ބޮލީވުޑް

ދައުރުވަމުންދާ ރަންބީރު އާލިޔާގެ އެންގޭޖްމަންޓް ކާޑަކީ ފޭކެއް: އާއިލާ

ބަތަލު ރަންބީރު ކަޕޫރާއި ބަތަލާ އާލިޔާ ބަޓްގެ އެންގޭޖްމަންޓް ކާޑުކަމަށް ހޯމަ ދުވަހުން ފެށިގެން ކާޑެއް މީސްމީޑިއާގައި ދައުރުވާން ވަނީ ފަށާފައެވެ.

މި ކާޑުގެ ސަބަބުން ގިނަ ބަޔަކު އުންމީދު ކުރަމުން ދިޔައީ އެންމެ ފަހުން އެދެތަރިންވެސް ކައިވެނި ކުރަން ތައްޔާރުވީ ކަމަށެވެ. ނަމަވެސް އާލިޔާގެ މަންމަ ސޯނީ ރަޒްދަން އަދި ބޮޑުބޭބެ މުކޭޝް ބަޓް މިވަނީ އެކަން ދޮގުކޮށްފައެވެ.

ލަންޑަނުގައި ހުރެ ނޫސްވެރިނަށް ދިން އިންޓަވިއުގައި ސޯނީ ބުނީ އެއީ ދޮގު ހަބަރެއް ކަމަށާއި މިކަހަލަ ހަބަރުތަކަށް އެހާ ބޮޑު ޕަބްލިސިޓީ ނުދިނުމަށް އެދޭކަމަށެވެ. އާލިޔާގެ ބޮޑުބޭބެ މުކޭޝް ބަޓް ބުނީ އާލިޔާ މިވަގުތު ހުރީ ސަޅަކްގެ 2 ގެ ޝޫޓިންއަށް އޫޓީގައި ކަމަށެވެ. އޭނާއަށް މިކަމާ ގުޅިގެން މުޅި ގައުމުގެ އެކި ކަންކޮޅުން ކޯލްތައް އަންނަ ކަމަށާއި މިއީ ތެދެއް ނޫންކަމަށެވެ. އަދި ކާޑުގައިވެސް އެހާ ކުށް ހުރިކަމަށާއި މިއީ ވަރަށް ހިތާމަވެރި ކަމެއްކަމަށް މުކޭޝް ފާހަގަކުރިއެވެ.

ކާޑުގައި އާލިޔާގެ ސްޕެލިން ނުބައިކޮށް އޮތްއިރު، އޭގައި އޮތް ގޮތުންނަމަ އާލިޔާ އަކީ ސޯނީ އަދި މުކޭޝް ބަޓްގެ ދަރިއެކެވެ. ނަމަވެސް މުކޭޝް އަކީ އާލިޔާގެ ބޮޑުބޭބެ އެވެ. އޭނާގެ ބައްޕަ އަކީ މަހޭޝް ބަޓްއެވެ.

ކާޑުގައި އޮތް ގޮތުންނަމަ އާލިޔާ އަދި ރަންބީރުގެ އެންގޭޖްމަންޓް ހަފުލާ އޮންނާނީ ޖެނުއަރީ 22 ގައި ޖޯދްޕޫރުގެ އުމެއިދް ބަވަން ޕެލެސްގައެވެ. މިއީ ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނާސްވެސް ކައިވެނި ކުރި ތަނެވެ.