ބޮލީވުޑް

ސައިނާގެ ބައޯޕިކްއަށް ޕަރިނީތީ ބެޑްމިންޓަން ދަސްކުރަނީ

ބޫޝަން ކުމާރުގެ ފިލްމު "ސައިނާ ނެހްވަލް"ގެ ބައޯޕިކްގެ ޝޫޓިން ޕަރިނީތީ ޗޯޕްރާ ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ސައިނާ އަކީ ދުނިޔޭގެވެސް އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އެހެންކަމުން ފިލްމުގެ ޝޫޓިންއަށް ޕަރިނީތީ މިވަނީ ބެޑްމިންޓަން ކުޅެން ދަސްކުރަން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ފަރާތުން ޝޫޓިން ހަމަޖައްސާފައިވަނީ ޕަރިނީތީއަށް ބެޑްމިންޓަން ކުޅެން ވަގުތު ހުސްވާ ގޮތަށެވެ. އެގޮތުން ކޮންމެ ތިން ދުވަހަކު ޝޫޓް ކުރުމަށްފަހު އަންނަ ދުވަހަކީ އޭނާ ބެޑްމިންޓަން ކުޅެން ބްރޭކް ލިބޭ ދުވަހެވެ. ފިލްމުގެ ޑައިރެކްޓަރު އަމޯލް ގުޕްތާ ބޭނުންވަނީ އޮންސްކްރީންގައިވެސް ޕަރިނީތީ ޕްރޯކޮށް ބެޑްމިންޓަން ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މިހާރު ޝޫޓްކުރަމުން އަންނަނީ އާއިލާއާއި ރައްޓެހިން އަދި ސައިނާ ފެންނަ ބައިތައް. މެޗްތަކުގެ ބައި ޝޫޓް ކުރާނީ ޕަރިނީތީއަށް ރަނގަޅަށް ބެޑްމިންޓަން ކުޅެން ދަސްވުމުން. އެހެން ކަމުން ޕަރިނީތީއަށް ވަނީ ދަސްކުރުމަށް ވަގުތު ހުސްވާ ގޮތަށް ޝެޑިއުލެއް ދީފަ. އޭނަވެސް ވަރަށް މަސައްކަތް އެބަ ކުރޭ. ރަނގަޅަށް ޓްރެއިން ވުމުން މެޗްތައް ޝޫޓް ކުރަން ފަށާނަން." އަމޯލް މީޑިއާއަށް ދިން އިންޓަވިއުގައި ބުންޏެވެ.

ރިޕޯޓްތައް އިތުރަށް ބުނާ ގޮތުގައި ޕަރިނީތީ ބެޑްމިންޓަން އެންމެ މޮޅަށް ކުޅެން ދަސްކުރާތާ މިހާރު ހަމަސްވެފައިވާއިރު އޭނާ ލަންޑަން ދިޔައީ ކޯޗްވެސް ގޮވައިގެންނެވެ.