ވިޔަފާރި

ބީއެމްއެލްގެ ހިންގުމުގެ ފައިދާ 1.2 ބިލިއަނަށް

އާނިފާ ހުސެއިން ސިރާޖް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ހާމަކުރި އެ ބޭންކުގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން، ޓެކްސަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފައެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު ހަތަރު އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށާއި ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ތެރޭގައި ބީއެމްއެލް އިން މާލީ ރަނގަޅު ނަތީޖާއެއް ހޯދައި މުޖުތަމައަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު ހުޅުވާފައި ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމެއްވެސް ގާއިމުކޮށްފައެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރުގައެވެ. މީގެ އިތުރުން 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުން ވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.

"މި އަހަރުގެ ފުރަތަމަ 6 މަހުގައި ހޯދުނު ކާމިޔާބު ނަތީޖާ ދަމަހައްޓައި، ބޭންކް ކުރިއަރައި ދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި ކާމިޔާބު ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އިންވެސްޓްމަންޓާއި ޕްރޮވިޝަން ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ޚިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑްގެ ސަބަބުން މުހިންމު ހުރިހާ ދާއިރާއަކުންވެސް މިވަނީ ރަނގަޅު ފައިދާއެއް ލިބިފަ. އަޅުގަނޑުގެ އުންމީދަކީ މިއަހަރުވެސް ކާމިޔާބުކަމާއެކީ ނިންމާލެވޭނެކަމަށް. ބޭންކުން ހޯދަމުން އަންނަ ނަތީޖާ ދެމެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." މި ނަތީޖާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއެވެ.