ރައްޔިތުންގެ އާދޭސްތަކަށް މިއަދު ބީރު ކަންފަތެއް ދެއްވައިފިނަމަ، 2023 ގައި ރައްޔިތުން ވެސް ދޭނީ ބީރު ކަންފަތެއް ކަމަށް ވިދާޅުވެ، ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައިވަނީ އިސްލާމް ދީނަށާއި މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި އެޖަމިއްޔާ އުވާލުމަށާއި ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ގުޅުމުން ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީއެން ބަންދުކުރުމަށް ގޮވަމުންދާއިރު ރައްޔިތުންގެ އާދޭސްތަކަށް މިއަދު ބީރު ކަންފަތެއް ދެއްވައިފިނަމަ، 2023 ގައި ރައްޔިތުންގެ ގާތަށް ވޯޓަށް ސަލާމް ޖަހަން ދިއުމުން ރައްޔިތުން ވެސް ދޭނީ ބީރު ކަންފަތެއް ކަމަށެވެ.
އިޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ކިތަންމެ މަތީ ފަންތިއެއްގެ މީހަކު ކުށެއްކުރިޔަސް އެމީހަކަށް އެކަމުގެ ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އެމްޑީއެން ވަނީ ގާނޫނު އަސާސީއާއި ހިލާފުވެފައި ކަމަށާއި އެކަމުގެ ހައްގު އަދަބު ދެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރަން ގޮވާ ފަރާތްތަަކުން އެކަން ވިޔަ ނުދިނުމަށް ހުރަސްއަޅާ ކަމީ އަރަތެއް ކަމަށާއި އެމްޑީއެންގެ ރިޕޯޓު ދިފާއުކޮށް ވާހަކަ ދައްކާ މީހުން ތިބީ ހިނދުކޮޅުގައިތޯ ބަލަންޖެހޭ ކަމަށެވެ.