މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެން ރިޕޯޓު، އެވެނި މިވެނިކަމަށް ވާހަކަ ދައްކަނީ ސީރިޔާއަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވޭ މީހުން

އިބްރާހިމް ޒަކީ

8

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ލިޔުންތަކެއް ހިމަނައިގެން އެމްޑީއެން އިން ނެރުނު ރިޕޯޓަކީ ވަކި ކަހަލަ ރިޕޯޓެއް ކަމަށް ވިދާޅުވެ އެންމެ ހަރު އަޑުން ވާހަކަ ދައްކަވާ ބޭފުޅުންނަކީ ސީރިއާއަށް މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާ ފަރާތްތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައިވާ އިސްލާމްދީނަށް ފުރައްސާރަވާ ބަހުރުވަ އާއި ކަންތައްތަކުގެ ވާހަކަތައް ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާއި އަދި ސަރުކާރުންވެސް ކުށްވެރި ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއްގޮތަކަށްވެސް ފާހަގަ ނުކުރެވޭ އެހެން ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އެއީ ސީރިއާއަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ ކަމަށް ވިދާޅުވިއެވެ.

"އެ ރިޕޯޓްގައިވޭ އެބަ އެހެން ވާހަކަތަކެއް، އެއްގޮތަކަށްވެސް ފާހަގަ ނުކުރެވޭ، އެއީ ސީރިއާއަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ، ފާހަގަވެގެން މިދަނީ މި ރިޕޯޓްމީ މިވެނި އެވެނި ރިޕޯޓެއް ކަމަށް ވިދާޅުވެ އެންމެ ހަރުއަޑުން ވާހަކަ ދައްކަވަނީ އެ ރިޕޯޓުގައި ސީރިއާއަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވި އިނގިލި ދިއްވެފައިވާ މީހުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓާ ބެހޭގޮތުން ވާހަކަ ދައްކާގޮތުން ރިޕޯޓުގައިވާ އަސްލު އަސާސީ ވާހަކަ ގެއްލިގެންދާ ކަމަށެވެ. ދެން ނިކުންނަނީ ސަރުކާރަށް ހަމަލާއެއްގެ ގޮތުގައި ނެގޭނެ ހަތިޔާރެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންވީމާ ވެގެން މިދާ ގޮތަކީ މި ރިޕޯޓުގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލި ދަނީ، ގޮސްފައި ރިޕޯޓުން މި ނުކުންނަނީ ސަރުކާރަށް ހަމަލާއެއްގެ ގޮތުގައި ނެގޭނެ ހަތިޔާރެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.