ވިޔަފާރި

ބީއެމްއެލްގެ ޕިންކް ރިބަން ރަން-ވޯކް އަންނަ ހޮނިހިރު ދުވަހު

މަރިޔަމް ޝަހުދާ

ހުޅުމާލެއާއެކު އިތުރު 30 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕިންކް ރިބަން ރަން-ވޯކް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ބީއެމްއެލުން ކޮންމެ އަހަރަކު ބާއްވާ ޕިންކް ރިބަން ރަން-ވޯކް އަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމުގެ އިތުރުން، ކެންސާ ސޮސައިޓީއަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަކީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ބީއެމްއެލް އާއި ކެންސާ ސޮސައިޓީ އެކުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ޕިންކް ރިބަން ރަން-ވޯކް ފެށުމަށް ހަމަޖެހިފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހުރިހާ ސަރަހައްދެއްގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރުއެވެ.

އެގޮތުން ހުޅުމާލޭގެ އިތުރުން ޕިންކް ރިބަން ރަން-ވޯކް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަށްތަކަކީ، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހއ.ހޯރަފުށި، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ނ. މަނަދޫ، ނ.ހޮޅުދޫ، ރ.އުނގޫފާރު، ރ.މީދޫ، ބ.އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، ކ.ކާށިދޫ، އއ.ރަސްދޫ، އދ.މަހިބަދޫ، ވ.ފެލިދޫ، މ.މުލި، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ވޭމަންޑު، ތ.ގުރައިދޫ. ލ.ފޮނަދޫ، ލ.ގަން، ގއ.ވިލިނގިލި، ގދ.ތިނަދޫ، ގދ.ގައްދޫ، ޏ.ފުވައްމުލަކު، ސ.މަރަދޫފޭދޫ، ސ.ހިތަދޫ އަދި ސ.ހުޅުމީދޫއެވެ.

ޕިންކް ރިބަން ރަން-ވޯކް ގައި ބައިވެރިވުމަށް ރަޖިސްޓާ ވާކަށް ނުޖެހެއެވެ. ނަމަވެސް މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާނަމަ ޓީ-ޝާޓް ގަތުމުން ރަޖިސްޓާ ވެވުނީ ކަމަށް ބީއެމްއެލުން މައުލޫމަތު ދެއެވެ.

އެގޮތުން މާލެއިން ޓީޝާޓް ލިބޭނީ ޗާންދަނީމަގު ކައިރި ލެކިއުޓުންނެވެ. އަތޮޅުތެރޭގެ ރަށްރަށުން ބީއެމްއެލުން ކަނޑައަޅާ ތަނަކުން ޓީޝާޓް ގަނެވޭނެއެވެ.

ބީއެމްއެލުން ބުނީ، އެ ހަރަކާތުގައި ބައިވެރިވުމަށް ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ދިނުމަށް ހަމަޖައްސާފައިވަނީ ކެންސަރު ސޮސައިޓީއަށް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާއިން މި ފައިސާ ހޭދަ ކުރާނީ ދިވެހިން ކެންސަރު ބައްޔަށް އިތުރަށް އަހުލުވެރިކޮށް، ކެންސަރަށް މިހާރު ފަރުވާ ހޯދަމުން އަންނަ ދިވެހިންނަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޯށްދިނުމަށް ކަމަށް ބީއެމްއެލުން ބުނެއެވެ.