ކުޅިވަރު

މެސީ އެނބުރި އައި މެޗުން ބާސާ ބަލިވެއްޖެ

ބާސެލޯނާގެ ލިއޮނެލް މެސީގެ އަތަށް ލިބުނު އަނިޔާ އަށްފަހު ގާތްގަނޑަކަށް ތިން ހަފްތާ ކުޅުމާ ދުރުގައި ހުރުމަށްފަހު، އަލުން އެނބުރި އައި މެޗުން އެޓީމު ބަލިވެއްޖެއެވެ.

ލީގުގައި އަމިއްލަ ދަނޑުގައި ބާސާ ބަލިވީ ރެއާލް ބެޓިސް އާ ވާދަކޮށް 3-4 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަމިއްލަ ދަނޑުގައި ލީގު މެޗަކުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެޓިސް އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ބާސާ ސިއްސުވާލާފައެވެ. އެގޮތުން، މެޗުގެ 20 ވަނަ މިނެޓުގައި ޕޯޗުގަލްގެ ވިލިއަމް ކަވާލިއޯ ދިން ހިތްގައިމު ޕާހަކުން ޖޫނިއޯ ފިރްޕޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި ކުރިން ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި އަދި މިހާރު ބެޓިސްގެ ކެޕްޓަން ވަކީން ވަނީ މެޗުގެ 34 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި މެސީ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް ބާސާ އަށް އިތުރު ހިތްވަރެއް ގެނުވާފައެވެ. ނަމަވެސް، އޭގެ ތިން މިނެޓުފަހުން އާޖެންޓީނާގެ ޒުވާން ތަރި ޖިއޮވާނީ ލޮ ސެލްސޯ ވަނީ ބެޓިސް އަށް ތިންވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު އަލުން ފުޅާކޮށްފައެވެ. ބާސާއަށް މެޗުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އާޓޫރޯ ވިޑާލްއެވެ.

ބާސާއިން ނަތީޖާ އެއްވަރު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް އެޓީމުގެ އިވާން ރަކިޓިޗް އަށް ރެފްރީ ވަނީ ދެވަނަ ރީދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މީގެ ފައިދާ ނަގާ ބެޓިސް އިން ވަނީ ހަތަރު ވަނަ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-4 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ ކެނާލެސް އެވެ. ބާސާގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރީ މެސީއެވެ.

ރޭގެ މެޗުން ބާސާ ބަލިވިނަމަވެސް، ލީގުގެ އެއްވަނައިގައި 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު އޮތީ އެޓީމެވެ. ދެވަނައިގައި 23 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު، ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.