އިންޑިއާ

ވަޒީފާ ހޯދައިދޭނެކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން ފޮނުވާ މީހަކު އިންޑިއާއިން އަތުލައިގަނެފި

މަރިޔަމް ޝަހުދާ

ވަޒީފާ ހޯދައިދޭނެކަމަށް ބުނެ ފައިސާނަގައި، އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން ފޮނުވާ މީހަކު އިންޑިއާގެ ބެންގަލޫރުން އަތުލައިގަނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސެންޓްރަލް ކްރައިމް ބްރާންޗުން އެ މީހާ އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަތުލައިގަނެފައިވަނީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޝަމްބޫ ބާބޫ ގިރި، ނަމަކަށް ކިޔާ މީހެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އޭނާގެ އެހީއާއެކު އޭނާގެ ބައިވެރިން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ނޫސްތަކުން ބުނެއެވެ.

ނިއު އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް ފޮނުވަން އުޅުނު ނުވަ މީހެއް އިންޑިއާގެ ފުލުހުން ވަނީ ހިފަހައްޓާފައެވެ. އެ ނުވަ މީހުންނަކީވެސް ނޭޕާލުގެ ރައްޔިތުން ކަމަށް މި ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ނުވަ މީހުންވެސް ހިފަހައްޓާފައި ވަނީ އިންޑިއާގެ ޗިއްކާޖަލަ ކިޔާ ހޮޓަލެއްގައި ބައިތިއްބާފައި ވަނިކޮށް ކަމަށްވެ އެވެ. މީގެ އިތުރުން އެތަނުން ކޮންމެ މީހެއްގެ އަތުން ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ޝަމްބޫ ވަނީ ތިން ލައްކަ އާއި 3.5 ލައްކަ ރުޕީސް އާއި ދެމެދުގެ އަދަދެއް ފައިސާ ނަގާފައި ކަމަށް އެނޫހުން ބުނެފައި ވެއެވެ.

ދަ ހިންދޫ ގައި އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަމްބޫ ރާއްޖެއަށް ބިދޭސީން ފޮނުވަނީ އާރު ޕީ ޝަރުކާ ކިޔާ މީހެއް މެދުވެރިކޮށެވެ. އަދި ރާއްޖެއިން އެމީހުންގެ ''ކޮންޓެކްޓުން'' ބިދޭސީންނާއި ހަވާލު ވުމަށް ފަހު އެ ބިދޭސީންގެ ޓްރެވަލް ޑޮކިއުމަންޓްތައް ހިފަހައްޓައި، އެއްވެސް އަގަކާ ނުލައި އެމީހުންލައްވައި މަސައްކަތް ކުރުވަ އެވެ.

ހިއުމަންޓްރެފިކިންގެ މި މައްސަލަ ފުރަތަމަ އިންޑިއާގެ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ރާއްޖޭގެ އިމިގްރޭޝަނުން ދާދި ފަހުން މިގޮތަށް ރާއްޖެއަށް ފޮނުވި ބަޔަކު ހިފަހައްޓައި އަލުން އިންޑިއާއަށް ފޮނުވާލުމާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.