މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނުން މާދަމާ ރޭ ސުލްހަވެރި އިހުތިޖާޖެއް ބާއްވަން ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ މާދަމާ ރޭ ބާއްވާ އެ އިހްތިޖާޖް އޮންނާނީ މާދަމާ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކަމަށެވެ. އަދި އެ އިހުތިޖާޖަކީ އެމްޑީއެންއާ ދެކޮޅަށް ސަރުކާރަށް ކަމެއް ކުރެވެމުން ނުދާތީ، ސަރުކާރަށް ދިވެހި ރައްޔިތުން ބޭނުންވާ ގޮތް އިއްވުމަށް ބާއްވާ އިހުތިޖާޖެއް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވަނީ ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅު އެޅުމާ ދެކޮޅަށް އޮތް ޕްރެޝަރަކީ ކޮބާތޯ ސުވާލު އުފައްދައި، ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް، އެ މައްސަލައަށް ސަރުކާރަށް އެކަށޭނެ ފިޔަވަޅެއް ނޭޅޭ ކަމަށް ވިދާޅުވެފައެވެ.
އަދި މިއަދުވެސް އެމްޑީއެން މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން އުޅުމުން އެ މައްސަލަ އޮބާލައި، މަޖިލީހުގައި އެހެން މައްސަލައެއް ކުއްލި މައްސަލައެއްގެ ގޮތުގައި ނަގައިގެން ބަހުސްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީއެން އުވާލުމަށް ސަރުކާރަށް ކުރަންޖެހޭ ހުރިހާ ޕްރެޝަރެއް ކުރާނެ ކަމަށެވެ. އަދި މިހާރު އެމްޑީއެންއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަކޮށް ގައުމާއި ދީން ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެމްޑީއެން ފާހަގަވެފައިވަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް ވަރަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެ ޖަމިއްޔާގެ ރޭވުން ކާމިޔާބު ވިޔަ ނުދޭނެ ކަމަށާއި އެމްޑީއެންގެ ހަރަކާތްތައް މިނިވަންކަމާއެކު ރާއްޖެގައި ހިންގުމުގެ ޖާގައެއް ވެސް ނުދޭނެ ކަމަށެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްޑީއެންގެ ރިޕޯޓު ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެތައް ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އަދި އެ ޖަމިއްޔާގެ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކުދަނީ އަޑު އުފުލަމުންނެވެ.