރާއި، ހައިބަތާއި، ކީރިތި މޫރިތިކަން އާލާވުމުގެ ސަބަބެކެވެ. ސާލިހު ރަނގަޅު ޢަޤީދާއެއް އަށަގެންފައިވާނަމަ އިންސާނާ އެ ޢަޤީދާގެ ދިފާއުގައި އޭނާގެ ހުރިހައި އެއްޗެއްސެއް ޤުރްބާންކޮށްލައެވެ. އޭނާގެ ޖާނާއި މާލެވެ. ގާތްތިމާގެ މީހުންނެވެ. އޭނާގެ ހުރިހައި މަސްލަހަތު ތަކެއް ޤުރްބާން ކުރާކަށެއްވެސް ފަހަކަށެއް ނުޖެހެއެވެ. މި ހަޤީޤަތް އިސްލާމްދީނާއި، އިސްލާމްދީނުގެ ނަބިއްޔާ އާއި މުސްލިމުންނާ ގުޅުއްވައިގެން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބައަވާށެވެ! އޭރުން، ﷲ، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި ތިޔަބައި މީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަހީމު ވަންތަ ރަސްކަލާނގެއެވެ." (އާލުޢިމްރާނު : 31 )

އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. ޢަޤީދާއެއް ފުރިހަމަވަނީ އަމަލާގުޅުމުންނެވެ. އިސްލާމްދީނުގެ ޢަޤީދާތަކާ ގުޅޭގޮތުން ވިސްނައިލާއިރު ވެސް ޢަޤީދާ އަކީ އިތުބާރުހުރި އެއްޗަކަށްވަނީ ޢަމަލާ ގުޅިލާމެހުމުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރީތި އުސްވަތާ އެއްކޮށްލެވިގެންނެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ މުސްލިމުންނަށް ކާމިޔާބީ އާއި ނަސްރާއި ފަތަހައިގެ ޔަޤީންކަން ލިބެނީ ކައުސާހިބާގެ ސުންނަތަށް ތަބާވުމުންނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގެ އުނގަންނައި ދެއްވުންތަކާއި ރީތި ނަސޭހަތްޕުޅުތަކުގެ ޒަރީއާއިން މުސްލިމުންގެ މަތިވެރި ޢަޤީދާއާއި، އަމަލު ދުޅަހެއިކަންމަތީ ދިރުވައި ދެމެހެއްޓެވުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މުހިންމު އެއް މަސައްކަތްޕުޅެވެ. އެމާތްސާހިބާ އަސްކަރީ ތަރުބިޔަތުގެ ދާއިރާގައި މުސްލިމުންގެ ކިބައިގައި އަށެގެންނުވި މަތިވެތި އަޤީދާއާއި މުސްލިމުންނަށް ދެއްވި އަމަލީ ތަރުބިޔަތުގެ ވާހަކަތައް ތިރީގައި މި ދަންނަވަނީއެވެ.

1. އެންމެ މާތް އަދި އެންމެ މަތިވެރި ފަރާތަކީ ﷲ އެވެ:

އަރަހުށި މާތްﷲ އީ މަތިވެރިވަންތަކަމާއި، މާތްވަންތަކަމާއި، ކިބްރިޔާވަންތަ ކަމުގެ ވެރިރަސްކަލާނގެއެވެ. ކުޅަދުންވަންތަކަމާއި، ގަދަކީރިތިވަންތަކަމާއި، ރަހްމަތްވަންތަ ކަމުގެ ވެރިރަސްކަލާނގެއެވެ. މިއިން ކަމެއްގައި އެކަލާނގެ ރަސްކަންފުޅާ އެއްފަދަ ދެވަނަ އެއް ނުވެއެވެ. އެއްވެސް ކަމެއްގައި އެކަލާނގެ ރަސްކަންފުޅަށް ބައިވެރިޔަކު ނުވެއެވެ. އެކަލާނގެ ރަސްކަންފުޅަށް ބޯލަނބައިކިޔަމަންވުމުން އެމީހެއްގެ ޙައިޘިއްޔަތުން އެމީހެއްގެ ކިބައިގައި އިލާހީ ބައެއް ސިފަތަކުގެ ޢަކުސު އުފެދެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހަކީ ހިތްވަރު އެލުވައިނުލެވޭނެ އަދިބަލިބުރަކޮށް ނުލެވޭނެ މީހަކަށްވެއެވެ. ހަމައެފަދައިން މާތްﷲގެ މަތިވެރިވަންތަކަމާއި ރަހްމަތްވަންތަ ކަމުގެ އެއް ޚާއްޞިއްޔަތަކީ އެކަލާނގެ ރަސްކަންފުޅަށް ލޮބުވަތައި ބޯލަނބައި ކިޔަމަންވާ އަޅުންނާއެކު ތާއަބަދުމެ ވޮޑިގެންވުމެވެ. އެކަލާނގެ އަޅުތަކުންގެ ދުޢާތައް އައްސަވައިވޮޑިގެންވެއެވެ. ސިއްރާއި ފާޅުގައި އެއުރެންނަށް މަދަދު ދެއްވައެވެ. މިޢަޤީދާއަކީ އިންސާނާގެ ކިބައިގައި އަމިއްލަ ނަފުސުގެ އިތުބާރާއި އާރާއި ބާރާއި ބުންވަރު އުފައްދާ މަންބަޢެވެ. އޭނާ އަކީ ފިސާރި ޖޯރުހުރި އަދި އިނދަޖައްސައި ނުލެވޭނެ މީހަކަށް ވެވުމުގެ އެންމެ ފުރިހަމަ ޒަރީޢާއެވެ.

2. ކިޔަމަންތެރިކަން:

އަރަހުށި މާތްﷲ އާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމާ އެކު ތިމާމެންގެ މައްޗަށް އަމުރުކުރަންތިބޭ އަމުރުވެރީންނަށް ކިޔަމަންވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ޙަޤީޤަތުގައި ކިޔަމަންތެރިކަމާއި އީމާނަކީ ގުޅިލައިމެހިފައިވާ ދެކަންތަކެވެ. ކިޔަމަންތެރި ކަމުގެ އަހަންމިއްޔަތުގެ ބޮޑުކަމާމެދު ވިސްނުން ހިންގާއިރު މުޖާހިދުންގެ ސިފަވަންތަކަން އުފެދެނީ ކިޔަމަންތެރިކަމުގެ ސަބަބުންނެވެ. ރޭވުންތެރިކަމާއި އިންތިޒާމުތައް ހިފެހެއްޓުމާއި އެއްބައިވަންތަކަމާއި ޚިޔާލުގެ އެއްގޮތަކަށް އުފެދެނީ ކިޔަމަންތެރި ކަމުގެ ސަބަބުންނެވެ. ލަޝްކަރެއްގެ އާރާއި ބާރާއި، ހައިބަތުގެ ސިއްރަކީ އެއީ އެވެ. ލަޝްކަރަކާއި، ބައިގަނޑަކާ ދެމެދުގައި ހުންނަ އިމްތިޔާޒީ ފަރަގަކީ ވެސް އެއީ އެވެ.

(ނުނިމޭ)