މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާގައި ޖެހިފައިވާ ފަނޑިޔާރުން ތިއްބެވިނަމަ، ލަސްނުކޮށް އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން މިގޮތަށް ގޮވާލާފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާތީއެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިވަގުތު ބައެއް ފަނޑިޔާރުން ހިމޭނެ ކަމަށް ބިޝާމް ވިދާޅުވުމަކީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަން އެންމެހައި މުއައްސަސާތަކަށް އެޖަމިއްޔާގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ބަޔާނުގައި އިތުރަށް ބުނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އެ ބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ މިންވަރަށް ކަމަށެވެ.
މީގެއިތުރުން ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް އެއްވެސް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރުމަށްފަހު ދައުލަތުގެ ފައިސާ ލިބުނު، މީހުންގެ ގޮތުގައި 155 މީހުންގެ ލިސްޓެއް އާއްމުކުރިއެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އެބަތިއްބެވި ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފައެވެ.