އައްޑޫ ސިޓީ

އައްޑޫގައި 20 މެގަވޮޓުގެ ކަރަންޓުގެ މަޝްރޫއެއް ފެއްޓުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އައްޑޫ ސިޓީގެ ހިތަދޫގައި 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫއެއް ފެއްޓުމަށް ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޑޮންގްފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންއާ ހަވާލުކޮށް، ފްރޭމްވޯކް އެގްރީމަންޓުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ބުނީ، މި މަޝްރޫއު ބިޑް ކުރުމުގެ ދައުވަތަކާ ނުލައި، ޑޮންގްފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންއާ ހަވާލުކުރީ ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫއެއް ހިންގުމުގެ ޝައުގުވެރިކަން ޑޮންގްފަންގ އިލެކްޓްރިކް އިން ސަރުކާރަށް ހުށަހެޅުމުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޕްރޮޖެކްޓްތައް ބިޑް ކުރުމަކާ ނުލައި ޕްރޮޕޯސަލްގެ އުސޫލުގެ ދަށުން ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅަނީ އެ މަޝްރޫއެއް ހިންގަން މާލީ ގޮތުންނާއި ފަންނީގޮތުން އެންމެ ގާބިލު ފަރާތަށް ބަލައިގެން ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ، ސަރުކާރުގެ އިގްތިސާދީ ތަރައްގީގެ ޕްލޭނިންގައި ހިމެނޭ އެންމެ މުހިންމު އެއް އަތޮޅުގައި ހިންގުމަށް ހުށަހަޅާފައިވާ ޕްރޮޖެކްޓަކަށް ވާތީ، ޑޮންގްފަންގ އިލެކްޓްރިކް އާ މި މަޝްރޫއު ހަވާލުކުރީ ވޭތުވެދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހު ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ 37،585،957 ޔޫއެސް ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ ޒިންމާ އުފުލާނީ ޑޮންގްފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނުން ކަމަށެވެ.

އަދި ފްރޭމްވޯކް އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެހުމާއެކު، އީޕީސީ ކޮންޓްރެކްޓެއްގައި ސޮއިކޮށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މިމަޝްރޫއު ފެށުމަށް ސަރުކާރުން ގަސްދުކުރާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއު ފުރިހަމަ ކުރެވުމުން އައްޑޫއަށް ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން އައްޑޫގައި ހިންގުމަށް ރާވާފައިވާ އިގްތިސާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ފަތުރުވެރިކަން ފުޅާކުރުމާއި، އެއަރޕޯޓް އިތުރަށް ތަރައްގީ ކުރުމާއި، ކޮމާރޝަލް ޕޯޓް ތަރައްގީކުރުން ހިމެނެއެވެ.