މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން ނެރުނު، އިސްލާމްދީނާ ހިލާފު ރިޕޯޓުގެ ތަހުޤީގަށް ފުލުސް އޮފީހަށް ހާޒިރުވާން އެންގި އެޖަމިއްޔާގެ މަސްއޫލު މެންބަރެއް ކަމުގައިވާ ޑރ. އަޒްރާ ނަސީމް ގެ ނަން އާއްމު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ ނަން ފުލުހުންގެ އިއުލާނުން ނަގާފައެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ އަޒުރާ ނަސީމާ ފުލުހުންނަށް ގުޅިއްޖެ ކަމަށާއިި ހާޒިރު ވުމުގެ މެސެޖު ދެވިއްޖެ ކަމަށެވެ. ނަމަވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުވާނެތޯ ނުވަތަ ނޫންތޯއެއް، އަދި ހާޒިރުވާނަމަ ހާޒިރުވާން އެއްބަސްވި ދުވަހެއްވެސް ފުލުހުން ނުބުނެއެވެ. އަޒުރާ ނަސީމް މިހާރު މަސައްކަތް ކުރަމުން އަންނަނީ އަޔަރލޭންޑްގެ ޑަބްލިން ސިޓީ ޔުނިވަރސިޓީގެ ޓެރަރިޒަމް އެކްސްޕާރޓެއްގެ ވަޒީފާގައެވެ. ހަމަ އެޔުނިވަރސިޓީން ޕީ.އެޗް.ޑީ ހާސިލް ކޮށްފައިވާ އަޒުރާ އަކީ، މީގެ ކުރީން އާއްމުކޮށް އެނގިފައި ނެތަސް، އިސްލާމް ދީނަށާއި ރަސޫލް (ސ.އ.ވ) އަށް މުހާތަބުކޮށް ނޭދެވޭ ބަހުރުވައިން މާކުރިންވެސް ލިޔެފައިވާ މީހެކެވެ.
މީގެ ހަތް އަހަރު ކުރީން އޭނާ ޑަބްލިން ސިޓީ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ހާސިލު ކުރުމަށް ހުށަހެޅި ޑޮކްޓްރޭޓް ތީސިސްގެ 58 ވަނަ ސޮފުހާގައި، ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ލިޔެފައިވަނީ:
“Koran is such a great spirit of lies”
މިފަދައިންނެވެ. މާނައަކީ ކީރިތި ޤުރުއާނަކީ ވަރަށް ވަރުގަދަ ދޮގޮތަކެއް ކަމަށެވެ. އަދި ރަސޫލު (ސ.އ.ވ) އަށް ނިސްބަތްކޮށް، އެރަސޫލާއަކީ "ކަޅު ދައްޖާލެއް"ކަމުގައި މާރޓިން ލޫތަރ ނަމަކަށް ކިޔާ ކްރިސްޓިއަން ފާދިރީ އަކު ބުނިކަމަށް ވެސް އަޒުރާގެ ތީސިސްގެ 58 ވަނަ ސޮފުހާގައި ވެއެވެ. އަދި އެތީސިސްގެ 59 ވަނަ ސޮފްހާގައި ވެއެވެ:
“‘Is it worse to follow Mahomet or the Devil?”
މާނައަކީ: މުހައްމަދު އަށް ތަބާ ވުމަކީ ޝައިތާނާއަށް ތަބާވުން ފަދަ ކަމެކޭއެވެ.
އޭނާގެ ތީސިސްގެ 63 ވަނަ ސޮފުހާގައި ވެއެވެ:
“Presenting Mohammed as Satan or Anti-Christ, a practice rife during the Middle Ages in Europe, also became valid ‘truths’ during this period.”
މިފަދަ އެތައް ހަޑި ހުތުރު ބަސްތައް، ޑރ. އަޒުރާ ނަސީމްގެ ޕީ.އެޗް.ޑީ ތީސިސް ގައި، އިސްލާމް ދީނަށާއި، ކީރިތި ޤުރުއާނަށާއި، ރަސޫލް (ސ.އ.ވ) އަށް ނިސްބަތް ކޮށް ބަޔާން ކޮށްފައި ވެއެވެ. މި ތީސިސް މިހާރުވެސް ޑަބްލިން ސިޓީ ޔުނިވަރސިޓީގެ ވެބްސައިޓުން ފެންނާން އެބައޮތެވެ. ލިންކަކީ:
.http://doras.dcu.ie/16812/1/NaseemPhD.pdf އެވެ.
