ދުނިޔެ

ފުރަތަމަ ފަހަރަށް އެމެރިކާއަށްވުރެ ޗައިނާގައި ތަނަވަސް މީހުން ގިނަވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި، ފުރަތަމަ ފަހަރަށް އެމެރިކާއަށްވުރެ ޗައިނާގެ މަހުޖަނުން ގިނަވެއްޖެއެވެ.

ސުވިޒަލެންޑުގެ މަލްޓިނޭޝަނަލް އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ކްރެޑިޓް ސުއީސް (ސީއެސް) އިން ނެރުނު ރިޕޯޓެއްގައި ބުނާގޮތުން، ޗައިނާ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެ ދުނިޔޭގެ އެންމެ މުއްސަނދިން ހިމެނޭ 10 ޕަސެންޓްގެ ތެރޭގައި ޗައިނާގެ 100 މިލިއަން ރައްޔިތުން ހިމެނެއެވެ.

އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެ ޕަސެންޓުގައި ހިމެނެނީ 99 މިލިއަން މީހުންނެވެ.

ޗައިނާގައި މުއްސަނދިން ގިނަވި ކަމުގައިވިޔަސް، ސީއެސްގެ ރިޕޯޓް ދައްކާގޮތުން ދުނިޔޭގައި އަދިވެސް އެންމެ ގިނަ މިލިއަނަރުން ތިބީ އެމެރިކާގައެވެ. އެގޮތުން 18.6 މިލިއަނަރުން އެގައުމުގައި އެބަ ތިއްބެވެ. އެއީ ދުނިޔޭގެ މިލިއަނަރުންގެ ނިސްބަތުން 40 ޕަސަންޓެވެ.

އޭޝިއާގެ އިތުރުން ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ ޗައިނާގައި އުޅެނީ 4.4 މިލިއަން މިލިއަނަރުންނެވެ. ނަމަވެސް ޗައިނާގައި މިލިއަނަރުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓު ބުނެ އެވެ.

ކްރެޑިޓް ސުއިސްގެ މި ރިޕޯޓަކީ 11 އަހަރު ވަންދެން، ގައުމުތަކުގެ އެންމެ ދަށް އިންޓަރެސްޓް ރޭޓްތަކާއި ދައުލަތުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ކުޑަކުރާ މިންވަރުން އެގައުމެއްގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާ މިންވަރު ދެނެގަނެ، އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓެކެވެ.

އަހަރު ދުވަހު ދުނިޔޭގެ ތަނަވަސްކަން އިތުރުވާ މިންވަރު ބެލުމަށްފަހު ކްރެޑިޓް ސުއީސް އިން ބުނީ، ގައުމުތަކުގެ ވިޔަފާރީގެ ހާލަތާއި ދަރަނީގެ މިންވަރު ހުރި މިންވަރުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެދެވޭ ރަނގަޅު ބަދަލެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ.