ކުއްލި ޚަބަރު

ހުޅުމާލެ ހައިވޭގައި ދެ އެކްސިޑެންޓެއް ހިނގައި ޒަހަމްވި ތިން މީހަކަށް ފަރުވާދޭން ފަށައިފި

މަރިޔަމް ޝަހުދާ

ހުޅުމާލެ ހައިވޭގައި ދެ އެކްސިޑެންޓެއް ހިނގައި ޒަހަމްވި ތިން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

މި ދެ އެކްސިޑެންޓުގެ ތެރެއިން ފުރަތަމަ އެކްސިޑެންޓު ހިނގީ ސައިކަލެއް ކަހާލައިގެން ކަމަށާއި ދެވަނަ އެކްސިޑެންޓު ހިނގީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި މަޑުކުރި ސައިކަލެއްގައި އޭގެ ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް އެ ސަރަހައްދުގައި ހުރި "ވަން" ގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

މި ދެ އެކްސިޑެންޓުގެ ތެރެއިން ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެންނެވެ. އަދި އެމީހާއަށް އެކި ވަރުގެ އަނިޔާ ވެފައި ވީނަމަވެސް، އޭނާ އެ ސަރަހައްދުން ދިޔައީ އަމިއްލަ ސައިކަލުގައި ކަމަށް އެ ސަރަހައްދުގައި ހުރި ވަންގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ. އަދި ފުލުހުން އެމީހާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަންގެ ނޫސްވެރިޔާ މައުލޫމާތުދިނެވެ.

ދެވަނަ އެކްސިޑެންޓު ހިނގަން މެދުވެރިވީ ފުރަތަމަ އެކްސިޑެންޓު ހިނގުމުން އެސަރަހައްދުގައި ހިނގާ ކަންކަން ބަލަން މަޑު ކުރި ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަޑު ކުރި ސައިކަލުގައި އިން ފިރިހެނަކަށާއި، ފަހަތުން އައި ސައިކަލުގައި އިން އަންހެނަކަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާގެ އަނގައިން ލޭއައުމުގެ އިތުރަށް ފަޔަށް އަނިޔާވެ، ނުހިނގޭތީ، ހޮސްޕިޓަލަށް ގެންދިއުމަށް އޭނާ ފުލުހުންގެ ޖިޕަށް އަރުވާފާވަނީ އާންމުންގެ އެހީއާއެކު އެވެ. މި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ފުލުހުންގެ ކާރުގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލު ދުއްވަން ތިބި ތިން މީހުން އަތުގައިވެސް ލައިސަންސް އޮތް ކަމަށެވެ. އަދި ދެވަނަ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.