އެމް.ޑީ.އެން ރިޕޯރޓްގެ މައިގަނޑު މުސައްނިފަކީ، ބެލެވޭ ގޮތުގައި ޑރ.އަޒުރާ ނަސީމެވެ. ނަމަވެސް އެ ޖަމިއްޔާގެ އެހެން ފަރާތަތައްވެސް މީގައި އެކި ވަރުވަރަށް ބައިވެރި ވެފައި ވެއެވެ. އެމް.ޑީ.އެން ރިޕޯޓްގެ މާކުރިން 2012 ވަނަ އަހަރު އަޒުރާ ނަސީމް ލިޔުނު ތީސިސްގައި އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށާއި ރަސޫލް (ސ.އ.ވ) އަށް މިފަދަ ހަޑި މުޑުދާރު ބަސްތައް ރައްދުކޮށްފައިވާ އިރު ވެސް، ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސް، މުހައްމަދު ނަޝީދު އެކިއެކި މުނާސަބަތު ތަކުގައި މަސައްކަތް ކުރައްވާފައި ވަނީ އެމް.ޑީ.އެން ގެ ރިޕޯރޓް ލިޔުނު ފަރާތްތައް ދިފާއު ކުރެއްވުމަށެވެ. އެ ރިޕޯރޓް ލިޔުނު ދިވެހީންނަކީ ޔޫރަޕުން ތައުލީމް ހާސިލް ކޮށްގެން އައިސް ތިބި ބަޔަކަށް ވުމުން އިސްލާމް ދީނުގެ ހުކުމްތަކާ ބީރައްޓެހި ވުމުން ލިޔުމުގައި އަރާފަ ހުރި އޮޅުން ތަކަކުން ލިޔެވުނު އެއްޗެއް ކަމަށް ވިދާޅުވެ ނަޝީދު މަސައްކަތް ކުރައްވަނީ އަޒުރާ ނަސީމް ފަދަ ފަރާތްތައް ދިފާއު ކުރެއްވުމަށެވެ.
އެމް.ޑީ.އެން ރިޕޯރޓުގައިވާ މިފަދަ ދަށު ދަރަޖައިގެ ބަސްތަކުގެ ސަބަބުން ދިވެހި މުސްލިމުންގެ ގިނަ ބައެއްގެ ލޭކެކި، ރުޅިގަދަވެ، އެމް.ޑީ.އެން އުވާލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔެ، މުޒާހަރާ ކުރުމުން އެފަދަ ދިވެހި މުސްލިމުންނަކީ ފިތުނަ އުފައްދަން އުޅޭ ބައެއް ކަމަށް ނަޝީދާއި، އެމް.ޑީ.ޕީ ސެކްރެޓޭރިއެޓުން ވަނީ ބުނެފައެވެ. އެމް.ޑީ.އެން ރިޕޯރޓް އޮތްތާގައި ބާއްވާފައި އަޒުރާ ނަސީމްގެ މި ތީސިސް އާއި، އަދި ޝަހިންދާ ޖަރުމަނުގައި ހުރެގެން ކުރަމުންދާ ޓްވީޓްތަކަށް ބަލާލުމުންވެސް، އެމް.ޑީ.އެން ރިޕޯރޓަކީ އޮޅިގެން ލިޔެވުނު ލިޔުމެއް ނޫންކަން ސާބިތުވެއެވެ. މިއީ ދިވެހީންގެ ތެރެއިން އަޒުރާ ނަސީމާއި، ޝަހިންދާ އިސްމާއިލް ފަދަ ބަޔަކު އިސްވެ ތިބެ، އެމީހުންނަށް ތާއިދު ކުރާ ދިވެހީންނާއި ބިދޭސީން ތަކެއްގެ ތާއިދާއި އެކު، މީގެ އެތައް އަހަރެއް ކުރީން ފަތުރަމުންދާ ލާދީނީ ފަލްސަފާއެކެވެ. ދިވެހީންގެ އިސްލާމީ ވަހުދަތު ފުނޑުފުނޑު ކޮށްލައި، ޒުވާން ޖީލު އިސްލާމްދީނާ ދުރު ކުރުމަށް، ރޭވިގެން ކުރެވެމުންދާ ބޮޑު މަސައްކަތެކެވެ.
