ޓެކްނޮލޮޖީ

އައިއެސްގެ ފިކުރު ފެތުރުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ޓިކްޓޮކް ބޭނުންކުރޭ: ރިޕޯޓް

އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ޖަމާއަތުގެ ޕްރޮޕެގަންޑާ ވީޑިއޯތައް ފެތުރުމަށް ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ތެރޭގައި މަގުބޫލު ސޯޝަލް ވީޑިއޯ އެޕް، ޓިކްޓޮކް ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޓިކްޓޮކްގައި ދައުރުވާ ބައެއް ވީޑިއޯތަކުގައި އައިއެސްއާއެކު ހަރަކާތްތެރިވާ ފިރިހެން އަދި އަންހެން ހަނގުރާމަވެރިން، ބަޑިތަކާއެކު އެމީހުންނަކީ ޖިހާދީން ކަމަށް ބުނެފައިވާ ވީޑިއޯތަކެއް ހިމެނެއެވެ. އަދި ބައެއް ވީޑިއޯތަކުގައި ޓިކްޓޮކްގެ ފިލްޓާސްތައް ވެސް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް ޓިކްޓޮކްގައި ދައުރުވާ އެފަދަ ގިނަ ވީޑިއޯތައް މިހާރު ވަނީ ނަގައިފައެވެ.

ޓިކްޓޮކް އިން ބުނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތައް ޕްރޮމޯޓް ކުރުމަށް އެ އެޕްގެ ޕްލެޓްފޯމުން ޖާގަ ނުދޭނެ ކަމަށެވެ.

ސޯޝަލް މީޑިއާ އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ސްޓޯރީފުލްއާ ހަވާލާދީ ދަ ޖާނަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އައިއެސްގެ ޕޯސްޓުތައް އައިސްފައިވަނީ ގާތްގަނޑަކަށް 200 އެއްހާ އެކައުންޓްތަކުންނެވެ. ބައެއް އެކައުންޓްތަކުގައި 1000 އަށްވުރެ ގިނަ ފޮލޯވާސް ތިބި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އައިއެސް އާއި ހައްދުފަހަނަ އަޅާފައިވާ އެހެނިހެން ޖަމާއަތްތަކުން އެ ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށާއި އެމީހުންގެ މެސެޖުތައް ފެތުރުމަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރެއެވެ.

ގޫގުލް އިން ބުނާގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޓެރަރިސްޓް ވީޑިއޯތަކެއް ކަމަށް ބެލެވޭ އެއް މިލިއަނަށްވުރެ ގިނަ ވީޑިއޯ ޔޫޓިއުބުން ވަނީ ނަގައިފައެވެ. އަދި ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކް، ޓުވިޓާ، ގޫގުލްގެ ޔޫޓިއުބް އަދި މައިކްރޮސޮފްޓް އިން ވަނީ ޓެރަރިޒަމަށް ހިތްވަރުދޭ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވުން ހުއްޓުވުމަށް އެ ކުންފުނިތަކުގެ އެފަދަ ޑޭޓާބޭސް އެހެން ކުންފުނިތަކާ ހިއްސާކުރަން އެއްބަސްވެފައެވެ.