ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަޕާނުގެ އެމްޕެރަރ ބޭއްވެވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޖަޕާނުގެ އާ އެމްޕެރަރ ހިޒް އިންޕީރިއަލް މެޖެސްޓީ، އެމްޕެރަރ ނަރުހީޓޯ ރަސްމީގޮތުން ތަހުތަށް އިސްކުރެއްވުމުގެ އުފަލުގައި ބޭއްވެވި ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަޕާނުގެ އާ އެމްޕަރަރ ބޭއްވެވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވީ އިއްޔެ ހަވީރު ކަމަށެވެ.

އިއްޔެ ހަވީރު އެމްޕޭރިއަލް ޕެލެސްގައި ބޭއްވި މި ފަރިއްކޮޅުގައި ގިނަ އަދަދެއްގެ ގައުމުތަކުގެ އިސްވެރިންނާއި، ޝާހީ އާއިލާގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ޖަޕާނުގެ އާ އެމްޕެރަރ ރަސްކަމަށް އިސްކުރުމުގެ އިހުތިފާލުގައި ބައިވެރިވެ ވަޑައިގެން ތަހުނިޔާވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.