ދިވެހި ރާއްޖޭގެ ފުލުހުން މިކަމުގެ ތަހުޤީގު ކުރަމުން އަންނަ ސްޕީޑް ދަށް ނޫން ކަމަށާއި، ފުލުހުންނަށް އިތުބާރު އޮތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމުގައި ވިޔަސް، އެމް.ޑީ.އެން އުވާލުމަށް ގޮވަމުން އަންނަ ފަރާތްތަކުން ބުނަނީ ފިޔަވަޅު އެޅުން ލަސް ކަމަށެވެ. އަޒުރާ ނަސީމް ގެ ތީސިސް ފަދަ ލިޔުންތަކާއި އެމް.ޑީ.އެން ގެ ރިޕޯރޓް ވެސް ފެންނަން އޮތް އިރު މިފަދަ ކުފުރުކަން ބޮޑު ލިޔުންތަކެއް ތައްޔާރު ކުރި ބަޔަކު ދިފާއުކޮށް ރައްޔިތުންގެ މަޖުލިހުގެ ރައީސް މަސައްކަތް ކުރައްވަމުން ގެންދެވުމަކީ މި ޤައުމުގައި އިސްލާމް ދީން ދެމިއޮތުމަށް އެދޭ ގިނަ ބަޔަކު ވަރަށްވެސް ބޮޑަށް ކަންބޮޑު ވާނެ ކަމެއްކަން ޔަޤީނެވެ.
އެމް.ޑީ.އެން އުވާލުމަށް ގޮވާލުމުގެ އަޑު ގަދަ ވެފައިވާ މި ދަނޑިވަޅުގައި މިކަމާ ގުޅުވައިގެން ރައީސް ނަޝީދުގެ ވާހަކަ އަޅުގަނޑު ލިޔާތީ ދިވެހި ޝެއިޚަކު އަޅުގަނޑު ގާތު ބުންޏެވެ: "ނަޝީދުގެ ވާހަކަ ބާއްވާފަ ބޭން އެމް.ޑީ.އެންއޭ ގޮވުން ވަރުގަދަ ކުރޭ."
މިއީ މައްސަލައިގެ މޫ ގޮސްފައިވާ ހިސާބަށް ނުވިސްނައި ބުނެވުނު ބުނުމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެމް.ޑީ.އެން އުވާލިޔަސް އެ ރިޕޯރޓް ލިޔުނު މީހުން އެތިބީ ޖަރުމަނު ވިލާތާއި އަޔަރލޭންޑް ފަދަ ބޭރު ޤައުމުތަކުގައި ފިލައެވެ. އަދި، ނާދިރު ހާލަތެއްގައި، އެއިން މީހަކާ މެދު ފިޔަވަޅު އެޅުނަސް، އެމީހުންނާއި އެމީހުންގެ ލިޔުންތަކަށް ތާއިދު ކުރާ އެތަކެއް ދިވެހީން އެބަތިއްބެވެ. އޭގެ ހެއްކަކީ ޝަހިންދާ އިސްމާއިލްމެން ކުރާ ޓްވީޓްތަކަށް ލައިކް ޖަހާ ދިވެހީންގެ އެތައްބަޔަކު މިހާރުވެސް ތިބި ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސާއި، މަޖުލިސްގެ އެމް.ޑީ.ޕީ ގިނަ މެންބަރުން މި ފެންނަނީ ނަޝީދާއި އެމް.ޑީ.އެން ގެ ރިޕޯރޓް، ސީދާ ކޮށްނާއި ނުސީދާ ކޮށް، ދިފާއު ކުރަމުންދާ ތަނެވެ.
ރާއްޖޭގެ ޤާނޫނުގައި ވާ ގޮތުން އެމް.ޑީ.އެން އުވާލަން ޖެހެއެވެ. އަދި އެމް.ޑީ.އެން އުވާލަން ގޮވާލުންވެސް ހަމަ ރަނގަޅެވެ. ނަމަވެސް މިމައްސަލައިގައި އެންމެ ބޮޑަށް ހަޤީގަތުގައި ކަންބޮޑު ވާން ޖެހެނީ ބައެއް ދިވެހިންގެ ތާއިދާ އެކު، މަޖުލިސް ރައީސް މުހައްމަދު ނަޝީދު އެެމް.ޑީ.އެން ގެ ދިފާއުގައި ނިކުމެ ހުންނެވި ކަމެވެ. އެއީ މި ދިވެހި ޤައުމުގައި އިސްލާމް ދީން ދެމި އޮތުމަށް އެދޭ ކޮންމެ ދިވެއްސަކުވެސް ބިރުވެތިވެ، ވިސްނައި ފިކުރު ކުރަން ޖެހޭ ވަރަށް ބޮޑު މައްސަލައެކެވެ. ދިވެހި ސަރުކާރުން މިމައްސަލައަށް ހައްލާއި އިންސާފު ހޯދައިދޭ އިރު މިހުރިހާ ކަމަކަށް ވިސްނައި، މައްސަލައިގެ މުލުން ލުހެލައިގެން މެނުވީ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެކަން ޔަޤީނެވެ.