ދިރާގު

ދިރާގުގެ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" އަންނަ ބުދަ ދުވަހު

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް ދިރާގުގެ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލް އޮންނަ ދުވަސް އިއުލާނުކޮށް، ފެސްޓިވަލާ ބެހޭ އިތުރު މައުލުމާތު ދިނުމަށް މިއަދު ބޭއްވި ޕެރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކާ އަޅައި ބަލާ އިރު، މިހާތަނަށް މި ފެސްޓިވަލުގައި އެންމެ ގިނަ އަދަދެއްގެ ސުކޫލުތަކުން ބައިވެރިވީ މިއަހަރު ކަމުގައެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލުގައި ހަތަރު ޖަމިއްޔާ (އެންޖީއޯ)އަކާއި 14 ސްކޫލުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ނުވަ އަހަރު ކުރިން، އެންމެ ފުރަތަމަ 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގައި ބައިވެރިވީ އެންމެ 17 ކުދިން ކަން ފާހަގަކުރައްވައި ބިޝާރާ ވިދާޅުވީ ނަމަވެސް ކޮންމެ އަހަރަކު ވެސް މި ފެސްޓިވަލުގެ ބައިވެރީން އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ފެސްޓިވަލްގައި 400 އަށްވުރެ ގިނަކުދިން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދިރާގު "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގައި ބައިވެރިވަމުން އަންނަ ބައެއް ކުދިން މިހާރު، ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ގޭމްސްތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ފަހުރުވެރި ވަނަތައް ހޯދަމުން އަންނަކަން ބިޝާރާ ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު އިސްކަމެއްދެނީ ސްޕެޝަލް އޮލިމްޕިކްސްގައި ހިމެނޭ އިންޓަނޭޝަނަލް ގޭމްސްތައް، ދިރާގު "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ގެ ތެރެއިން ތައާރަފުކޮށްދިނުމަށް ކަމަށްވެސް ބިޝާރާ ވިދާޅުވިއެވެ.

މި ގޭމްސްތަކުގެ ތެރޭގައި ކޮމްޕެޓިޓިވް ރަނިންގް، ވީލްޗެއާ ރަނިންގް ގެ އިތުރުން އެންމެ ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮގެންވެސް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ދިރާގުގެ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގެ ގޭމްސްތަކުގެ ތެރެއިން ކުދިންގެ ހުނަރުތައް ފާހަގަކޮށް، އެކުދިންނަށް ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވެވޭނެ މަގު މި އިވެންޓުގެ ތެރެއިން ފަހިކޮށްދީފައިވާނެ ކަމަށާއި ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވާން ބޭނުންވާ ކުދިން، ރަޖިސްޓްރީ ކުރުމުގެ ހަރަކާތް "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގެ ތެރެއިން ކުރިއަށްދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

"ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" ގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި އިއްޔެ ވަނީ ބާއްވާފައެވެ.

މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.