މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރުމަށް ހަވާލުކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އެމަނިކުފާނަށް އަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުވި މެސެޖެއްގައި އިމްރާންގެ އިތުބާރު ގެއްލިފައިވާ ސަބަބެއް ކަމަށް ވިދާޅުވީ، މީހުން މެރުމަށް ގޮވާ ބިރުވެރިކަން ފަތުރާ މީހުން އެނގޭއިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާތީއެވެ.
އިމްރާން ވިދާޅުވީ، ރާއްޖޭގައި ދީނީ ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ރާއްޖޭގެ ސުލްހަމަސްލަހަތަށް އެންމެ މުހިންމު އެއް ކަންތައް ކަމަށާއި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުމާއި ދީނަށް ފާޑުކިޔުން ރައްދުވާ ގޮތަށް ރާއްޖޭގައި ކަންކަން ހިނގައިގެން ދިއުން ގަބޫލުނުކުރައްވާ ކަމަށެވެ.
އެކަންކަން ހަމަމަގަށް އެޅުވުމަށްޓަކާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މިނިސްޓަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ދީނީ އަދި ގާނޫނީ މިންގަނޑުގެ ތެރެއިން އަދާކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މަސައްކަތް ކުރަމުންދާ ގޮތް ދެކިވަޑައިގަންނަވާ ބޭފުޅުން ގާތުން ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މީގެ އެއްވެސް ކަމެއްގައި އިހުމާލު ވެފައިނުވާކަން. އަޅުގަނޑުގެ ޒިންމާ ފުރިހަމައަށް އަދާކުރަމުން ގެންދާކަން،" މިނިސްޓަރު ވިދާޅުވިއެވެ.