ވިޔަފާރި

ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް އެމްއެމްޕީއާރުސީން ހިންގައިފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން "ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ޔޫކޭގެ ވެރިރަށް، ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އައުޓް ޑޯ ކެމްޕޭނެއް ހިންގައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 23 އިން ފެށިގެން މިމަހުގެ ހައެއްގެ ނިޔަލަށް ކަމަށާއި މި ކެމްޕޭނަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ.

އެގޮތުން މި ކެމްޕޭނުގެ ތެރެއިން "ވިޒިޓް މޯލްޑިވްސް" ޖަހާފައިވާ ޑިޖިޓަލް ސްކްރީން ތަކެއް ލަންޑަނުގެ ބައެއް ބަސްތަކާއި ވޯޓާލޫން ރޭލް ސްޓޭޝަންގައި އަދި ބައެއް ބަސް ހުއްޓި ތަކުގައި ބަހައްޓާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ވޯޓާލޫން ރޭލް ސްޓޭޝަނަކީ ލަންޑަނުގެ އެންމެ ބިޒީ ރޭލް ސްޓޭޝަން ކަމަށާއި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 94.4 މިލިއަން މީހުން އެ ސްޓޭޝަން މެދުވެރިކޮށް ދަތުރުކުރާ ކަމަށެވެ. އެހެންކަމުން ދެ ހަފުތާއަށް ކުރިއަށް ގެންދިޔަ އިޝްތިހާރު ކެމްޕޭނުގައި ގާތްގަޑަކަށް 3.2 މިިލިއަން މީހުންނަށް ރާއްޖޭގެ އިޝްތިހާރު ފެނިފައިވާނެ ކަމަށް ލަފާކުރާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އިޝްތިހާރު ކެމްޕޭނުގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ 40 ޑިޖިޓަލް ސްކްރީން ލަންޑަނުގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ވަރަށްބޮޑަށް ތަރައްގީވެ ކުރިއަރާފައިވާކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ މިއީ ރާއްޖޭގައި އިތުރު ރިސޯޓުތައް ގާއިމުކުރުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އޭރުން އެ އެއާޕޯޓުން ކޭޓަރ ކުރެވޭ މީހުންގެ އަދަދު 7.5 އަށް އަރާނެކަމަށް އެމްއެމޕީއާރުސީން މައުލޫމާތުދެއެވެ. އަދި ރާއްޖެއިން ލަންޑަނަށް ކުރާ ވައިގެ ދަތުރުތައް ކުރިއަށް އޮތް ތަނުގައި އިތުރުކުރާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ޔޫކޭ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. އެގޮތުން މިއަހަރުގެ ޖެނުއަރި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ޖުމުލަ 83،089 ފަތުރުވެރިން ޔޫކޭ އިން ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށް އެމްއެމްޕިއާރުސީން ބުނެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 10.5 އިންސައްތަ އިތުރު އަދަދެކެވެ.

ޔޫކޭ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ޓޫރިޒަމްގެ 7.3 އިންސައްތަ ހިއްސާކުރަނީ ޔޫކޭ އިން ކަމަށެވެ. އަދި މި އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށްވެސް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.